ޓްރަމްޕަށް ހަމަލާ ދިނުމުން އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދީފި

Loading

Facebook
Twitter
WhatsApp


ކެމްޕޭނު އެއްވުމެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ހަމަލާ ދިނުމުން އެމެރިކާގެ ސިޔާސީ އިސް ފަރާތްތައް ހިމާޔަތް ކުރުމުގެ ޒިންމާ އޮންނަ ސީކްރެޓް ސާވިސްގެ އިސްވެރިޔާ ކިމްބަލީ ޗީޓްލް މަގާމުން އިސްތިއުފާ ދީފިއެވެ.


ކިމްބަލީ ޗީޓްލް މަޤާމުން އިސްތިއުފާ ދީފައި ވަނީ ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ޓްރަމްޕްގެ ކެމްޕޭނު އެއްވުމެއްގެ ތެރެއިން އޭނާއަށް މީހަކު ހަމަލާދިން މައްސަލައާ ގުޅިގެންނެވެ.
ޕެންސިލްވޭނިއާގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކެމްޕޭން އެއްވުމާ ގުޅިގެން ސެކިއުރިޓީ ޕްރޮޓޮކޯލާ ބެހޭ ގޮތުން ސުވާލު އުފެދި ޗީޓްލް މަގާމުން އިސްތިއުފާ ދިނުމަށް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީންވެސް ވަނީ ގޮވާލާފައެވެ.
އެގޮތުން ޗީޓްލް އިސްތިއުފާދީފައި ވަނީ ކޮންގްރެސްގެ ކޮމިޓީއަކަށް ހާޒިރުވިތާ އެއް ދުވަސް ފަހުންނެވެ. އެ ކޮމިޓީގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީން ވެސް ވަނީ ސަލާމަތީ ގޮތުން ނާކާމިޔާބުވުމުން އޭނާއަށް ފާޑުކިޔާފަ އެވެ.
އެ އަޑުއެހުމުގައި ޗީޓްލް އެއްބަސްވެފައި ވަނީ ޓްރަމްޕްއަށް ދިން ހަމަލާއަކީ ސީކްރެޓް ސާވިސްގެ ”އެންމެ ބޮޑު އޮޕަރޭޝަނަލް ފެއިލްވުން“ ކަމަށެވެ.
ޗީޓްލް ވަނީ 27 އަހަރު ވަންދެން އެމެރިކާގެ ސީކްރެޓް ސާވިސްގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އިސްވެރިޔަކަށް ޗީޓަލް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު ރައީސް ޖޯ ބައިޑެން އެވެ.
ބައިޑަން ވިދާޅުވީ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ޗީޓްލްގެ ޚިދުމަތަށް ޝުކުރުވެރިވާ ކަމަށާއި ވަރަށް އަވަހަށް ސީކްރެޓް ސާވިސްއަށް އާ ލީޑަރަކު އައްޔަން ކުރައްވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް