ފެޅުނު ބަނޑިޔަލުގެ ވާހަކަ

Loading

Facebook
Twitter
WhatsApp

މުސްކުޅި އަންހެނަކު ދެބަނޑިޔާ ގެންގުޅެއެވެ.މިދެބަނޑިޔަލުގައި އޭނާ ކޮންމެ ދުވަހަކުވެސް ވަރަށް ދުރުގައިވާ ކޯރަކުން ގެޔަށްފެން އުފުލައެވެ.

ނަމަވެސް ދެބަނޑިޔަލުގެ ތެރެއިން އެއްބަނޑިޔަލުގައި ވަނީ ރެނދެއްލާފައެވެ.އެހެން ކަމުން ފެންހިފައިގެން އަންހެންމީހާ އަށް ގެޔާ ހަމަޔަށް އާދެވޭއިރު އެބަނޑިޔަލަށް އެޅިފެން ހުންނަނީ ދެބައިކުޅައެއްބައި މަދު ވެފައެވެ.ބިމަށް ފައިބާފައެވެ.އަނެއް ބަނޑިޔަލުގައި ފުރާލާ ފެން ހުރެއެވެ. އެހެން ކަމުން އަންހެންމީހާއަށް ކޮންމެދުވަހަކުވެސް ގެނެވެނީ އެއްބަނޑިޔަލާ ބައިބަނޑިޔަލުގެ ފެނެވެ.

ނުފެޅޭ ބަނޑިޔާ މިކަމާ އަމިއްލަޔަށް ވަރަށް ފަޚުރުވެރިވެއެވެ. ހަމައެއާއެކު ފެޅުނު ބަނޑިޔާ އޭނަގެ ހާލަތާމެދު ހިތާމަ ކޮށް ކަރުނަ އަޅައެވެ.އޭނަގެ ފުރިހަމަ ބޭނުން ނުހިފޭތީއެވެ.

ކޮންމެއަކަސް އަންހެންމީހާ މިގޮތަށް ކޮންމެ ދުވަހަކު ދެބަނޑިޔަލުގައި ގެޔަށް ފެން އުފުލާތާ ދެއަހަރުވެއްޖެއެވެ.ފެޅުނު ބަނޑިޔަލުގެ މޮޅިވެރި ހާލަތަށް ކެތް ނުކުރެވިގެން އެއްދުވަހަކު ކޯރު ކައިރިޔަށް ގޮސް ފެން އަޅަން އުޅުމުގެ ތެރޭގައި މުސްކުޅި އަންހެން މީހާއާއި ފެޅުނު ބަނޑިޔާ ވާހަކަ ދެއްކިއެވެ.އޭނައަށް މަގުސަދު ހާސިލު ކޮށް ނުދެވޭތީ ހިތާމަ ކުރާ ވާހަކަ ބުންޏެވެ.

މިވާހަކަތައް އަޑުއަހާފަ އަންހެންމީހާ ހީނލިއެވެ. އަދި ބުންޏެވެ.ކަލެޔަށްވެސް އެނގޭނެ ފަދައިން އަހަރެން ފެން ހިފައިގެން އަންނަނީ ދަނޑިގަނޑެއްގެ ދެކޮޅު ގައި ދެބަނޑިޔާ ބަނދެގެން ނޫންހެއްޔެވެ. މިގޮތަށް އަންނަ އިރު މަގުގައި ކަލޭ އަޅުވާ ފަޅީގައި ހެދިފައިވާ ރީތި މާގަސްތައް ފެނޭ ހެއްޔެވެ.އަދި އަނެއް ބަނޑިޔަލުގެ ފަޅީގައި ގަސްނެތްކަން ފާހަގަ ކުރެވޭ ހެއްޔެވެ. ކަލޭ ފެޅި ފެންފައިބަން ފެށުމުން އަހަރެން މަގުގެ އެއްފަޅީގައި މާގަސް އިންދީމެވެ. އަދި   އަހަރެން ގެޔަށް އަންނަ މަގުމަތީގައި ގަސްތަކަށް ފެންދެވެއެވެ. ގަސްތައް އެހާރީތިކޮން ހެދި ރީތި ކުލަކުލައިގެ މާތައް އަޅާ އަހަރުމެންގެ ގެޔަށް ފުރިހަމަކަން ގެނެސްދީފައި ވޭނޫންހެއްޔެވެ.ކޮންމެ ދުވަހަކު އަހަރުންގެ މާވަށި ތަކުގައި ޖަހާނެ ތާޒާރީތި އެކި ކުލަކުލައިގެ މާތައް މިހާރު އެބަލިބޭ ނޫންހެއްޔެވެ.ކަލޭ ތިގޮތަށް ނެތްނަމަ މިކަން މިގޮތަށް ނުވީހެވެ. އެހެންވީމަ ތިމާ ހުރި ނުވަތަ ހުންނަ ގޮތަކާމެދު ހިތާމަ ނުކުރާށެވެ.އެއީ ނިއުމަތެއް ކަމަށް އަބަދުވެސް ގަބޫލުކުރާށެވެ. މިހެން ބުނެ ވިސްނާ ދިނުމުން ފެޅުނު ބަނޑިޔާ ހުރީ ވަރަށް އުފަލުންނެވެ.

އިންސާނުންނަށް ބެލިޔަސް އެންމެންނަކީ އެއްގޮތަކަށް ލެއްވި ބައެއް ނޫނެވެ.އެކި މީހުން އުފެއްދެވުމުގައިވެސް އައިބުތައް ވެއެވެ. ނަމަވެސް އެއީ އެފަދަ މީހަކާމެދު ދަށް ނަޒަރަކުން ދެކެންޖެހޭ ސަބަބެއް ނޫނެވެ. ކޮންމެ މީހަކުވެސް ބަލައިގަންނަންވާނީ އެމީހަކު އެހުރި ގޮތަކަށެވެ. ތިމާ ހުންނަ ގޮތަށް އެމީހަކު ބަދަލުވުމަށް އިންމީދު ކޮށްގެން ނުވާނެއެވެ. އެމީހެއްގެ ކިބައިގައި އެހުރި އުނިކަމަކީ ނިއުމަތަކަށް ވެސް ވެދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް