އެފްރިކާ ގެ ބައެއް ގައުމުތަކުގައި ބާރަށް ފެތުރެމުންދާ އެމް-ޕޮކްސް ބަލި ފިލިޕީންސް އިންވެސް ފެނިއްޖެއެވެ.އެކަން ހޯމަ ދުވަހުވަނީ އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ޔަގީން ކޮށްދީފައެވެ.
ފިލިޕީންސް އިން ބަލިޖެހިފައި ވަނީ 33 އަހަރުގެ ފިރިހެނަކަށެވެ.ނަމަވެސް އެމީހާ އެއްވެސް ތަނަކަށް ދަތުރު ނުކުރާކަމަށް ވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުވެސް ފިލިޕީންސް އިން އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ފެނުކަމަށް ވެއެވެ.
ޑަބްލިއުއެޗްއޯ އިން ދާދިފަހުން ވަނީ އެމްޕޮކްސްއަކީ ދުނިޔޭގެ ފެންވަރުގެ ޕަބްލިކްހެލްތު އިމަރޖެންސީ އެއް ކަމަށް އިއުލާން ކޮށްފައެވެ.
މިފަހަރު ބަލިފެތުރެން ފަށާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ.އެގައުމުގައި 2022ގެ ފަހުކޮޅުން ފެށިގެން ބަލި ފެތުރެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.ފަހުން މިބަލީގެ އައު ވޭރިއަންޓެއް ވަނީ ފެންނަންފަށާފައެވެ.އަދި އައު ވޭރިއަންޓް ޖެހޭ މީހުން ހާލު ސީރިއަސްވެ ފުރާނަޔަށް ނުރައްކާވުމާއި ހަމަޔަށް ހާލަތުދާލެއް އަވަހެވެ.
މަންކީ ޕޮކްސް އާންމުކޮން ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ގައިގަ ބީހުމުންނާއި،ކައިރީގައިތިބެ ވާހަކަ ދެއްކުމުން ބުރާ ކުޅު ތިކިންނާއި ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުންނެވެ.އެމްޕޮކްސް ޖެހުމުން ފެންނަ އަލާމަތްތަކަކީ ހީކަރުވާފަ ހުން އައުމާ ގައިގަ ފޮޅުތަކެއް ނެގުމާއި ގައިގަ ރިއްސުމާއި އަދި ކަރާއި އެކިތަންތަނުގައި ގޮށް ލުމެވެ.
ފުރަތަމަ ބަލި ފެނުނު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގެ އިތުރުން އެފްރިކާގެ އެތައް ގައުމަކުން ވަނީ ބަލި ފެނިފައެވެ.މީގެތެރޭގައި ބުރުންޑީ، ނައިޖީރިޔާ،ދެކުނު އެފްރިކާ،ކެންޔާ، ރުވަންޑާ، ޔުގަންޑާ،ކެމަރޫން،ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލައިބީރިޔާ އަދި ގާނާ ހިމެނެއެވެ. ބުރުންޑީން 173 މީހުންނަށް ބަލިޖެހިފައިވާއިރު ނައިޖީރިޔާގައި 39 މީހުނަށް ވަނީ ބަލިޖެހިފައެވެ.
ފިލިޕީންސްގެ އިތުރުން އެފްރިކާއިން ބޭރުން އެމްޕޮކްސް ފެނިފައިވާ ގައުމުތަކުގެތެރޭގައި ޕާކިސްތާން،އަދި ސްވީޑްން ހިމެނެއެވެ. ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާ އިން ތިން މީހުންނަށް ވަނީ ބަލިޖެހިފައެވެ.މިތިން މީހުންވެސް ބަލިޖެހިފައިވާކަން އެނގުމުގެ ކުރިން ޔޫއޭއީ އަށް ދަތުރު ކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ.
ސްވީޑްންއިން ބަލި ފެނުނުކަން ޔަގީން ކޮށްދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.އެގައުމުން ބަލި ޖެހުނީ އެކަކަށެވެ.އޭނާވަނީ އެފްރިކާއަށް ދަތުރު ކޮށްފައި ކަމަށް ވެއެވެ.
އެމްޕޮކްސް ބާރަށް ފެތުރެމުން ދިއުމާއި އެކު ޔޫރަޕްގެ ގައުމުތަކާ އެހެންވެސް ހިސާބުތަކުން ދަނީ ގައުމަށް އެތެރެވާ ގޭޓް ތަކުގައި ހެލްތު ސްކްރީންތައް ވަރުގަދަކުރަމުންނެވެ.