ސީއެންއެންގެ އިއްޔެގެ ހެނދުނުގެ ޚަބަރުގައި އެމެރިކާގެ ޚާރިޖީ ވަޒީރަށް ހަވާލަދީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވާ ފެންވަރަށް ޔުރޭނިއަމް ފައްކާކުރަން މިހާރު ބޭނުންވަނީ ހަމައެކަނި ހަފުތާއެއް ނުވަތަ ގިނަވެގެން ދެ ހަފުތާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެއްބަސްވެ ވަޑައިގެންފި ކަމަށް ބުނެފިއެވެ.
މިއީ އެމެރިކާގެ އޮފިޝަލަކު މިހާތަނަށް ހާމަކޮށްފައިވާ އެންމެކުރު މުއްދަތު ކަމަށާއި ފާއިތުވެގެން މިދާ ދުވަސްތަކުގެތެރޭގައި އީރާނުން ގެންދިޔައީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ފިސިލް މެޓީރިއަލްތައް އުފެއްދުން އެންމެ ބާރު ދުވެލީގައި ކުރިއަށް ގެންދަމުން ކަމުގައިވެސް ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވާ ކަމަށް ޚަބަރުގައި ބުނެފައި ވެއެވެ.
އެސްޕަން ސެކިއުރިޓީ ފޯރަމްގައި މިދިޔަ ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީޜު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ “ އަހަރެމެންނަށް މިހާރު މިތިބެވެނީ ރައްކާތެރި ހިސާބެއް ގައި ނޫން “ ކަމަށެވެ.
ބޮޑެތި ބާރުތަކާއެކު ހެދުނު ނިއުކްލިއަރ އެއްބަސްވުން އޮތީ ކުނިގޮނޑަށް އެއްލާލާފައެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް މީގެ ކުރިން އޮތީ ބެލެވިފައެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ އެ މުއްދަތު އެންމެ ހަފުތާއަކަށް ނުވަތަ ގިނަވެގެން ދެ ހަފުތާއަށް ކުރުވެއްޖެކަން ގަބޫލުކުރަން ޖެހުމެވެ. މިހާތަނަށް އީރަނުން ނިއުކްލިއަރ ހަތިޔާރު އުފައްދާފައެއް ނުވެއެވެ. އަހަރެމެން މިގެންދަނީ އެކަމަށް ފާރަލައިގެން ވަރަށް ކައިރިން ބަލަމުންނެވެ. އެމެރިކާގެ މަގްސަދަކީ ސިޔާސީ ވަސީލަތްތަކުގެ ތެރޭން އިރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމެވެ.
2018 ވަނައަހަރު ޓްރަމްޕުގެ ރިޔާސަތުގައި އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ބައިޑްން ސަރުކާރުން ނުސީދާ ގޮތުގައި އީރާނާއެކު މަޝްވަރާ ކުރަމުން ގެންދާތާ އަހަރު ދުވަސް ވެއްޖެއެވެ. އީރާނުގެ އެކި ހިސާބުތަކުން ފައްކާކޮށްފައިހުރި ޔުރޭނިއަމް ފެނުމާގުޅިގެން ބައިނަލް އަގްވާމީ އެޓޯމިކް އޭޖެންސީން އެ ކަންތައް އޮޅުން ފިލުވާދިނުމަށް އީރާނު ސަރުކާރުގައި އެދުމުން “ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށް ބަހަނާ ދައްކަން “ ފެށުމުން 2022 ގައި އެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބި ހުއްޓުނީއެވެ.
މީގެ އެއް އަހަރުކުރިން އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ 12 ދުވަހުގެ ތެރޭގައި އީރާނުން މަދުވެގެން ނިއުކްލިއަރ އެއް ބޮން އުފެއްދޭ މިންވަރަށް ފެސިލް މެޓީރިއަލް މުއްސަނދިކުރުމުގެ ކުޅަދާނަކަން ލިބިގަނެފައިވާ ކަމަށެވެ.
އަލަށް އިންތިޚާބު ކުރެވުނު އީރާނުގެ ރައީސް ވިދާޅުވެފައިވަނީ ހުޅަނގުގެ ގައުމުތަކާ ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުކަމަށެވެ. އެހެންނަމަވެސް ސްޓޭޓް ޑިޕާރޓްމެންޓުގެ ވަރަށް އިސްބޭފުޅަކު ސީ އެން އެން އަށް ކިޔާދީފައިވާ ގޮތުގައި އީރާނުން މިހާރު އޮތީ ފަސްއެނބުރި ބަލާގޮތަކަށް ނޫނެވެ. ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އޮތީ އެއަށްވުރެން މާ ކުރިއަށް ގެންގޮސްފައެވެ. މާގިނަ ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. ބޮޑެތި ބާރުތާއެކު ކުރެވުނު އެއްބަސްވުމަށް އީރާނުން ދެން އަންނާނެކަމަށް ބަލައިގެން ނުވާނެއެވެ. އަލަށް އިންތިޚާބު ކުރެވުނު ރައީސް އެހެން ވިސްނުންފުޅެއް ގެންގުޅުއްވާފާނެކަމަކަށްވެސް ނުބެލެވެއެވެ.
ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވަނީ އީރާނުގެ ވިސްނުމާ ފިކުރު އެއީ ވަކިމީހަކަށް ޚާއްސަ ސިފައެއް ނޫނެވެ. އެކަންތައްތަކަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައްޔިތުންނާއި ވެރިންގެ އަގީދާއާއި ގުޅިފައިހުރި ކަމެކެވެ. އީރާނުގައި ސިޔާސީ ކަންތައްތަކުގެ އެންމެ ފަހުބަސް ބުނާ ބޭފުޅަކީ ރައީސް ނޫންކަމާއި އެއީ އެގައުމުގެ ސުޕްރީމް ލީޑަރު ކަންވެސް އަހަރެމެންގެ ހަނދާނުން ކައްސާލިޔަ ދީގެން ނުވާނެއެވެ.