ފުރާންސުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލަންޖެހޭ: އާދަމް ޝަރީފް

Loading

Facebook
Twitter
WhatsApp

ފުރާންސުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖޯކު ޖަހައިފައިވާތީ، އެޤައުމުގެ އުފެއްދުންތަށް ރާއްޖެ އެތެރެކުރުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބައެއް ޤައުމުތަކުން އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރަމުންދާ ކަމަށާއި އެ ޤައުމުތަކާއި މެދު ދިވެހި ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ކަމަށެވެ. އެއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި ދިވެހިން ބޭނުންވަނީ އިސްލާމްދީނުގެ ހައްޤުގައި ރާއްޖޭން މަސައްކަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ވިދާޅުވެފައިވަނީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މިއަދު ފްރާންސުން ރާއްޖެއަށް މި އެތެރެކުރާ ތަކެތި ހުއްޓުވަން އެބަޖެހޭ ކަމަށެވެ. އަދި ފްރާންސުން އެވަނީ ﷲ ސުބުޙާނަހޫ ވަތައާލާއަށް، ޚާއްސަކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ޖޯކު ޖަހައިފައި ކަމަށެވެ.

އާދަމް ޝަރީފް މިގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވިފަހުން ސަރުކާރުން ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

މި ބަޔާނުގައި ފްރާންސްގެ ނަން ގެނެސްފައިނުވާކަން ފާހަގަ ކުރެވެއެވެ. މިބަޔާނުގައި ވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމަކީ ފިތުނަވެރިކަމުގެ ގޮތުން ގަސްތުގައި ހިންގާ ޢަމަލުތައް ކަމަށާއި އެކަން ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ.

އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފްރާންސް ސަރުކާރުން ފުރައްސާރަކުރި މައްސަލައިގައި އެޤައިމު ކުށްވެރިކޮށް އިސްލާމީ ގިނަ ޤައުމުތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެޤައުމުގެ އުފެއްދުންތައް ބައެއް ޤައުމުތަކުގެ ވިޔަފާރިވެރިން ބޮއިކޮޓް ކުރި އިރު، އެ އުފެއްދުންތައް ބޮއިކޮޓް ކުރަން ބައެއް ސަރުކާރު ތަކުން ވެސް ގޮވައިލި އެވެ. ފްރާންސް ކުށްވެރިކޮށް އަޑު އުފުލަން ބައެއް އިސްލާމީ ޤައުމުތަކުގައި ބޮޑެތި މުޒާހަރާތައް ވެސް ވަނީ ކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް