މެދު އުމުރަށްދާ ދެއަންހެނުން އެއްދުވަހަކު ރޭލް ދަތުރެއްގައި ޖެހިޖެހިގެން އިށީނދެ ތިބެން ދިމާވި އެވެ.އެކަކު ފެންނަނީ ވަރަށް ރަނގަޅު މޫޑެއްގައި އިންތަނެވެ.ނަމަވެސް ދެވަނަ އަންހެން މީހާ އިނީ ވަރަށް މޮޅިން، ހިތާމައިގެ ސާލެއް ލައިގެންނެވެ.އެހެން ގޮތަކަށް ބުނާނަމަ ޑިޕްރެސް ވެފައެވެ.
އުފަލުން އިން މީހާދިޔައީ ފޮތެއް ކިޔަމުންނެވެ.އަދި ފޮތުގައިވާ ހެއްވާ މަޖާ ތަންކޮޅެއް އައުމުން ބާރަށް ހީ ހަދައެވެ.މިހެން ހަދަން ފެށުމުން ދެރަވެފަ އިން އަންހެން މީހާ އަށް ކެތެއް ނުވިއެވެ. އަދި ބުނަން ފެށިއެވެ.
”ކަލޭ ހާދަ އުފާވެރި މޫޑެއްގައި އިންހެން ހީވެއެވެ.އަހަރެންނަށްވެސް ތިޔަ އުފާވެރި އިހުސާސް ކުރެވޭނެ ނަމަ ހާދަހާ ރަގަޅެވެ. ހިތާމަޔަކީ ހަޔާތުގައި އެންމެންނަށްހަމަހަމަ ކޮން ކަންތައްތައް ނުވާކަމެވެ.“
މިހެން ބުނުމުން އުފާވެރި މޫޑުގައި އިން އަންހެންމީހާ ފޮތް ލައްޕާލުމަށް ފަހުމަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
”ކަލޭ ތިޔަކުރާ ހިތާމައާއި މެދު އަހަރެން ވަރަށް ބޮޑަށް ހަމަދަރުދީ ވަމެވެ.އެކަމާމެދު ވާހަކަ ދައްކާލަން ބޭނުން ނަމަ އަހަރެން މީނީ އަޑުއަހާށެވެ.“
މިހެން ބުނުމުން ހިތާމައިން އިން އަންހެންމީހާ ފުން ނޭވާއެއް ލުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.
”އަހަރެންގެ ނުކުޅެދޭ ކުއްޖަކު ހުރެއެވެ.މިކަމުގަ ދިމާވާ ހިތްދަތި ކަންތައް ތަކުން ސަލާމަތް ވެވޭނެ ނަމައޭ ހިތަށް އަރައެވެ.ހުރިހާކަމެއް ބަދަލުވެގެންގޮސް މިނޫން ދުވަހެއް ދައްކަވާނެ ނަމައޭ ހިތަށް އަރައެވެ.“
މިހެން ބުނެ އަންހެން މީހާ ރޯން ފެށުމުން ދެންއިން މީހާ އޭނާގެ ގައިގައި ބައްދާލުމަށްފަހު އޯގާތެރި ކަމާއެކު ނަސޭހަތް ދޭން ފެށިއެވެ.
”ކަލޭގެ ހަޔާތުގައި ކަންތައް ތިޔަދިމާވެފައިވާ ގޮތުން ހިތާމަ ކުރެވޭނެ ކަން ގަބޫލު ކުރަމެވެ.އެހެން ނަމަވެސް ވާހަކައެއް ބުނަން ހެއްޔެވެ.އަބަދުވެސް ”ބްރައިޓް ސައިޑް“ ނުވަތަ ހަޔާތުގައި ރަނގަޅަށް ދާ ކަންތައްތަކަށް ފޯކަސް ކުރަން ދަސް ކުރާށެވެ.މިއީ އުފާވެރިކަން ގެނުވާނެ ރަގަޅު ”ޗޮއިސް“ އެއްކަމަށް ފަހުންނަމަވެސް ގަބޫލު ކުރެވޭނެއެވެ.“
މިހެން ބުނުމުން ދެރަވެފަ އިން އަންހެން މީހާ ބުންޏެވެ. ”ނުކުޅެދޭ ކުއްޖަކު ބޮޑުކުރާ މީހަކަށް މެނުވީ އަހަރެން މިކުރާ ހިތާމަ އިހުސާސް ނުކުރެވޭނެއެވެ.ދަރިފުޅާމެދު ކުރި އުންމީދުތައް ހާސިލް ނުވާނެކަން އިހުސާސް ކުރެވޭ ހިނދު ގެނުވާ މާޔޫސްކަމާއި އުންމީދެއް ނެތް ހަޔާތަކުން ލިބޭ ހިތާމަ ކަލޭފަދަ ނަސީބުވެރިއަކަށް ހަމަ އިހުސާސް ވެސް ނުކުރެވޭނެއެވެ.“
މިފަދަ ގޮތަކަށް ވާހަކަތައް ބަދަލުކުރުމަށްފަހު އިރުކޮޅަކުން ދެމީހުން ވެސް މަޑުމަޑުން ހިމޭން ކަމާއެކު ތިބީއެވެ.އުފަލުން އިންމީހާ އިނީ އެއްޗެއް ލިޔާށެވެ.
އިރުކޮޅަކުން އޭނަ ދާންދިޔަ މަންޒިލަށް ދެވުމުން ސަލާމް ކޮށްލުމަށްފަހު ރޭލުން ފައިބައިގެން ހިނގައްޖެއެވެ. މޮޅިން އިންމީހާ ބަލާލިއިރު އެއްޗެއް ލިޔެފައިވާ ކަރުދާސް ގަނޑެއް އޮތްތަން ފެނުނެވެ.އެހެން ކަމުން މަޑުމަޑުން ހުޅުވާ ކިޔަން ފެށިއެވެ.
”ކަލޭކައިރީ އިން އުފާވެރި އަންހެންމީގެ ފަރާތުން ސަލާމަށްފަހު ބުނަމެވެ.އަހަރެންގެ ނުކުޅެދޭ ތިން ކުދިން ތިބެއެވެ.އެހެން ކަމުން ކަލޭގެ ހިތާމައިގެ ތިންގުނަ އަހަރެން ދަނީ ބަރުދާސްތު ކުރަމުންނެވެ.އަހަރުމެން ދެމީހުންގެ ހުރި ތަފާތަކީ އަހަރެން މިވަނީ އަހަރެންގެ ”ފޭޓް“ ނުވަތަ ޤުދްރަތުން އަހަރެންނަށް ކަންތައް މެދުވެރި ކުރެއްވި ގޮތް،އެހެން ގޮތަކަށް ބުނާނަމަ ހަގީގަތް ގަބޫލު ކޮށްފައެވެ. ކަލެއަށް ތިޔައުޅެނީ ހަގީގަތް ގަބޫލު ނުކުރެވިގެންނެވެ.ތަފާތަކީ މިއީއެވެ.
ގިނަ މީހުންނަށް ހިތްދަތިކަން ގެނުވަނީ ހަގީގަތް ގަބޫލު ނުކުރާތީއެވެ.އެފަދަ މީހުން އަބަދުވެސް ބޭނުން ވަނީ ކަންކަން ބަދަލު ވުމަށެވެ.މިހެން ނުވިނަމަ އޭ ހިތަށް އަރަމުން ދިއުމެވެ.ނަތީޖާއަކަށް ވަނީ ”ނެގަޓިވް“ އިހުސާސްތައް އަހަރުމެންގެ މައްޗަށް ގަދަވެގަތުމެވެ. މިގޮތުން ތިމާގެ ނާގާބިލުކަން، ލަދުގަތުން،އެހެން މީހުންނާމެދު ޖެލަސްވުން،ރުޅިގަދަވުން، ނާއުންމީދުވުން މިފަދަ ނެގަޓިވް އިހުސާސްތައް އަހަރުންގެ ހިތާ ސިކުޑި ފުރާލައެވެ.
ހަގީގަތަކީ އަހަރުންމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ބަދަލު ނުގެނެވޭނެ ކަންތައް ތަކެއް އަހަރުމެންގެ ހަޔާތުގައި ހުންނަ ކަމެވެ.މިހަގީގަތް ހިތުގެ އަޑިން ގަބޫލުކޮށް ރަގަޅަށް ހުރި ކަންކަމަށް ސަމާލުކަން ދޭން ގަސްތުކުރާހަމައިން އަހަރުމެން އެންމެނަށްވެސް އުފާވެރިކަން ލިބިގެން ދާނެއެވެ.މިގޮތަށް ކަންތައް ކޮށްފިނަމަ އަމިއްލަ ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. ގަބޫލު ކުރާށެވެ.
މީހަކު ކަންތައް ކުރާގޮތުން ނުވަތަ ތިމާއަށް ކަންތައްތައް މެދުވެރިވާ ގޮތަކުން އެއުފާވެރިކަން ގެއްލުނަ ނުދޭށެވެ. އަބަދުވެސް ކޮންޓްރޯލް އަމިއްލަ އަތުގައި ބާއްވާށެވެ. ހިތްދަތި ހިހުސާސްތަކުން އެއްކިބާވެ،އޭގެ ބަދަލުގައި ތިމާއަށް ހިތްހަޖެހުން ލިބޭކަންކަން ކުރުމަށް އާދަ ކުރާށެވެ.ރީތި ފޮތެއް ކިޔާލާށެވެ. ފިލްމެއް ބަލާލާށެވެ. ހަމަޖެހިލައިގެން ގިނަ އިރު ނަގައިގެން ރީތިކޮން ފެންވަރާލާށެވެ. ހިތާއި ރޫހަށް ފިނިކަން ލިބޭނެއެވެ. އަތިރިމަތީ ހިނގާލަން ދާށެވެ. ކައިރީގަ ތިބި ލޯބިވާ މީހުންގެ ގައިގައި ބައްދާލާ ލޯބިވާ ކަމަށް ބުނުން ގިނަ ކުރާށެވެ.ދުރުގައި ތިބި ލޯބިވާ މީހުންނާ ފޯނުންގުޅާ ވާހަކަ ދައްކާލާށެވެ. މީރު އެއްޗެއް ކައްކާލާ އެކެއުން ޝެއާ ކޮށްލުމަށް ލޯބިކުރާށެވެ. މިއީ ކުރެވިދާނެ ބައެއް ކަންތަކެވެ. ތިމާގެ ފަރާތުން އެހެން މީހުންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނުވުމަށް މަސައްކަތް ކުރާށެވެ. އޭރުން އެއިހުސާސްތައް އެނބުރި ތިމާއާ ދިމާލަށް އަންނާނެއެވެ.ލޯތްބާއި އުފާވެރިކަމުން ހިތް ފުރިގެން ދާނެއެވެ.