މި ދެނީއޭ ކިޔަކިޔައި ތިއްބާ ވަގުތު ފާއިތުވެގެންދަނީ: ޒެލެންސްކީ

Loading

Facebook
Twitter
WhatsApp

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގައި އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ޔޫކްރެއިނަށް ފައިސާއާއި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމަކީ ސިއްރެއް ނޫނެވެ.

މީގެ ކުރިން އެމެރިކާއިން އަބްރާމްސް މަރުކާގެ 31 ޓޭންކް ވެސް ވަނީ ޔޫކްރެއިނަށް ދީފައެވެ. އެ ޓޭންކުތަކުގެ އިންތިޒާރު ނިމުމަކަށް އައީ އިނގިރޭސިވިލާތުންނާއި ޖަރުމަނުން ޓޭންކުތައް ދިން ފަހުންނެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަނީ އެމެރިކާގެ ޓޭންކުތައް ލިބުނުއިރު އޭގެ ބޭނުން ކެނޑިއްޖެ ކަމަށެވެ.

ޔޫކްރެއިނަށް އެފް-16 މަރުކާގެ ފައިޓަރ ޖެޓް ބޭނުންވެގެން އެމެރިކާގައި އެދެމުން ގެންދާތާ ދުވަސްގަނޑެއް ފާއިތުވެއްޖެއެވެ. މިހާރު ބުނަމުން ގެންދަނީ ވަރަށް އަވަހަށް އެ ޖެޓްތައް ޔޫކްރެއިނަށް ލިބޭނެކަމަށެވެ. މިފަހަރުވެސް އެ ޖެޓްތައް ލިބޭއިރު އޭގެ ބޭނުން އޮންނާނީ ކެނޑިފައެވެ. އަދި ލިބޭނީ ކިތައް ޖެޓް ކަމެއް ވެސް ނޭންގެއެވެ. ލިބޭނީ ކިތައް ޖެޓް ކަމާއި ލިބޭނެ ދުވަހެއް އަހަރެމެންނަށް އެނގެން ބޭނުމެވެ. އެކަމަކު އެނގޭނެ ގޮތެއް ނެތެވެ. ހުޅަނގުގެ އެހީއަށް އަހަރެމެން އިންތިޒާރު ކުރަން މިޖެހެނީ ދަރިފުޅު ސްކޫލް ނިންމާފައި ގެއަށް އަންނާނެ ވަގުތަކަށް މަންމަ އިންތިޒާރު ކުރުން ކަހަލަ ގޮތަކަށެވެ. ބައެއް ދުވަހު އަވަހަށްވެސް އަތުވެދާނެއެވެ. އަނެއްބައި ދުވަހު އެކުވެރިންނާއެކު ކުޅެން އުޅެފައި ކޮންމެއިރަކުންވެސް އަތުވެދާނެއެވެ. ހުޅަނގުގެ މަދަދާއި އެހީތެރިކަމަކީވެސް އެކަހަލަ އުންމީދެކެވެ. ލިބޭނެ ދުވަހެއް ބުނާކަށް ނޭނގޭނެއެވެ.

ރައީސް ޒެލެންސްކީ އިތުރަށް ވިދާޅުވެފައިވަނީ އެފް-16 މަރުކާގެ ފައިޓަރ-ޖެޓް ލިބުމަކުން އަދި އޭގެ ބޭނުމެއް ވެސް ނުކުރެވޭނެއެވެ. ޔޫކްރެއިން ސިފައިންނަށް އޭގެ ބޭނުންކުރެވޭ ގޮތް އެނގެން ޖެހޭނެއެވެ. އެކަން ޖެހޭނީ ދަސްކޮށްދޭށެވެ. އެކަމަށްވެސް ވަގުތު ނަގާނެއެވެ.

ރައީސް ޒެލެންސްކީގެ ވާހަކަފުޅު އައިސްފައި މިވަނީ އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާ ފުރަތަމަ ފައިޓަރ-ޖެޓްތައް ޑެންމާރުންނާއި ނެދަރލޭންޑުގެ މަގުން މިހާރު އޮތީ އަންނަ މަގުމަތީގައޭ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވުމާ ގުޅިގެންނެވެ.

ޔޫކްރެއިންގެ ރައީސް ވިދާޅުވެފައިވަނީ ރަޝިޔާގެ އެތައް ބައިވަރު ފައިޓަރ-ޖެޓް ތަކެއް ޔޫކްރެއިންގެ ޖައްވުގައި އުދުހެމުންދާއިރު އެމެރިކާއިން ހަމައެކަނި ފަންސާހަކަށް ފައިޓަރ-ޖެޓް ދިނުމަކުން ޔޫކްރެއިން ސިފައިންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. އެންމެ މަދުވެގެންވެސް އަހަރެމެންނަށް 125 ވަރަކަށް ފައިޓަރ-ޖެޓް ލިބިގެންނޫނީ ރަޝިޔާގެ ޖެޓްތަކާ މުގާބަލާ ނުކުރެވޭނެއެވެ. ރަޝިޔާގެ ޖެޓްތައް އެގޮތަށް އުދުހެމުންގެންދާހާ ހިނދަކު ޔޫކްރެއިނުން އެގައުމު ދިފާއުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

އެމެރިކާގެ އަބްރާމްސް މަރުކާގެ ޓެންކަކީ ހަނގުރާމައިގެ މައިދާނުގައި “ ކިލަރ ޓޭންކް “ ގެ ޝަރަފް ލިބިފައިވާ ހަތިޔާރެކެވެ. ރަޝިޔާގެ އެއްވެސް ޓޭންކެއް ހަނގުރާމައިގެ މައިދާނުގައި އެމެރިކާގެ އަބްރާމްސް މަރުކާގެ ޓޭންކާ އަޅާ ނުކިޔޭނެއެވެ. އެކަމަކު ޔޫކްރެއިންގެ ހަނގުރާމައިގާ އަބްރާމްސް މަރުކާގެ ޓޭންކުގެ މާބޮޑު ބޭނުމެއް ނުހިފެއެވެ. ހަނގުރާމައިގެ ވައްޓަފާޅި ކުރިއަށްދާ ގޮތުންނާއި ބިމުގައި ވަޅުލާފައި ހުރި މައިންސްތަކާއި ޑްރޯންތަކުގެ ސަބަބުން އަބްރާމްސް މަރުކާގެ ޓޭންކު ބޭނުންކުރުމުގައި ބޮޑެތި ނުރައްކާތައް ދަނީ މެދުވެރިވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ބުނެފައިވަނީ ޔޫކްރެއިނަށް އެފް-16 މަރުކާގެ ފައިޓަރ-ޖެޓް ފޮނުވުމަށް ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެ ކަމަށާއި އެހެންނަމަވެސް އެ ޖެޓްތައް ލިބުމުން ޔޫކްރެއިން އަތުން ގެއްލިގެންދިޔަ ސަރަހައްދުތައް އަނބުރާ އަތުލުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް