ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ.
މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގައެވެ. މި ރަސްމިއްޔާތު ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޕާކިސްތާނު ރައްޔިތުންނާއި ދިވެހި ރައްޔިތުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަގާފައި ވާއިރު ސަޤާފީ ހެދުމުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ކުޑަކުދިން ޤައުމީ ލަވަތައް ކިޔައި، ހަރަކާތްތަކެއް ހުށަހެޅިއެވެ. ޕާކިސްތާނުގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމަށްޓަކައި ކޭކެއްވެސް ވަނީ ފަޅައިފައެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ އެވެ.
ވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާތަބުކުރައްވަމުން، ހައި ކޮމިޝަނަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނު ރައްޔިތުންނަށް މަރުޙަބާ ދެންނެވިއެވެ.
މި ދުވަހުގެ މުހިންމުކަން ފާހަގަކުރައްވަމުން، ހައި ކޮމިޝަނަރު ޤައުމުގެ ބައްޕަ، ޤާއިދު އަޒަމް މުޙައްމަދު ޢަލީ ޖިނާއަށާއި ޕާކިސްތާނުގެ މިނިވަންކަމުގެ ހަރަކާތުގެ އެހެނިހެން ލީޑަރުންނަށް ތަޢުރީފު ކުރެއްވިއެވެ. އެ ބޭފުޅުންގެ ދުރުވިސްނުންތެރި ލީޑަރޝިޕާއި ޤުރުބާނީތަކުގެ ސަބަބުން ވަތަނުގެ ހުވަފެން، ޙަޤީޤަތަކަށް ވެގެން ދިޔައެވެ. އަދި މިހާރުގެ ކުރިއެރުމާއި ތަރައްޤީއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައި، ޕާކިސްތާނުގެ އެކި ދާއިރާތަކުގައި ހުރި ފުރުޞަތުތައް ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރު (އައިއައިއޯޖޭކޭ) އަދި ފަލަސްޠީނުގެ ހިތްވަރުގަދަ ރައްޔިތުން ހަނދާންކުރައްވާ އެ ރައްޔިތުންނަކީ 70 އަހަރަށްވުރެ ގިނަ ދުވަހު ޙައްޤަށްޓަކައި ހަނގުރާމަކުރަމުން އަންނަ އަދި ދައުލަތުގެ އެންމެ ނުރައްކާތެރި އަނިޔާތަކާ ކުރިމަތިލަމުންދާ ބައެއްކަން ހައި ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އައިއައިއޯޖޭކޭގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤު ހޯދުމަށް ދާންދެން، ޕާކިސްތާނުން އަޚްލާޤީ، ސިޔާސީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނެކަން އޭނާ އަލުން ޔަޤީންކޮށްދެއްވިއެވެ.
ހައި ކޮމިޝަނަރު ވަނީ ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީއަށް އެދި ހެޔޮ އެދުންތައް ފާޅުކުރެއްވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ފާޅުކުރައްވާފައެވެ.
މީގެ ކުރިން، ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤުރްނައިން އަޙްމަދު މެހެމާނުންނަށް މަރުޙަބާ ދެންނެވިއެވެ. އެމީހުންގެ ޤައުމީ ރޫޙު ތަޢުރީފުކުރައްވައި، މި ރަސްމިއްޔާތުގައި ބައިވެރިވި ރާއްޖޭގެ އަޚުންނާއި އުޚްތުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ. އެގޮތުން ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި 1947 ވަނަ އަހަރުގެ 14 ވަނަ ދުވަސް ހަމަޖެއްސި އިރު، އެ މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ.