މިއަދު ޚަބަރުގައި އެންމެ ތާޒާ ޚަބަރަކަށް ވެފއއޮތީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ގެންދާ ގަތުލު އާންމު ނިމުމަކަށް ގެނައުމަށް މިހާތަނަށް މުޅިން ތަފާތު ވިސްނުމެއް ގެންގުޅެމުން އައި ފަލަސްތީނުގެ ފަތަޙަ ޖަމާއަތާއި ޙަމާސްއިން ގުޅިގެން އެއްބައިވަންތަ ސަރުކާރެއް އުފައްދަން އެއްބަސްވެ އެކަން ޢިއުލާން ކޮށްފިިކަމުގެ ޚަބަރެވެ.
މި އެއްބަސްވުމަކީ އަނެއްކާވެސް ޗައިނާއިން ގުޅުވާދިން ފާލަމެކެވެ. ފަތަޙަ ޖަމާއަތާއި ޙަމާސްގެ ތަފާތު ވިސްނުން އެއްފަރާތް ކޮށްގެންނޫނީ ފަލަސްތީނަށް ހަމަޖެހުމެއް ނުލިބޭނެކަން ފަލަސްތީނުގެ ސިޔާސީ ބޭފުޅުންނަށް ވިސްނާ ދިނުމަށް ޗައިނާއިން މަސައްކަތް ކުރަމުންގެންދާތާ ކިތަންމެ ދުވަހެކެވެ.
މީގެ ކުރިން ޗައިނާގައި ފަތަޙަ އާއި ޙަމާސް ގެ ލީޑަރުން ބޭއްވި ބައްދަލު ކުރެއްވުންވެސް ދިޔައީ ނާކާމިޔާބުވެގެންނެވެ. އެހެންނަމަވެސް ޗައިނާއިން ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓާލަން ބޭނުމެއް ނުވިއެވެ. އެންމެ ފަހުން އިއްޔެ ލަނޑުދަނޑިއަށް ވާސިލު ވެވުނީއެވެ. ފަލަސްތީނުގެ ކުދި 12 ސިޔާސީ ޕާރޓީއަކުންވެސް މިއެއްބަސްވުމުގައި ބައިވެރިވެ މި ބޮޑު ދެ ޕާރޓީގެ އެއްބަސްވުމަށް މަރުޙަބާކިޔައި އެ ދެ ޕާރޓީގެ މެދުގައި ހުރި ނުތަނަވަސްކަން ނިމުމަކަށް ގެނެސް އެއް މަގްސަދެއްގައި މަސައްކަތްކުރާނެ ވެއްޓެއް ގާއިމް ކުރުންމަތީ ދެމިތިބޭނެކަމަށް ބުނެފައި ވެއެވެ.
ޗައިނާގައި ވެވުނު އެއްބަސްވުމާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ ފަތަޙަ ޖަމާއަތުން ޙަމާސްގުޅިގެން ސަރުކާރެއް އުފައްދަން ފުރުސަތު ނުދޭނެ ކަމަށާއި އަދި ޗައިނާގެ އެއްބަސް ވުމަކީވެސް ހަމައެކަނި ފަތަޙަ – ޙަމާސް ގެ ސަރުކާރެއް އެކުލަވާލުމުގެ ގިއުގަނޑެއް ކަމަށެވެ.
ފަތަޙަ – ޙަމާސްގެ ދުޝްމަނީ ނުވަތަ ތަފާތު ވިސްނުމަށް ބަލާލާއިރު 1980 ވަނައަހަރުން ފެށިގެން އެ 2 ޖަމާއަތުގެ މެދުގައި ދެކޮޅުވެރިކަން ވަނީ ފެށިފައެވެ. ކޮންމެވެސް ބައެއްގެ ނުފޫޒުގައި މި ދެމެދަށްވެސް އިސްލާމްދީން އޮތީ ވައްދާފައެވެ. ފަތަޙަ ޖަމާއަތަކީ މިޒަމާނުގެ ބަހުރުވައިން ބުނާނަމަ “ ސެކިއުލަރ “ ވިސްނުމެއް ގެންގުޅޭ ބައެކެވެ. އަދި އެމެރިކާ އާއި އެމެރިކާގެ ބައިވެރީންގެ ވަރަށްބޮޑު އެނހީއެއް ލިބިދީފައި އޮންނަ ޖަމާޢަތެކެވެ. ޙަގީގަތަށް ބުނާނަމަ ކޮންމެ ގޮތެއް ވަރިހަމަ ޖަމާއަތެކެވެ. އިސްރާއީލުން ކޮންޓްރޯލް ކުރާ ދައުލަތެއް ހަދައިގެން ދިރިއުޅެމުންދާކަމީ މީގެ ހެއްކަކަށް ފުދެއެވެ. ފަތަޙަ ޖަމާޢަތް މިވަނީ ކުރީގެ ވެރިޔާ ޔާސިރު ޢަރަފާތު ނިޔާވިފަހުން އެއްވެސް ބާރެއްނެތް އެމެރިކާއާއި ޒައަނިސްޓުންގެ މަދަދުގައި ބަސްއަހައިގެން ތިބޭ އެނހީލިބޭ ޖަމާޢަތަކަށް ބަދަލުވެފައެވެ.
މިހާރުގެ ފަތަޙަ ޖަމާޢަތުގެ ވެރިޔާއަކީ ޢުމުރުން 80 އަހަރު ވެފައިވާ މުސްކުޅިފުޅު ރައީސް ޢައްބާސް އެވެ. ފަތަޙަ ޖަމާއަތާއި ޚިލާފަށް ޙަމާސް އަކީ މައިގަނޑުގޮތެއްގައި ސުންނީ މުސްލިމުންނަށް ނިސްބަތްކުރެވޭ އެމެރިކާގެ ބަހުންނަމަ “ ޓެރެރިސްޓް “ ޖަމާޢަތެކެވެ. އެހެނީ ފަތަޙް ފަދައިން ފަލަސްތީނުގެ ބިމާއި ނަސްލު މިނިވަންކަން ހޯދުމަށް ޖިހާދުކުރުމުގައި ކާމިޔާބު ލިބެންދެން ދެމިތިބުމަށް އަޙުދުހިފައިގެން ހަނގުރާމައިގެ މައިދާނުގައިވެސް ކެރޭ ޖަމާޢަތެކެވެ.
ފަތަޙަ – ޙަމާސްގެ ދެކޮޅުވެރިކަން އޭގެ އެންމެ އުސްމިނަށް ދިޔައީ 2005 ވަނަ އަހަރު ހިނގާދިޔަ 2 ވަނަ އިންތިފާދާގެ ފަހުންނެވެ. 2006 ގައި ބޭއްވުނު އިންތިޚާބުގައި ގައްޒާ ސަރަޙައްދު ޙަމާސްއިން އިލެކްޝަން ކާމިޔާބުކުރިއެވެ. ނަމަވެސް ވެރިކަން ކުރުމަކަށް އިސްރާޢީލުންނާއި އެމެރިކާ އާއި އެބައިމީހުންގެ ބައިވެރިން ފުރުސަތެއް ނުދިނެވެ. އެހެންވުމުން ދެ ޖަމާޢަތުގެ ދެމުދުގައި ތަޅާފޮޅުމެއް ހިނގައި ޙަމާސްވަނީ ބާރުގެ ބޭނުންކޮށް ގާޒާގެ ވެރިކަން ހިފަހަށްޓާފައެވެ.
އެ ގަޑުބަޑުގައި ހުޅަނގު އައްސޭރީގައި ފަތަހަ ޖަމާއަތުގެ ސަރުކާރެއް އިސްރާއީލުގެ ރުހުމާއެކު އުފައްދައި ފާއިތު ވެގެން މިދާ 10 އަހަރު ދުވަހުގެ ތެރޭގައި ސަލާމަތީ ބޭނުމަށްޓަކައި ކަމަށް ބުނެ އިސްރާއީލުން ބޭނުންވާ ޙަމާސްގެ އެތައް މުޖާހިދުންނެއް ވަނީ ރަޙީނުކޮށްފައެވެ. ނުވަތަ ހައްޔަރުކުރުމުގައި އިސްރާއީލަށް މަގުފަހިކޮށްދީފައެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިކުރުވުމުގައި ސަބް-ކޮންޓްރެކްޓަރުން ނަކީ ފަތަޙަ ޖަމާއަތުގެ މަހުމޫދު އައްބާސްގެ ސަރުކާރު ކަމަށެވެ.
ފަތަޙަ ޖަމާއަތާއި ޙަމާސްގެ ތަފާތު ވިސްނުންތައް ނައްތާލައި އެކުވެރި މާޙައުލެއްގައި ދިރިއުޅުމަށް މަގުފަހިކުރުމުގެ ބޭނުމުގައި 2011 ވަނައަހަރު މިސްރުގައި ސުލްޙައިގެ އެއްބަސް ވުމެއް ކުރެވުނެވެ. އަދި އޭގެ 11 އަހަރު ފަހުން ހަމަ އެފަދަ އެއްބަސްވުމެއް އަލްޖޭރިޔާގައިވެސް ކުރެވިގެން ދިޔައެވެ. މި 2 އެއްބަސްވުންވެސް ދިޔަތަނަކަށް ގޮސް ގެއްލުނީއެވެ. ޙާސިލު ކުރެވުނު އެއްވެސް ކާމިޔާބީ އެއް ނެތެވެ.
މިދިޔަ އަންގާރަ ދުވަހު ފަތަހަ ޖަމާއަތާއި ހަމާސް އަދި ފަލަސްތީނުގެ އެހެން 12 ސިޔާސީ ޕާރޓީއަކުން ބައިވެރިވި ބެއިޖިން ޑިކްލަރޭޝަންގައި ބުނެފައިވަނީ 1967 ގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގައްޒާއާއި އަދި އިރުމަތީ ބައިތުލް މަގްދިސްވެސް ހިމެނޭގޮތުގައި އެކުލަވާލެވޭ ސަރުކާރަކީ ފަތަހަ – ހަމާސް އިއްތިހާދުގެ ސަރުކާރެއް ކަމަށެވެ.
ނަމަވެސް ފަތަހަ ޖަމާއަތަކީ އިސްރާއީލުގެ ދައުލަތް ގަބޫލުކުރާ ސަރުކާރަކަށްވެފައި ޙަމާސްއިން އިސްރާއީލުގެ ދައުލަތް ގަބޫލު ނުކުރުމުގެ މައްސަލައަށް ބެއިޖިން ޑިކްލަރޭޝަންގައި ގޮތެއް ބުނެފައެއް ނެތެވެ. މި ކަހަލަ ސަބަބުތަކެއް ހުރުމާއެކު ތަހާނީ މުސްތަފާ ފަދަ ބައެއް ބައިނަލް އަގްވާމީ ކްރައިސިސް އެނަލަސިސްޓުން ބައިޖިން ޑިކްލަރޭޝަން ތަންފީޒު ކުރެވިދާނެ ކަމާއިދޭތެރޭ ސުވާލު އުފައްދައެވެ.
ބައިނަލް އަގްވާމީ ގިނަ އެނަލަސިސްޓުންނަކީވެސް ހަކުރުދޭ މީހާ ބުނާގޮތަށް ބަސްމަގު ބައްޓަން ކުރާ ބައެކެވެ. އެއްވެސް އެއްބަސްވުމެއްގައި އަލިފުން ޔާއަށް ތަފްސީލުދިނުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ރައީސް ބައިޑްން ގެ ސުލްހައިގެ ގަރާރަކީ މީގެ ވަރަށް ރަނގަޅު ހެއްކެއް ކަމަށް ފުދޭނެއެވެ. އެކަމަކު އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
މުސްތަފާ ތަހާނީ ބުނެފައިވަނީ އެންމެ ފުރަތަމަ ފަތަޙަ ޖަމާއަތާއި ޙަމާސް އިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިޚްލާސްތެރިވުން އިސްކުރަން ޖެހޭނެކަމަށެވެ. 2 ޖަމާއަތުގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން މިއީ ހުރިހާ މުސީބާތެއްގެ މައިގަޑު ސަބަބުކަމުގައިވެސް ބުނެފައިވެއެވެ.
ބެއިޖިން ޑިކްލަރޭޝަނާއި ބެހޭގޮތުން ނަތަންޔާހޫގެ އެންމެ ފަހު ބަހަކީވެސް ”ހަމަސްތާނެއް ފަތަސްތާނެއް“ ނުއުފެއްދޭނެ ކަމަށެވެ.
ބެއިޖިން ޑިކްލަރޭޝަނާދޭތެރޭ ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ރިޒާރވޭޝަން ގެންގުޅޭތަން ފެނެއެވެ. ޔަހޫންދީންގެ ސަޕޯޓަރު ޖަރުމަނުގެ ޚާރިޖީވަޒީރު އަނަލީނާ ބެއާބޮކް ވިދާޅުވެފައިވަނީ 2 ދައުލަތް އުފެދިގެން މެނުވީ އިސްރާއީލު-ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ނިމުމެއް ނާންނާނެކަމަށެވެ. އެހެންނަމަވެސް ފަތަޙަ ޖަމާއަތާއި ޙަމާސް އެކުގައި މަސައްކަތްކޮށްފާނެ ފަލްސަފާއެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
ޗައިނާގެ ސްޓޭޓް މީޑިއާއިންނާއި މަޝްވަރާތަކުގައި ބައިވެރިވި ފަލަސްތީނުގެ 14 ސިޔާސީ ޕާރޓީން ބުނެފައިވަނީ ޗައިނާ ޑިކްލަރޭޝަންގެ ސަބަބުން އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް މަގު ހުޅުވިގެން ހިނގައްޖެ ކަމަށެވެ.