ގައްޒާގެ މައްސަލާގައި އަހަރެން ހަމަހިމޭނުން ނުހުންނާނަން:ކަމަލާ ހަރިސް

Loading

Facebook
Twitter
WhatsApp

މި އަހަރު ނޮވެމްބަރު މަހުގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ޖޯ ބައިޑްން އެއްފަރާތަށް ޖެހިވަޑައިގަތުމުން މިހާރުގެ ނައިބު ރައީސާ ކަމަލާ ހަރިސްއަށް ގިނަ ޑިމޮކްރެޓުންގެ ތާއީދާއި ރުހުން ލިބެން ފަށައިފިއެވެ. 

އެހެންނަމަވެސް ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގެމުންދާ ވޯޓުގައި ބައެއް ބޮޑެތި ސަރަހައްދުތަކުން އަދިވެސް ރައީސް ޓްރަމްޕުގެ ތާއީދު އެކަމަނާއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކަން ފާހަގަކުރެވެއެވެ.          

ޑިމޮކްރެޓުން ދެކޭ ގޮތުގައި ކަމަލާ ހަރިސް އަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ގިނަ ސަބަބުތަކެއް ހުރުމާއިއެކުވެސް އިންތިޚާބުގެ ކުރިމަގު ފެންނަނީ ވަރަށްގަދަ ކެމްޕޭނެއް ކުރަންޖެހޭނެ ކަމަށެވެ.                      

ދަ ހިލް އިން ނެގި ވޯޓުގައި އަރިޒޯނާ، ޖޯރޖިއާ އަދި މިޗިގަނުންނާއި ނެވާޑާއާއި ވިސްކޯސިން އާއި ޕެންސިލްވާނިޔާގައި ރައީސް ޓްރަމްޕް އުޅުއްވަނީ ކަމަލާ ހަރިސް އަށް ވުރެން ކުޑަތަންކޮޅެއް ކުރީގައެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ އެގެ ތެރެއިން ބައެއް ސަރަހައްދުތަކުގެ އާބާދީގައި ކަޅު ނަސްލުގެ މީހުން މަދުވުމެވެ. 

އެމެރިކާގެ ސެންސަސް ބިއުރޯގެ ހިސާބުތަކަށް ބަލާއިރު އަރިޒޯނާގައި ކަޅު ނަސްލުގެ އާބާދީ އަކީ ހަމައެކަނި 5.7 އިން ސައްތައެވެ. ރައީސް ބައިޑްން އަށްވެސް އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ އަރިޒޯނާއިން ނެވެ. ދަ ހިލް އިން ނެގި ވޯޓަކީ ނައިބުރައީސާ ކަމަލާހަރިސް ރިޔާސީ ކެންޑިޑޭޓަކަށް ކެމްޕޭން ފެށުމުގެ ކުރިން ނަގާފައި ވޯޓެކެވެ.                                                                

ކަމަލާހަރިސް އަކީ ޖެމެއިކާ ނަސްލުގެ ބޭކަނބަލަކަށްވެފައި ނެވާޑާގެ އާބާދީގެ %30 އަކީ ލެޓިން އެމެރިކާއަށް ނިސްބަތްކުރެވޭ ރައްޔިތެއް ކަމަށް ވުމުން ނެވާޑާގެ ވޯޓުތައް ކަމަލާހަރިސްއަށް ބަދަލު ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިޗިގަންއަކީ އެމެރިކާގައި އެންމެ ބޮޑު އަރަބި ނަސްލުގެ އާބާދީއެއް އޮންނަ ސަރަހައްދެވެ. ޑިމޮކްރެޓުންނަށް ވޯޓު ލިބުން މަދުވެފައިވަނީ ގައްޒާގެ މައްސަލާގައި ރައީސް ބައިޑްން ގެންގުޅުއްވާ ފިނި ސިޔާސަތުގެ ސަބަބުންނެވެ. 

