އެއްދުވަހަކު ބޮއްކުރައެއްގައި ރަތް ދަވާދު ލުމަށް ކޮންމެވެސް މީހަކާ ހަވާލު ކުރެވުނެވެ.އޭނާ އެކަމަށް ބޭނުންވާ ދަވާދާ ފިހިތައް ގަނެގެން މަސައްކަތް ފަށައިފިއެވެ. ވަކިވަރަކަށް ދަވާދުލެވިފައިވަނިކޮށް ބޮއްކުރާގެ ފުލުގައިވާ ކުޑަލޯވަޅެއް އޭނާއަށް ފެނުނެވެ.އެހެން ކަމުން ފުރަތަމަ އިސްކަން ދިނީ އެލޯވަޅު ބައްދާ މަރާމާތު ކުރުމަށެވެ.
ލޯވަޅު މަރާމާތުކޮށް ނިމުމަށްފަހު މުޅި ބޮއްކުރައިގައި ދަވާދުދުލާ ނިންމާލުމަށްފަހު ވެރިމީހާޔަށް ދެއްކުމުން އެކަމުގެ އުޖޫރަ ދިނުމުން އޭނަގެޔަށް ހިނގައްޖެއެވެ.
ޖެހިގެން އައި ދުވަހު ބޮއްކުރާގެ ވެރިމީހާ އޭނާގެ ގެޔަށް އައިސް އޭނާޔާ ބައްދަލު ކުރިއެވެ. އަދި ކުރީ ދުވަހު ދިންވަރަށް ވުރެމާގިނައިން ފައިސާ ދީފިއެވެ. ދަވާދުލީމީހާ ހައިރާންވެއްޖެއެވެ. އަދި ބުންޏެވެ. ”އަޅުގަނޑު ކުރި މަސައްކަތުގެ އަގު އިއްޔެ އަޅުގަނޑަށް ދެއްވީމު ނޫންތޯއެވެ.އެހެންވީއިރު މިއީ ކޮން ފައިސާއެއްތޯއެވެ؟“
މިހެން ބުނުމުން ބޮއްކުރާގެ ވެރިމީހާ ބުންޏެވެ. ”މިއީ ދަވާދު ލީމަ ދިން އެއްޗެއްނޫނެވެ. މިއީ ބޯޓުގަ ހުރި ލޯވަޅު ބައްދާ މަރާމާތު ކޮށްދިނީމަ އެކަމުގެ ބަދަލުގައި ދިން އެއްޗެކެވެ.“
މިހެން ބުނުމުން ދަވާދުލީމީހާ ބުނެފިއެވެ.“އެއީ އެހާބޮޑުކަމެއް ނޫނެވެ.އެލޯވަޅުވެސް މާބޮޑެއް ނޫނެވެ. މަރާމާތު ކުރާކަށްވެސް މާގިނަ ވަގުތެއްވެސް ނުނަގައެވެ.“ މިހެން ބުނެ އެފަދަ ބޮޑު އަގެއް ނަގަން އޭނާ ދެކޮޅު ހެދިއެވެ.
މިތަން ބަލަންހުރެފަ ބޮއްކުރާގެ ވެރިމީހާ ބުންޏެވެ.“ރަހުމަތްތެރިޔާ ބުނަން ހެއްޔެވެ.އެއީ އަހަރެންނަށް ވަރަށް ބޮޑު ކަމެކެވެ.“
”ބޮއްކުރާގަ ދަވާދުލާން ކަލެޔާ ހަވާލުކުރިއިރު އޭގެ ފުލުގައި ލޯވަޅެއް ހުރިކަން އަހަރެން ހަނދާނެއްނެތެވެ. ބޮއްކުރާގައި ދަވާދުލާ، ދަވާދު ހިކިފައިވާތަން ފެނުމުން އަހަރެންގެ ކުދިން ބޮއްކުރާގައި މަސްބާނަން ނިކުތެވެ.އޭރު އަހަރެން ގެޔަކު ނޫޅެމެވެ. ކުއްލިއަކަށް ބޮއްކުރާގައި ލޯވަޅެއް އިންކަން ހަނދާންވެގެން އަހަރެން އަވަހަށް ގެއަށް އައީމެވެ. އޭރު ކުދިން މަހަށް ގޮއްސިއެވެ.އަހަރެން ވަރަށް ހާސްވެ ކަންބޮޑުވިއެވެ.އެކުދިންނަށް ވާނެ ގޮތަކާމެދު ރޮވުމެވެ.ފޯނުންވެސް ގުޅޭގޮތް ނުވުމުން ހަދާނެ ގޮތް ހުސްވެ މާޔޫސްވިއެވެ.“
”އެހާސްކަމުގެތެރޭގައި ހުއްޓާ ކުދިން މަސްބާނައިގެން ވަރަށް އުފަލުން ހެވިފަތިބެ އެނބުރި އައިތަން ފެނުމުން އަހަރެންނަށް ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ. އަހަރެން ދުވެފަ ގޮސް ބޮއްކުރަޔަށް އަރާ ލޯވަޅު އިންތަން ބަލާފާސްކުރީމެވެ.ނަމަވެސް ވަރަށް ރީތިކޮން ލޯވަޅު ބައްދާ އޮމާންކޮށްފައިވާ ތަން ފެނުނެވެ.“
”މިހާރު ކަލެޔަށް ކޮށްދެވުނު ކަންތަކުގެ ބޮޑުވަރު ކަލެޔަށް އިހުސާސް ކުރެވޭ ނޫންހެއްޔެވެ.؟ކަލޭ ކޮށްދިން ކަމެއްގެ ސަބަބުން އަހަރެންގެ ކުދިންގެ ފުރާނަ ސަލާމަތް ކޮށްދިނީއެވެ.މިއަށް ވުރެބޮޑު ކަމެއް އަހަރެންނަކަށް ނޯންނާނެއެވެ.އަހަރެންގެ އަތުގައި ހުރި ހުރިހާ ފައިސާ ދިން ނަމަވެސް މިކަމުގެ އަގު އަހަރެންނަށް އަދާނުކުރެވޭނެއެވެ“
މިވާހަކައިންލިބޭ އިބުރަތް:
އަހަރުމެންގެ ހަޔާތުގައި ލިބޭ މިފަދަ ފުރުސަތުތަކުގައި ވެސް މީހަކު ބުނުމަކާނުލައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައްޔާރަށް ތިބޭށެވެ.އެހީވެދެވެނީ ކާކަށް،ކޮންއިރަކު، ކިހިނެއްތޯ ނުބަލާ ވެދެވެން އޮތްގޮތަކަށް އެހީތެރިވެދޭށޭވެ.ކަރުނަފޮހެދޭށެވެ. ދައްކާ ވާހަކަ އަޑުއަހާށެވެ.އަދި ”ބާތައް ބައްދާދެވޭ“ ފަދަ ކުޅަދާނަ ކަމެއްހުރިނަމަ ދެވަނަ ވިސްނުމެއްވެސް ނެތި އެކަން ކޮށްދޭށެވެ.އަހަރުމެންގެ އެހީގެ އަތް ދިއްކޮށްލުމުން އަނެކާއަށް އެއީ ބޮޑުކަމަކަށް ވާނަމަ ﷲ ރަހުމަތްފުޅުން އޭގެ ބަދަލު އަހަރުމެންނަށްވެސް ލިބޭނެއެވެ.