ޕޫޓިންގެ ދަންތޫރައިގާ ނޭޓޯ ޖެހުނީތަ ނުވަތަ ޖެއްސީތަ!

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރު ލިތުއޭނިޔާގެ ވެރިރަށް ވިލިނިއަސްގައި އޮތް ނޯތު އެޓްލާންޓިކް ކައުންސިލުން ”ޔޫކްރެއިންގެ މުސްތަގްބަލް އޮތީ ނޭޓޯއާއެކުގައި ކަމަށް“ އިއުލާން ކުރިނަމަވެސް މި އަހަރު ޖުލައިމަހުގައި ބޭއްވުނު ނޭޓޯގެ ސަމިޓާ ހަމަޔަށް އައިއިރު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވަމުން އެ ގެންދަވަނީ ޔޫކްރެއިނަށް ނޭޓޯގައި ބައިވެރި ވުމުގެ ފުރުސަތު ނެތް ކަމަށެވެ.                                            

ޔޫކްރެއިނުން ނޭޓޯއާ ހަމަޔަށް އައުމަށްޓައި ދެފަރާތުގައި ރައްކާތެރިކަމުގެ ރެއިލިންގ ޖަހާދީފައި ބޮޑެތި އަލިގަދަ ބޮކިތަކުން ދިއްލާފާއޮތް ވަގުތީ ފާލަމެއް އެއޮތީ އަޅާދީފައެވެ. އޭގެ މަތިން ނުވެއްޓި އާދެވުނު ދުވަހަކުން ޔޫކްރެއިނުން ނޭޓޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިދާނެއޭ  ރައީސް ބައިޑްން އެންމެ ފަހުން ވިދާޅުވިއެވެ.     ރައީސް ބައިޑްން ވިދާޅުވީ މި ވަގުތު ރައީސް ޒެލެންސްކީއަށް ދެވެން އޮތް އެންމެ އުފާވެރި ޚަބަރަކީ ކޮންމެ 6 މަހަކުން އެއްފަހަރު އަލުން މުރާޖިއާކުރުމަށްފަހު ކުރިއެރުމެއް ނުލިބޭ ކަމަށް ފެނިއްޖެ ހާލަތެއްގައި ބާތިލު ކޮށްލެވޭގޮތަށް 10 އަހަރުގެ ދިފާއީ އެއްބަސްވުމެއް ދެވިދާނެ ކަމެވެ.                                

އަހަރެމެން ފިންލޭންޑާއި ސްވިޑްން ނޭޓޯގެ ތެރެއަށް މިގެނައީ އެއްވެސް ފާލަމެއް އަޅާދިނުމަކާ ނުލައެވެ. އެކަމަކު ޔޫކްރެއިނަށް އެގޮތަށް ކަންތައް ކޮށްދެވޭކަށް ނެތެވެ. ޔޫކްރެއިންގެ ކޮރަޕްޝަނާ ފަސާދަ އުޅެނީ ކަޒަކިސްތާނާއި ބެލަރޫސްއަށްވުރެންވެސް މާފަހަތުގައެވެ.އެންމެ ފުރަތަމަ ޔޫކްރެއިންގައި އަށަގެންފައިވާ މި ވަބާއިން ސަލާމަތްވެގަންނާށެވެ. ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމުގައި ނޭޓޯއިން ވިސްނަންޖެހޭ އެންމެ މުހިންމު މައްސަލައަކީ ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ހިނގަނިކޮށް ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދީފިނަމަ އެދުވަހުންފެށިގެން ހަނގުރާމަ ބަދަލުވެގެންދާނީ ރަޝިޔާއާއި ދެކޮޅަށް ނޭޓޯ ކުރަންޖެހޭ ހަނގުރާމައަކަށެވެ. މިއީ ނޭޓޯ ބޭނުންވާނެ ގޮތެއް ނޫނެވެ.                                                 

ހުޅަނގުގެ ގައުމުތަކުގެ މިލިޓްރީ އެހީގެ ސުނާމީއެއް ކްރެމްލިންގެ މައްޗަށް ބަންޑުން ދިއުމުން ނޫންގޮތަކަށް ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ ނިމިދާނެ ކަމަކަށް ނުބެލެވެއެވެ. އަދި ހުޅަނގުގެ އެފަދަ ބިޔަ މިލިޓްރީ އެހީއެއް ޔޫކްރެއިނަށް ދީފާނެ ކަމަކަށްވެސް ނުބެލެވެއެވެ. ޔޫކްރެއިންގެ މިލިޓްރީން ކިތަންމެ ވަރުގަދަ އަޒުމަކާއެކު ހަނގުރާމަކުރަމުން ގެންދިޔަނަމަވެސް ރަޝިޔާގެ ލަޝްކަރުތައް ފައްސާލުމަކީ ނުކުރެވޭނެ ކަމެކެވެ. ހަމައެފަދައިން ރަޝިޔާގެ ލަޝްކަރުތައް ޔޫކްރެއިނުން ބޭލޭނެގޮތެއްވެސް ނޯންނާނެއެވެ. އެހެންވީމާ ކިތަންމެ ވަރުގަދައަކަށް ދިއްލާފާއޮތް ފާލަމެއް ރައީސް ޒެލެންސްކީއަށް ލިބިވަޑައިގެންނެވިއެއްކަމަކު މަންޒިލަށް ވަޑައިގަތުމަކީ ވަރަށް ނާދިރު ކަމެކެވެ. ރަޝިޔާއިން ބޭނުންވާ ކަންތައް ހާސިލު ކުރެވެންދެން ރަޝިޔާގެ މިލިޓްރީން ޔޫކްރެއިނާ ދުރަކަށް ނުދާނެއެވެ.

ދާދި މިދާކަށްދުވަހު އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވިދާޅުވަފައި އެވަނީ ރުހުނަސް ނުރުހުނަސް ގަބޫލުކުރަން ޖެހޭނެ ހަގީގަތެވެ.  މިލިޓްރީގޮތުންނާއި އިގްތިސާދީގޮތުންބެލި ނަމަވެސް ނޭޓޯއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ޖަމާއަތެވެ. ރަޝިޔާއިން ނޭޓޯއާއި ކައިރިއަށް ވެސް ނާދެވޭނެއެވެ. އެކަމަކު މުޅި ނޭޓޯއިން އެކުގައި ދިމާކުރިޔަސް ރަޝިޔާ ފަހަތަކަށް ނުޖެއްސޭނެއެވެ. އަދި މުޅި ނޭޓޯ އެކުގައި ރަޝިޔާއާ ދކޮޅަށް ނެރުމަކީ ނޭޓޯއަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނޭޓޯގެ ބައެއް ގައުމުތަކުގެ ރައްޔިތުންގެ ރުހުން ނުލިބޭނެތީ އެވެ.

ޑިމޮކްރެސީގައި ރައްޔިތުންގެ ވޯޓު ބޭނުންވާނެތީ ނޭޓޯގެ ގައުމުތަކުގެ ރައްޔިތުންގެ ވިސްނުމާދެކޮޅަށް އެގައުމުތަކުގެ ވެރިން ހަރަކާތްތެރި ނުވާނެކަން ރައީސް ޕޫޓިންއަށް  ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވައެވެ. މިފަހުން ފެނިގެންދިޔަ ފަދައިން އަފްޣާނިސްތާނުގައިތިބި އެމެރިކާގެ ފައުޖުތައް އެގައުމުން ބާލަން ޖެހުނީ ކީއްވެގެންކަން ރައީސް ޕޫޓިންނަށް އެނގިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ބޭތިއްބޭނެ ގޮތެއް ނެތީއެވެ. މިއީ ޑިމޮކްރެސީގެ ބަލިފަރާތެވެ. ކޮންމެ ހަތަރު-ފަސްއަހަރަކުން ރައްޔިތުންކައިރިއަށް ވޯޓު ހޯދަން އަންނަން ޖެހޭނެއެވެ. އެ ގައުމުތަކުގެ ރައްޔިތުން އަތުން ވޯޓު ގަތުމަކީ ކުޅަދާނަ ޚަރަދަކަށް ނުވާނެއެވެ. ބަސްނާހާ ވެރިންނަށް ދެވަނަ ފުރުސަތު ލިބުމުގެ ދޮރު ނުހުޅުވޭނެއެވެ.             

ރަޝިޔާއިން ހަނގުރާމަ ކާމިޔާބުކޮށްފާނެކަމަށް ބަލައި އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ޔޫކްރެއިން ސަލާމަތްކުރުމުގެ ނަމުގައި މިލިޓްރީގޮތުންނާއި މާލީގޮތުން ބޮޑެތި އެހީތަކެއް ޔޫކްރެއިނަށް ފޯރުކޮށްދީ ކީވް ވަށައިގެން ދަގަނޑު ދާ ޖަހާ ރައްކާކުރަމުން ގެންދިޔައެވެ. އަދި ހަމައެއާއެކު އިގްތިސާދީ އެތައް ގޮތަކުން ރަޝިޔާ ތާށިކުރަމުންގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރަޝިޔާގެ ހަމަލާތަކުގެ ފައްޓަފާޅި ބަދަލުކޮށް  އަދި ހަމަލާތައް ވަރުގަދަކުރުމެވެ. އެންމެފަހުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގަސްދުކުރީ އެގައުމުތަކުގެ މަގްސަދުގައި ފަހަތަށް ޖެހުމަށެވެ. ނޭޓޯގެ މަސްލަހަތަށްޓަކައެވެ.                                        

މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔުގައި ނޭޓޯގައި އިތުރަށް މެމްބަރުކަންލިބުނު ގައުމުތަކުގެ މިލިޓްރީ ނޭޓޯގެ ފެންވަރަށް ގެނައުމަށްޓަކައި ނޭޓޯގެ މުއްސަނދި ގައުމުތަކުން އިތުރު ޚަރަދުތަކާ ކުރިމަތި ލާންޖެހޭނެއެވެ. މިހާލަތުގައި ޔޫކްރެއިންގެ ހަނގުރާމަ ނާކާމިޔާބުވެ ނުވަތަ ރަޝިޔާއިން ބޭނުންވާ ޝަރުތުތަކުގެ މައްޗަށް ސުލްހަވުމުގެ އެއްބަސްވުމެއް އެކުލަވާލަން ޖެހިއްޖެނަމަ ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ލިބުން އެއީ އަދި މާފަހުގެ ކަމަކަށް ވެދާނެއެވެ.

ނޭޓޯއަށް ކުރިމަތިލާންޖެހިފައިވާ އަނެއް މައްސަލައަކީ ރަޝިޔާއިން ބޯލްޓިކްގެ ޗާޓު އަލުން ކުރަހަން މަސައްކަތްކުރަމުންގެންދިއުމެވެ. އެ މައްސަލާގައި ޕޮލޭންޑާއި ބޯލްޓިކް އެހެން ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ކުރަންޖެހިދާނެ ހަނގުރާމައެއްގައި ޖަރުމަނާއި ފަރަންސޭސި ވިލާތާއި އިނގިރޭސިވިލާތުން ސިފައިން ފޮނުވާކަށް އެގައުމުތަކުގެ ރައްޔިތުން ބޭނުމެއް ނުވާނެއެވެ. މިއީ ނޭޓޯ ގައި އެމެރިކާ ފިޔަވައި އެންމެ ބާރުގަދަ ގައުމުތަކެވެ.  

ނޭޓޯގެ ހުރިހާ ގައުމުތަކެއް ގުޅިގެންނަމަވެސް ޖަވާބު ހޯދުން ފަސޭހަ ނުވާނެ ސުވާލަކީ ރަޝިޔާގެ ބަނޑުދަށުގައިހުރި ގައުމުތައް ޔޫރަޕުގެ ބާރުގެ ދަށަށް އެހެން ގޮތަކަށް ބުނާނަމަ ނޭޓޯގެ ބާރުގެ ދަށަށް ގެންދިއުމަށް ރައީސް ޕޫޓިން ދޫކޮށްލައްވާނެހެއްޔެވެ؟ ހަމަމިމޭރުމުން ނޭޓޯއިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ފެތުރިގަންނަން މަސައްކަތްކުރާނަމަ ރައީސް ޝީ ޖީންޕިން މަޑުން ހުންނަވާނެ ހެއްޔެވެ؟ ނުވަތަ މެދުއިރުމައްޗަށް އެމެރިކާއާއި ނޭޓޯ ވަންނަން ދިމާކޮށްފިނަމަ ރައީސް އަލީ ޚާމަނާއި އަތް އުރާލައިގެން ހުންނަވާނެ ހެއްޔެވެ؟          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް