ބަންގްލަދޭޝްގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު: މިނިސްޓްރީ

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.

“މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުންނެވެ. މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.“

މިނިސްޓްރީން ބުނީ ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފައިވާ ކަަމަށެވެ.

މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް ބުންޏެވެ.

“ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް މިމިނިސްޓްރީއިން މިއަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.“

މިގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް