މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށްފަހު މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
އަދި، އެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސް މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފިހުން ހާމަކުރެއެވެ.
އަޙްމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.