މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވެއެވެ.
އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމު ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ޖުލައި މަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ.
މިގޮތުން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.