އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ދައްކަން ދެން ބޭނުމެއްނޫން

Loading

Facebook
Twitter
WhatsApp

ޙަމާސްގެ ކޮމާންޑަރ މުޙައްމަދު ދާއިފްއަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާ ދިނުމަށްފަހު ދެން އިސްރާއީލާއެކު ދައްކާނެ ސުލަޙައިގެ ވަހަކައެއް ނޯންނާނެ ކަމަށް ޙަމާސްގެ އިސް އޮފިޝަލަކު ވިދާޅު ވެއްޖެއެވެ.

ޙަމާސްގެ އެހެން އޮފިޝަލަކު ވިދާޅުވެފައި ވަނީ އިސްރާއީލުގެ ޙަމަލާގައި މުޙައްމަދު ދާއިފް އަށް އެއްވެސް ހާނީއްކައެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ މަނިކުފާނަށް ޚާއްސަކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރައްވަމުން ކަަމަށެވެ.                

ފަލަސްތީނުގެ ވިއްސިވިހާލި ކޮށްލާފައިވާ ރައްޔިތުންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު އިސްރާއީލުން ދިން އިތުރު ވަރުގަދަ ބޮމުގެ ޙަމަލާގެ މަގްސަދަކަށް ވެފައިއޮތީ ކޮމާންޑަރ މުޙައްމަދު ދާއިފް ޝަހީދު ކޮށްލުމެވެ. އިސްރާއީލުން އަލް މަވާސީ ކޭމްޕަށް ދިން މި ޙަމަލާގައި 92 މީހުން ( އާންމުގޮތެއްގައި އަންހެނުންނާއި ކުޑަކުދިން ) ޝަހީދުކޮށްލައި 300 ވަރަކަށްމީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

އަލްމަވާސީ ކޭމްޕަކީ މިދިޔަ މޭ މަހު އިސްރާއީލުގެ މިލިޓްރީން ”އިންސާނީ ސަލާމަތުގެ އައްސޭރިއެއް ކަމަށް ކަނޑައަޅައި“ ފަލަސްތީނުގެ ވިއްސިވިހާލި ކޮށްލާފައިވާ ރައްޔިތުންނަށް އެއީ އަމާން ސަރަހައްދެއް ކަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް އޭގެފަހުން އެތައް ފަހަރަކު އެ ސަރަހައްދަށްވެސް އިސްރާއީލުން ވަނީ ޙަމަލާދީފައެވެ.                                      

ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ ޔޫ އެން ގެ އިދާރާގެ އެންމެ އިސްވެރިޔާ ފިލިޕޭ ލަޒާރިނީ ބުނެފައިވަނީ އަލްމަވާސީ ކޭމްޕުގެ ސަރަހައްދަކީ އެއްވެސް މަގެއް އިމާރާތެއް ނެތް 14 ވަރަކަށް އަކަ ކިލޯމީޓަރުގެ ދަނޑު ބިމެއް ކަމަށެވެ. ލަޒާރިނީ އެކްސްގައި ބުނެފައިވަނީ އެއީ ރައްކާތެރި ސަރަހައްދެއް ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ އޮޅުވާލުމުގެ މާނައިގާކަން މިހާރު ގަބޫލުކުރެވޭ ކަމަށެވެ.                                  

އިސްރާއީލުން ރައްދުގައި ބުނެފައިވަނީ އެ ސަރަހައްދަށް ޙަމަލާދިނީ އަލް ގަސަމް ބްރިގޭޑުގެ އެންމެ އިސްވެރިޔާ މުޙައްމަދު ދާއިފް އާއި ބްރިގޭޑުގެ ކޮމާންޑަރ ރަފާ ސަލާމާ އެތަނުގައި ހުންނެވި ކަމުގެ މަޢުލޫމާތުގެ މައްޗަށް ކަމަށެވެ. މުޙައްމަދު ދާއިފް ޝަހީދުކޮށް ނުލެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ އެތައް ފަހަރަކު ހުވާކޮށްފައެވެ.                                                 

މި ޢުދުވާނާއި ގުޅިގެން ޙަމާސް އިން ބުނެފައިވަނީ ސުލްޙައިގެ ވާހަކަތަކުގެ މަގްޞަދު ނޭނގޭ ބަޔަކާއި އެކު ސުލްޙައިގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށާއި ޙާސިލު ކުރެވޭނެ އެއްވެސް ރަނގަޅު ނަތީޖާއެއްވެސް ނޯންނާނެތީ ސުލަޙައިގެ މަޝްވަރާ ތަކުން ޙަމާސް ނިކުންނަން ނިންމީ ކަމަށެވެ.                          

ޙަމާސްގެ ސިޔާސީ ގޮތުން އެންމެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ބައިނަލް އަގްވާމީ މީޑިއާތަކަށް ވިދާޅުވެފައިވަނީ ސުލްޙައިގެ މަޝްވަރާތައް ފެށުނު ހިސާބުންވެސް އިސްރާއީލުގެ ޙަމަލާތައް ނުހުއަޓައި ކުރިއަށް ގެންދިއުމާއި ތަފާތު އުޒުރުތައް ދެއްކުމާއި ސުލްޙައިގެ މަޝްވަރާތަކުގައި އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަވެފައިވާތީ މިހިސާބުން އެ މަޝްވަރާތައް ނިންމަން ޖެހުނީ ކަމަށެވެ.

އެގޮތުން ދެން ހަމާސްއިން ބައިވެރިވެ ސުލްޙައިގެ ވާހަކަދެއްކުން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ވަގުތުތަކެއް ބޭކާރު ކޮށްލުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. މިސަބަބަށްޓަކައި ޙަމާސްއިން އެ މަޝްވަރާތަކުން ވަކިވާން ނިންމެވީ ކަމަށެވެ.

 ޙަމާސްއިން ދެން އެ މަޝްވަރާތަކުގައި ބައިވެރިވާނީ އެމެރިކާއިން ފިއްތުން ކުރިމަތި ކޮށްގެންވިޔަސް ހަނގުރާމަ މުޅިން ހުއްޓާލައި އަދި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް އިސްރާއީލުން އަޙުދު ކަށަވަރު ހިފި ދުވަހަކުންނެވެ.                      

އިސްރާއީލް- ފަލަސްތީނުގެ މި ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދަން އެމެރިކާއާއި މިސްރާއި އަދި ގަތަރުން ކުރަމުންގެންދާ މަސައްކަތުގެ ނަތިޖާއަކީ މިހާތަނަށް ސުމެކެވެ. އިސްމާއީލް ހަނިއްޔާ ވިދާޅުވިއެވެ. ވާނީވެސް އެހެންތާއެވެ. އެމެރިކާއަކީ މިހަނގުރާމަ ކުރުމުގެ ބައިވެރިއެއްގެ އިތުރަށް ފަނާކުރަނިވި ހުރިހާ ހަތިޔާރެއް އިސްރާޢީލަށް ފޯރުކޮށްދޭ ގައުމެވެ.                     

މިފަދަ ކޮންމެ ގަތުލު އާންމަކަށްފަހު ޢަރަބިކަރައިގެ ލީޑަރުން ބަހުގެ ނުރުހުން ފާޅުކުރައްވަމުން ގެންދަވާ މޭރުމުން މިފަހަރުވެސް މިއީ އެއްވެސް ޙާލެއްގައި އިސްރާއީލުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް މީޑިއާތަކުގައި އެބައިމީހުން ޝުއޫރު ފާޅުކުރައްވަމުން އެބަ ގެންދަވައެވެ.                                               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް