ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާގެ އިސްތިއުފާ އަށްފަހު

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންނެވުމަށްފަހު ވެސް އެގައުމުގެ މަޝްރަހް ހަމަޖެހުމަކަށް ނައިސް  ހަވީރު ވީއިރު ވެސް އިދިކޮޅުފަރާތްތަކުން ވަނީ ޑާކާގެ މަގުތައް ފުރާލާފައެވެ.

މަޝްރަހް ހަމަޔަކަށް އެޅުވުމަށް އާމީ ޗީފް ވަކަރުއްޒަމާން ވަނީ ގައުމާ މުޚާތަބް ކުރައްވާފައެވެ. އޭނާ ވަނީ ޝެއިޚް ހަސީނާ އިސްތިއުފާދެއްވިކަން ޔަގީން ކޮށްދެއްވާފައެވެ. އަދި މިއައި ބަދަލާއެކު މިވަގުތު ގައުމު ހިންގާނީ އިންޓަރިމް ސަރުކާރަކުން ކަމަށާ އެކަމާބެހޭ ވާހަކަތައް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ.އަދި އޭނާ ރައީސްއާއި އިދިކޮޅު ލީޑަރުންނާއި ބައްދަލް ކުރައްވާފައިވާކަމަށާ މިރޭ ވާންވާއިރަށް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މަޝްރަޙް ފިނިވެއްޖެ ނަމަ ކަރފިއު އިތުރަށް ހިންގުމުގެ ބޭނުމެއް ނެތް ކަމަށާ މުޒާހަރާގައި މަރުވި މީހުންގެ މަރާބެހޭ ފުރިހަމަ ތަހުގީގެއް ހިންގާނެކަމަށް ވިދާޅުވިއެވެ. އަދި އާންމުން މިކަމުގައި އަސްކަރިއްޔާގެ އިސްވެރިންނަށް އިތުބާރު ކުރުމަށް އާމީ ޗީފް ގޮވާލެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހު ހަވީރު ވަނީ ހޯމް މިނިސްޓަރުގެ ގެއާއި އަވާމީލީގް އޮފީހުގެ ބައެއްތަންތާވެސް ރޯކޮށްފައެވެ. އަދި ޑާކާގައި ހުރި ޝެއިޚް ހަސީނާގެ ބައްޕާފުޅު މުޖީބުއްރަހްމާންގެ ސޫރައިގައިވާ ބޮޑު ބުދެއްވެސް ވަނީ އިދިކޮޅުފަރާތްތަކުން ތަޅާލާފައެވެ.

ޝެއިޚް ހަސީނާގެ ގަޑުވަރަށް ވަދެގަތް މީހުން ވަނީ އެކި ކޮޓަރިތަކަށް ވަދެ،އެނދުކޮޅުތަކަށް އަރާ ބައެއް ތަކެތި ހަލާކުކޮށް ހަދާފައެވެ.އަދި ގޯތިތެރޭގައި ޕާކްކޮށްފައި ހުރި ކާރުތަކަކާ އަދި އާމާޑް ވެކަލްތަކެއްގެ މައްޗަށްވެސް ބަޔަކުއަރާ ދިދަ ހޫރާ ގެއްލުންތައް ދީފައި ވެއެވެ.

ޝެއިޚް ހަސީނާގެ އިސްތިއުފާގެ ކުރިން މުޅިގައުމުން އޮތީ އިންޓަނެޓް  ކަނޑާލާފައެވެ. ނަމަވެސް ޚަބަރުތައް ފެތުރެން ފެށުމާއެކު އުފާފާޅުކުރުމުގެ ގޮތުން ވަނީ ގިނަބަޔަކު މަގުތަކަށް ނިކުމެފައެވެ.

ބައެއް ރިޕޯތްތައް ބުނާ ގޮތުން ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ މުޒާހަރާތައް ނިމުމަކާ ގުޅިގެން ސިފައިން ނަށް ވަނީ ހަމަޖެހުމުގެ ނޭވާއެއްލެވިފައެވެ.

ގައުމާ މުޚާތަބް ކުރައްވަމުން، ވަގުތީ ސަރުކާރެއް އެކުލަވާލެވޭނެ ކަމަށް އާމީ ޗީފް ވިދާޅުވި ނަމަވެސް މިފަދަ ސަރުކާރެއްގެ ވެރިޔަކަށް ހުންނަވާނީ ކޮންބޭފުޅެއްކަމެއް އަދި ސާފެއް ނުވެއެވެ.

ދެތިން ހަފްތާއަށް ދެމިގެންދިޔަ މުޒާހަރާތަކުގައި ތިންސަތޭކައެއްހާމީހުން ވަނީ މަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް