ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް އައްޔަން ކޮށްފިއެވެ. މިގޮތަށް ހަމަޖެހުނީ ރައީސް މުހައްމަދު ޝަހާބުއްދީން އާއި އަސްކަރީ ލީޑަރުން އަދި ކިޔަވާކުދިންގެ ލީޑަރުންގެ ބައްދަލު ވުމަކަށް ފަހުއެވެ.
އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އަކީ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.އޭނާ ހުންނެވީ ހަމަސްދުވަހުގެ ޖަލުހުކުމަކާ ގުޅިގެން ކަފާލާތު އުސޫލުގެ ދަށުން މިނިވަންވެ ވަޑައިގެންނެވުމުން ގައުމުން ބޭރުގައެވެ.އޭނާ ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ކުރެވުނީ ސިޔާސީ މަގްސަދެއްގައި ކުރެވުނު ދައުވާއެކެވެ.
ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާފައިވަނީ ކިޔަވާ ކުދިންނާއި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރިޔަށް ގެންދިޔަ އިހުތިޖާޖު ތަކެއް ހޫނުވެގެންގޮސް ތަންތާ ރޯކޮށް ހަދާ ހިސާބަށް ކަންތައް ދިއުމުންނެވެ. އިސްތިއުފާއަށް ފަހު ގިނަ އަދަދެއްގެ ކިޔަވާ ކުދިންވަނީ ބޮޑުވަޒީރުގެ ގަނޑުވަރަށްވެސް ވަދެ ތަންތަން ހަލާކުކޮށް ގިނަ އަދަދެއްގެ ތަކެތި ފޭރިފައެވެ.
ޝެއިޚް ހަސީނާ އިސްތިއުފާދެއްވި ދުވަހު އަސްކަރިއްޔާގެ ވެރިޔާ ވަނީ ގައުމާ މުޚާތަބް ކުރައްވާ ވާހަކަދައްކަވަމުން މިވަގުތު ވެރިކަން ކުރަނީ އަސްކަރިއްޔާ އިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކިޔަވާކުދިން އެކަމާ އެއްބަސް ވާގޮތެއް ނުވިއެވެ. ކިޔަވާކުދިން ބޭނުންވީ ވަގުތީ ސަސުކާރެއް އެކުލަވާލުމަށާ ޕްރޮފެސަރ ޔޫނުސް ވަގުތީ ސަރުކާރުގެ ވެރިއަކަށްވެސް ވަޑައިގެންނެވުމަށެވެ.
ޕްރޮފެސަރ ޔޫނުސް ގެ ތަރުޖަމާން ބުނެފައިވާ ގޮތުގައި ސިއްހީ ފަރުވާއަކަށް ޕެރިހުގައި މިވަގުތު ހުންނެވި ޔޫނުސް ދާދި އަވަހަށް ޑާކާއަށް އެނބުރި ވަޑައިގަންނަވާނެއެވެ.
ބަންގްލާދޭޝްގެ އިދިކޮޅު ފަރާތްތަކުން ޖުލައިމަހުގެ ކުރީ ކޮޅު ސަރުކާރާ ދެކޮޅަށް އިހުތިޖާޖްތައް ފަށާފައިވަނީ ސަރުކާރު ވަޒީފާތަކުގެ ބޮޑުބައެއް އާންމުންނަށް ނުލިބޭ ގޮތަށް ހިފަހައްޓާފައި ބާއްވާތީ އެވެ. މުޒާހަރާ ތަކާގުޅިގެން ހަތަރުސަތޭކައަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ.