ޚަރަދު ކުޑަ ކުރަން 10 ފިޔަވަޅެއް އަޅަން ސްކޫލްތަކަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ޚަރަދުކުޑަ ކުރުމަށް 10 ފިޔަވަޅެއް އެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ.


އެޑިއުކޭޝަން މިނިސްޓްރީން މިކަން އަންގާފައި ވަނީ އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއް ގައެވެ.
މިނިސްޓްރީން ސްކޫލްތަށް ފޮނުވި ސާކިއުލާގައި ބުނީ ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ލަފާފުޅު ލިބިފައިވާތީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސްކޫލްތަކުގެ އޭސީތަކުގެ ފިނިހޫނުމިން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމާއި ރަސްމީ ގަޑި ނިމުމުން ނިއްވާލަންޖެހޭ އޭސީތައް ނިއްވާލުމަށާއި ކްލާސްރޫމްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ދިއްލުންތައް ނިއްވާލުމަށާއި މަތީ ކަރަންޓު ނަގާ ބޮކިތައް ކޮންމެހެން ދިއްލަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއްލުމަށް ވެސް ވަނީ އެދިފައެވެ.
ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކުރުމަށާއި ކޮންމެހެން ޗާޕުކުރަންޖެހޭ ލިޔުންތައް ކަރުދާހުގެ ދެ ފުށަށް ޗާޕުކުރުމަށާއި ކުލަކޮށް ޗާޕުކުރަންޖެހޭ ލިޔުމެއް ނޫނީ ހުދު ކަރުދާހުގައި ކަޅު ކުލައިން ޗާޕު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މާލޭގައި ހިންގަމުންދާ މިނިސްޓްރީ އާއި މިނިސްޓްރީގެ ޑިޕާޓްމެންޓުތައް އެންމެ ލަސްވެގެން ރަސްމީ ދުވަސްތަކުގެ 14:30 ގައި ބަންދުކުރުމަށާއި ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ވެސް ދިނުމަށް މުހިންމު ހިދުމަތެއް ދިނުމަށް 14:30 ފަހުން އޮފީސް ހުޅުވާފައި ބަހައްޓަން ޖެހިއްޖެނަމަ، އެއް ދުވަސް ކުރިން މަސައްކަތުގެ ތަފްސީލާއި އޮފީހުގައި މަޑުކުރާނެ މުވައްޒަފުންނާއި އޮފީސް ހުޅުވާފައި ބަހައްޓާނެ ވަގުތު ޕާމަނެންޓް ސެކްރެޓަރީ މެދުވެރިކޮށް ހުއްދަ ހޯދުން ވަނީ އަންގާފައެވެ. އަދި މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އިދާރީ އޮފީސް 14:30 ގައި ބަންދުކުރުމަށާއި ނަމަވެސް އެކަޑަމިކް އޮފީސް ބަންދުކުރަން ވާނީ ސްކޫލުގައި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން ކަމަށް އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައި ވެއެވެ.
މުވައްޒަފުން އާއިލާއާ އެކު ހޭދަކުރާ ވަގުތު ވީހާވެސް ގިނަކުރުމަށް ބާރު އެޅުމާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ރަސްމީ ވަގުތުގެ ތެރޭގައި އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރުމާއި ކޮންމެހެން ބާއްވަންޖެހޭ މުނާސަބުތަކާއި ހަފުލާތައް ނޫނީ ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ ހަފުލާ ނުވަތަ އަހަރީ އިނާމުދިނުން ފަދަ ޖަލްސާތައް ވީހާވެސް ހަރަދުކުޑަކޮށް ބޭއްވުމުގެ އިތުރުން މިނިސްޓްރީގެ ހުއްދަ ނަގައިގެން ބޭއްވުމަށް ވެސް ވަނީ އެދިފައެވެ. ހަފުލާތަކާއި މުނާސަބުތަކުގައި އަގުބޮޑު މާބޮނޑި ފަދަ ތަކެތި ބޭނުން ނުކުރުމަށާއި ކެއުމާއި ސައި ނުބޭއްވުމަށާއި ދެ ގަޑިއިރަށްވުރެ ކުރު އެއްވެސް ބައްދަލުވުމަކަށް ނުވަތަ ޖަލްސާއަކަށް ސައި، ކޮފީ އަދި ފިނި ބުއިން އިންތިޒާމު ނުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ބަޖެޓުން ހަރަދުކޮށްގެން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ސަރުކާރުގެ ބަޖެޓު ހޭދަކޮށްގެން ކުރާ ދަތުރުތަކަށް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަނެތި ނުކުރުމަށްވެސް ވަނީ އެ ސާކިއުލާގައި އެދިފައެވެ.
ފަންޑް އެކައުންޓް ތަކުން ކޮންމެހެން ކުރަންޖެހޭ ކަމަށް ފަންޑު ކޮމިޓީން ނިންމާ ކަންކަމުގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދުތައް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަނެތި ނުކުރުމަށްވެސް އެ ސާކިއުލާގައި ވަނީ އެދިފައެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މި ފިޔަވަޅުތަކާއެކު ވެސް ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތެއް ނުހުއްޓި އަދި ލަސްވުމެއް ނެތި ކުރިއަށް ގެންދަންވާނެ ކަމަށް ސްކޫލްތަކަށް އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް