ސިޔާސީގޮތުން ހަމާސްގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލެވުނު މައްސަލައިގައި އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު އެމެރިކާ އިން ބުނެފިއެވެ.
އުމުރުފުޅުން 62 އަހަރުގެ އިސްމާއީލް ހަނިއްޔާ އުފަންވެ ވަޑައިގަތީ ގައްޒާ ސިޓީ ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައެވެ. އެ މަނިކުފާނު ހަމާސްއާއި ގުޅިވަޑައިގަތީ 1980 ވަނައަހަރު ހިނގާދިޔަ 2 ވަނަ އިންތިފާދާ ގައެވެ. ހަމާސް ޖަމާއަތުގެ ވެރިޔަކަށް އެ މަނިކުފާނު ވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ.
ހަނިއްޔާ ޝަހީދުކޮށްލާފައި މިވަނީ މިދިޔަ އަންގާރަ ދުވަހު ތެހެރާނުގައި އޮތް އެ ގައުމުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އެ މަނިކުފާނަށް ޚާއްސަކުރެވިފައިވާ ރަސްމީ މެހެމާން ސަރާގައި ހުންނަވަނިކޮށެވެ.
އެގޮތުން މި ހަމަލާގައި އެ މަނިކުފާނާއި ބޮޑީ ގާރޑަށް ހަމަލާދީ ޝަހީދުކޮށްލައިފިކަން ސީއެންއެންގެ މިއަދުގެ 12.56 ގެ ޚަބަރުގައި ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާއިން މުޅިދުނިޔެއަށް ނުރައްކާތެރި ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ އިސްމާއިލް ހަނިއްޔާ ޝަހީދުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކޮށް އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ފިލިޕީންސްގައި ހުންނަވާ ވިދާޅުވީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި ޚަބަރު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. ހަމައެހެންމެ ހަނިއްޔާ ޝަހީދުކޮށްލުމަކުން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ލޯއިޑް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެފަދަ ހާލަތެއް ކުރިމަތިވިޔަސް އެމެރިކާއިން އިސްރާއީލު ދިފާއު ކޮށްދޭނެ ކަމަށް ލޯއިޑް ވިދާޅުވެފައި ވެއެވެ.
ހަނިއްޔާ ޝަހީދުކޮށްލުމުގެ ސަބަބުން މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ހަމާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އިސްމާއީލް ހަނިއްޔާ އާއި އެމަނިކުފާނުގެ ބޮޑީ ގާރޑަން ހަމަލާދީ ޝަހީދުކޮށްލީ އިސްރާއީލުން ކަމަށެވެ. އެ ބަޔާނަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ ބޭރުގެ މީޑިއާތަކުން ބުނާހާ އެއްޗަކަށް އިސްރާއީލުން ޖަވާބުދޭން ބޭނުން ނުވާކަމަށެވެ.
އެހެންނަމަވެސް އަންގާރަ ދުވަހު ލެބަނަންގައި ހިޒްބު ﷲ ގެ އެންމެ އިސް ލީޑަރ ޝަހީދުކޮށްލި ކަމަށް އިސްރާއީލުންވަނީ އެއްބަސް ވެފައެވެ.ހިޒްބު ﷲ ގެ ފުއާދު ޝުކުރު އަކީ އިސްރާއީލުން މިހާތަނަށް ޝަހީދުކޮށްލި ހިޒްބު ﷲ ގެ އެންމެ އިސް ލީޑަރެވެ. އެމަނިކުފާނު ޝަހީދުވެގެން ދިއުމަކީ ހަމާސްއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ހަނިއްޔާއަކީ މިފަހަރު އިސްރާއީލް އިން ގައްޒާގެ ގަތުލު އާންމު ފެށުމަށްފަހު ޝަހީދުކޮށްލެވުނު ހަމާސްގެ ދެވަނަ އިސް ބޭފުޅާއެވެ. މީގެ ކުރިން މި އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑުގެ ސިޔާސީ ގޮފީގެ ދެވަނައަށް އެންމެ އިސް ބޭފުޅާ ސާލިހް އަލް އަރޯރީ ވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ އެންމެ އިސްވެރިންނަށް ދާންދެން ބުނަމުން ގެންދަނީ ހަމާސް އާއި ހަމާސްގެ ވެރިން ނެތިކޮށްލުމުގެ ކުރިން ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.
ޖިމީ ކާރޓަރުގެ ރިޔާސަތުގައި ބޭއްވުނު ސުލްހައިގެ މަޝްވަރާތަކުގައި އިސްމާއީލް ހަނިއްޔާ ބައިވެރިވެ ވަޑައިގަތެވެ. އޭގެ ފަހުން ގަތަރުގެ އަމީރާއި އަދި މި އަހަރު ތެރޭގައި ޗައިނާގެ ޑިޕްލޯމެޓް ވާންގް އާއި ބައްދަލު ކުރައްވާފައި ވެއެވެ. އެމަނިކުފާނަކީ އެމެރިކާގެ ބެލުމުގެ ދަށުން ހަނގުރާމަހުއްޓުވައި އަސީރުން މިނިވަން ކުރެވިދާނެ މަގެއް ހޯދުމަށް މިސްރާއި ގަތަރުން ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގައިވެސް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރި ވަޑައިގަތުމަށްފަހު އިރާނުގެ އިސްބޭފުޅުންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. އީރާނުގެ ރަސްމީ މީޑިއާ އިރްނާއިން ބުނެފައިވަނީ އިސްމާއީލް ހަނިއްޔާއަށް ހަމަލާދީފައިވަނީ މައިގެ މަގުން ގައިޑެޑް މިސައިލަކުން ރޭ މެންދަމުން 2 ޖެހިއިރުގައި ކަމަށެވެ. ފާރސް އިން ބުނެފައިވަނީ އެމަނިކުފާނު ހުންނެވީ އުތުރު ތެހެރާނުގައި އެންމެ ޚާއްސާ މެހެމާނުންނަށް ރިޒާވް ކުރެވިފައިވާ ރެޒިޑެންސްގައި ކަމަށެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލެވިފައި މިވަނީ ހިޒްބު ﷲ އާއި އިސްރާއީލުގެ ހަމަލާތައްވެސް ވަރަށް ނުރައްކާ ލެވެލްކަށް ގޮސްފައި ވަނިކޮށް އަދި ގައްޒާގެ ހާލަތު އިންސާނީ މުސީބާތަކަށް ވެފައި ވަނިކޮށެވެ. ހަމާސްގެ ސިޔާސީ ގޮފީގެ އިސް ބޭފުޅުން ކަމުގައިވާ މޫސާ އަބޫ މަރްޒޫކް އާއި ސާމީ އަބޫ ޒުހުރީ ވިދާޅުވެފައިވަނީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަކީ އެ ޖަމާއަތުން ހަމަހިމޭނުން ތިބޭނެ ކަމެއް ނޫނެވެ.
ސުލްހައިގެ މަޝްވަރާތަކަށް ގޮތެއް ނުނިމި ދިގުލައިގެން ދަނިކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިސްމާއީލް ހަނިއްޔާގެ 3 ފިރިހެންދަރިން ޝަހީދުކޮށްލުމާ ވިދިގެން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ”އަހަރެންގެ ދަރިން މަރާލުމުން ހަމާސްގެ މަގްސަދުގައި ފަސްޖެހޭނެކަމަށް އެއްވެސް މީހަކު ދެކޭނަމަ އެމީހަކަށް އެ ފެންނަނީ އަވާ މެންދުރެކެވެ“.
2 Responses
ކޮން ވާހަކައެއް ދައްކަން އޮތީ ސައިތާނު އެމެރިކަ
އިންނާ ލިއްﷲ ވައިންނާ އިލައިހި ރާޖިޢޫން! އެންމެން ދާހުށީ ﷲ ހަޒްރަތަށެވެ. ފާފަ ފުއްސަވާ ރަޙުމަތް ލައްވާށިއެވެ. އާމީން!