އިސްރާއީލް-ހަމާސް ހަނގުރާމައިގާ ހާލުޖެހިފައިވާ ފަލަސްތީނުގެ ރައްތިޔުންނާމެދު ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނެވޭގޮތުގައި ކަމަލާ ހަރިސް ގެންގުޅުއްވާފައި ވަނީ ރައީސް ބައިޑްންއަށްވުރެން “ އިންސާނިއްޔަތުކަން “ އިސްކުރުމުގެ ވިސްނުންފުޅެކެވެ. އަދި އިއްޔެ ނަޔަންޔާހޫއާއި އެކު އޯވަލް އޮފީހުގައި އެކަމަނާ ބޭއްވި ބައްދަލު ކުރެއްވުމުގައި ވަރަށް ސަރީޙަ އިބާރާތުން އެކަމަނާގެ ރިޔާސަތެއްގައި އެމެރިކާ ސިޔާސަތު ހާމަކޮށްދެއްވަމުން ރައީސް ބައިޑްން ހުށައަޅުއްވާފައިވާ ގަރާރަށް އެއްބަސްވެ އެ ގަރާރު ތަންފީޒުކުރުމަށް ބާރުއަޅުއްވާނެކަމަށް އެއްބަސްވެވުނެވެ.

 ނަމަވެސް އެކަމަނާގެ ރިޔާސަތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ބަނޑުހައިހޫނުކަމާއި އިންސާނުން ދިރިތިބުމަށްޓަކައި ބޭނުންވާ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައި ތިބޭތަން ބަލަން ހަމަހިމޭނުން ނުހުންނަވާނެކަމަށް ވިދާޅުވިއެވެ. އެކަމަނާގެ މި ސިޔާސަތަށް އަރަބި ނަސްލުގެ ރައްޔިތުންގެ ވިސްނުން ޑިމޮކްރެޓުންގެ ކޮޅަށް ބަދަލު ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޚަބަރުތަކުގައި ފާހަގަކޮށްފައި ވެއެވެ.                                                         

ޖޯރޖިއާއަކީ އެމެރިކާގައި އެންމެ ގިނައިން ކަޅު ނަސްލުގެ ރައްޔިތުން ދިރިއުޅެމުންގެންދާ ސަރަހައްދެވެ. ރައީސް ޖޯ ބައިޑްން ގެ ވޭތިވެ ދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މީގެ ކުރިން އެމެރިކާގެ އެއްވެސް ރައީސަކު ކަޅު ނަސްލުގެ ރައްޔިތުންގެ ކަންތައްތަކުގައި އަޅާލުން ގެންގުޅެފައިނުވާ މިންވަރަށް އެމީހުންނަށް ދިމާވެފައިވާ ތަކްލީފުތައް ހައްލުކޮށް ދެއްވަން މަސައްކަތް ކުރެއްވިއެވެ. 

ދަ ހިލް އިން ނެގި ވޯޓުގައި ޓްރަމްޕަށް ކުރިއެރުން ލިބިފައިވަނީ ކަޅުމީހުން ވޯޓުލާން ނުނިކުތުމުގެ ސަބަބުންނެވެ. ރައީސް ބައިޑްން ރަނގަޅު ކިތަންމެ ކަމެއް ކޮށްދެއްވި ނަމަވެސް އެމަނިކުފާނުގެ އުމުރުފުޅު ރިޔާސަތުގެ އިތުރު 4 އަހަރުދުވަހަށް ދެމިގެން ދިއުމަށް ކަޅު ނަސްލުގެ މީހުންވެސް ތިބީ ގޮތެއް ނިންމަން އުދަނގޫވެފައެވެ. 

އެހެންނަމަވެސް ކަމަލާ ހެރިސް އަކީ ޓްރަމްޕުގެ ދަރިންގެ އުމުރުގެ ބޭކަނބަލަކަށް ވުމުގެ ސަބަބުން އެކަމަނާއަށް ރިޔާސީ ރޭހުގައި ކަޅުނަސްލުގެ ބޮޑު އަޣްލަބިއްޔަތެއް އޮތީ ކަށަވަރު ކުރެވިފައެވެ.                                            

ޕެންސިލްވާނިޔާ އާއި ވިސްކޯސިން ފަދަ ބައެއް ސަރަހައްދު ތަކުގައި ރައީސް ޖޯބައިޑްންއަށް ވުރެން ކުޑަ ތަންކޮޅެއް ކުރީ ޓްރައމްޕް އުޅުއްވި ކަމުގައިވިޔަސް އެމެރިކާގެ އާންމު ރައްޔިތުންގެ ކުރިމަތީގައި ޑޮނާލްޑް ޓްރަމްޕަކީ ކިތަންމެ ވަރަކަށް މޭކަޕް އުނގުޅާފައި ހުއްޓަސް އުމުރުގެ ގޮތުން 78 އަހަރަށްވުރެން މަތީ އުމުރެގެ ބޭފުޅެއެކެވެ.

 އިތުރު 4 އަހަރުގެ ދައުރެއް ނިމޭއިރު ހުންނަވާނީ ހަމަ ބައިޑްންގެ އުމުރަށް ވެއްޓިފައެވެ. ނައިބު ރައީސާ ކަމަލާ ހަރިސް އަށް ވަރަށް ގިނަ ރައްޔިތުންގެ ރުހުން ލިބުމަށް މިއީ ސަބަބަކަށް ވާނެއެވެ.                    

ރައީސް ބައިޑްން ވެސް އިންނެވި އެ ބައްދަލު ކުރެއްވުމުގައި ނަތަންޔާހޫއަށް މުޚާތަބު ކުރައްވައި އެކަމަނާ ވިދާޅުވި ކަމަށްވަނީ ސުލްޙަވެ 2 ދައުލަތް އުފެއްދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އަލުން ފަސްބެލެން ނެތް ކަމަށެވެ. 

ހަމަޔަގީނުންވެސް ފަލަސްތީނުގެ ރައްޔިންނަށް ދެވޭ ޙަމަލާތަކުގައްޔާއި މެދުވެރިކުރުވަމުން ގެންދާ ނިކަމެތި ޙާލަތުތަކަށް ނިމުން އަންނަން ވެއްޖެއެވެ. އެމެރިކާގެ ރައީސް ގެ ޙައިސިއްޔަތުން އެ ޙާލަތު ދެމިގެންދާތަން ދެކެން ނުހުންނަވާނެ ކަމަށެވެ.                                                        

މީޑިއާއަށް ތިލަވެފައިވާ ޚަބަރުތަކުގައި ރައީސް ބައިޑްންގެ ފަހަތުގައި ހުންނަވައިގެން މިހާރުވެސް އިސްރާއީލް-ފަލަސްތީނުގެ މައްސަލަ ސުލްޙަވެރި ކަމާއެކު ނިންމެވުމަށް  ޔޫ. އެން. އިން ސިއްކަ ޖަހާފައިވާ “ ރައީސް ބައިޑްން ގަރާރުގެ “ މޭސްތިރިއަކީ އެކަމަނާކަމަށް ބުނެއެވެ.                                               

އެ ބައްދަލު ކުރެއްވުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ވައިޓް ހައުސްއިން ނެރެފައިވާ ބަޔާނުގައި  ގައްޒާގައި އެއްވެސް ހަމައެއް އިންސާފެއްނެތި މައުސޫމް ރައްޔިތުންނާއި ކުޑަކުދިން މަރަމުން ޢާއިލާތަށް ވިއްސި ވިހާލި ކުރަމުން ގެންދިއުން ބަލާނުގަންނާނެ ކަމަށާއި މިއީ ތިމަންކަމަނާގެ އެންމެ ފަހުގެ ވިސްނުންކަމަށް 59 އަހަރުގެ ނައިބު ރައީސާ ނަތަންޔާހޫއަށް ވިދާޅުވިކަމަށް ބުނެފައިވެއެވެ.

 އަދި އެއަށްފަހު މިއީ އެންމެފަހުގެ ނިންމުން ނިންމަންޖެހޭ ވަގުތުކަން ރައީސް ބައިޑްންވެސް ނަތަންޔާހޫއަށް ވިދާޅުވިކަމަށް ބުނެފައި ވެއެވެ. އެ ބަޔާނުގައި ނައިބު ރައީސާ ކަމަލާ ހަރިސް އިތުރަށް ވިދާޅުވެފައިވެއެވެ. 

އަހަރެންގެ ވިސްނުން ނަތަންޔާހޫއަށް އަންގައިފީމެވެ. އަދި ހަމަމިމޭރުމުން ޙަމާސްއަށްވެސް ރައީސް ބައިޑްން ގެ ގަރާރަށް އެއްބަސްވެ އޭގައި ބުނެފައިވާ ފަދައިން ކަންތައްތައް ނިންމަމުން ގެންދިއުމަށްޓަކައި ޓައިމްޓޭބަލެއް އެކުލަވާލައި އެކަންތައްތައް ތަންފީޒުކުރުން އަވަސްކުރަން ހަނދާންކޮށްދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ކެމްޕޭންތަކުގައި ސިޔާސީ މީހުން ދައްކާ ވާހަކަތަކާއި ވެރިކަން ލިބުމުން ޢަމަލުކުރާގޮތްވެސް އަބަދުމެ ފެންނަމުންދެއެވެ. މުޅީން ތަފާތުގޮތަކަށެވެ.                                            

Loading

2 Responses

  1. ނުހަދާނެ ތެދެއް. ތިއީ ވޯޓް ހޯދުމަށް ޖަހާ ސަކަރާތް. ހަމަ ހޮވުނީމާ ބައިޑަންބެ އަށް ވުރެ ތި ކަމަނާ ނަތަންޔާހޫ ގައިގާ ބައްދާނެއެވެ. އަދި އެމެރިކާ ދިދައިން މޫނުފުހެފާ ނަތަންޔާހޫގެ ބޫޓްވެސް އެ ދިދައިން އެކަމަނާ ފުހެދޭނެއެވެ. އެހެނީ އެމެރިކާގެ ޒައަނިސްޓް ބައިގަނޑުގެ ރިޝްވަރުން ފައިސާހޯދައިގެން ވެރިކަމަށް އައުމަށްފަހު ޒައެނިސްޓުންގެ ބޮސް ނަތަންޔާހޫއަށް ބޮސްދިނުން ނޫން ކޮންކަމެއްތޯއޭ ކުރެވޭނީ؟ ހެދުނުހާ ދޮގެއް ހަދައިގެން ވެރިކަމަށް އާދެވޭތޯ ތިއިން ކޮންމެ މީހަކުވެސް ބަލާނެއެވެ.

  2. ކެމްޕޭނުގެ ބަސްމަގާއި ގޮނޑީގައި އިށީންދެވުނީމާ ދެން ވާހަ ދައަކާގޮތާއި ކަންތައްކުރާގޮތް އަހަރެމެންނަށް ކިޔާދޭކަށް ނުޖެހޭނެއެވެ. ކޮންމެ ދުވަހަކު އަހަރެމެންގެ ކުރިމަތީގައި އެކަންތައް ދަނީ ހާމަ ވަމުންނެވެ. އެކަމަކުވެސް ކަމަލާ ހަރިސް ޓްރަމްޕަށްވުރެން މައިތިރިވާނެއެވެ. ޓްރަމްޕް މިހާރުވެސް ކެމްޕޭނު ތެރޭގައި ނަތަންޔާޙުއަށް ތައުރީފްކުރަމުން “ ލެޓް ހިމް ފިނިޝް ދަ ޖޮބް “ ގޮވަމުންދާއިރު އެކަލޭގެއަށް ގޮނޑި ލިބިއްޖެއްޔާ އަދި ކިހާވަރެއް ހުންނާނެ ހެއްޔެވެ. ކުރީގެ 4 އަހަރުގައިވެސް ކުރި ކަންތައް އަދި އެކަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް