އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްޤު ލިބިދޭކަން އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ އެކަންވެސް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ހަމައެހެންމެ ރައީސް ވަނީ އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފައެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައި.ސީ.ޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވަފައިވެއެވެ.