ޔުނައިޓެޑް އެރެބް އެމިރެޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް އަބޫދާބީގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ޑިޕްލޮމާ ކޯސް ނިމި ގްރޭޖުއޭޝަންގައި ސެޓްފިކެޓާ ހަވާލުވާން ދިޔަ ފިރިހެން ދަރިވަރަކު ސްޓޭޖަށް އެރުމުގެ މަގުމަތީގައި “ ފުރީ ޕެލަސްޓައިން “ ގޮވުމުން އޭނާއަށް އެމިރޭޓްސް އަށް ނާދެވޭ ގޮތަށް ޑިޕޯޓްކުރަން އެ ގައުމުން ނިންމައިފިއެވެ.
އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދަރިވަރު އަޅައިގެންހުރި ހެދުމުގައި އެ ވަގުތު ބޭނުންކޮށްފައިވަނީ ފަލަސްތީނުގެ ފިރިހެނުންގެ ބޮލުގައި އެޅުމަށް އާންމުކޮށް ބޭނުންކުރާ ހުދާއި ކަޅުކުލައިގެ ކަފިޔާއެކެވެ.
ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި އެ ދަރިވަރާއި އަދި ފެކަލްޓީގެ މުއައްޒަފަކު އެ މައްސަލައާ ގުޅިގެން ތަޙްގީގަށާއި އަދި އިތުރަށް ފާރަލުމުގެ ބޭނުމުގައި ސަލާމަތީ ބާރުގެ ދަށަށް ގެންދެވުނެވެ. ޔޫރަޕުގެ ގައުމަކަށް ނިސްބަތް ނުކުރެވޭ އެ ދެމީހުން މިހާރު ވަނީ އެމިރޭޓްސްއަށް ދެން ނާދެވޭ ގޮތަށް ޑިޕޯޓް ކޮށްފައެވެ. އެކަން ހުއްޓުވުމަށްޓަކައި ޔުނިވަރސިޓީން ކުރި މަސައްކަތް ދިޔައީ ބޭކާރު ވެގެންކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.
އެމެރިކަން ޔުނިވަރސިޓީ އޮފް އަބޫދާބީއަކީ އެމެރިކާއިން ހިންގާ ޔުނިވަރސިޓީއަކަށްވެފައި އެމެރިކާއަކީ ދުނިގޭގައި އިންސާނުންގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތުގައި ނިދި ނައިސްގެން އުޅޭ ބަޔެއް ކަމުގައި ވިޔަސް އެއީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ފާޑުކިއުންތައް ވަރަށް ގިނައިން އަމާޒުވެފައިވާ ޔުނިވަރސިޓީއެކެވެ.
ޔުނިވަރސިޓީގެ ކެމްޕަސް އެޅުންފަދަ ކަންތައްތަކަށް ބޭރު ގައުމުތަކުގެ މީހުން ގެނެސް ވަޒީފާ ދިނުމުގެ ނަމުގައި ބޮޑެތި އަދަދުން ފައިސާ ނަގައި ގިނަ ބަޔަކު އެއްތަނެއްގައި ދިރިއުޅެން ޖައްސައި އިތުރު ގަޑީގައި މިނެއް ނެތި މަސައްކަތް ކުރުވައި މުސާރައާއި އިތުރުގަޑީ މަސައްކަތް ކުރުމުގެ އަގުނުދީ ހިފެހެއްޓުންފަދަ އެތައް ކަމެކެވެ.
ބޭރު ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ މި މައްސަލައަށް މިހާރު ގާނޫނުގެ ދިގު އަތް ފޯރައި ތަހުގީގު ކުރެވެމުންދާން ފެށުމުން ވަރަށް އަވަހަށް އެމީހުންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ އަދި ދިރިއުޅުމުގެ ހާލަތު އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހަމަޖައްސާދޭނެ ކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.
މިއަހަރު މޭ މަހު އެ ޔުނިވަރސިޓީން ގްރޭޖްއޭޓްވި އެހެން ދަރިވަރެއް ކަމުގައިވާ ޖެކިއުލީން ހެނެކޭ އެސޯޝިއޭޓެޑް ޕްރެސްއަށް ކިޔާދީފައިވަނީ ގްރޭޑްއޭޝަން ހަފްލާގައި އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ނިސްބަތްކުރެވޭ ގައުމުގެ ސަގާފީ ހެދުމެއް ( އަރަބިންގެ ތަފާތު ގައުމުތަކުގައި ބޭނުންކުރާ ބޮލުފޮށާވެސް ހިމެނޭ ގޮތުގައި ) ބޭނުންކުރުން މަނާކޮށް އީމެއިލް ފޮނުވާފައިވާ ކަމަށެވެ. އަދި ކުރިމަތިލާންޖެހިދާނެ ހާލަތަކަށް ބިރުން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެހެން ދަރިވަރުންތަކެއް ކިޔާދީފައިވަނީ ގްރޭޖްއޭޝަންގެ މާކުރިއްސުރެން އެއްވެސް ދަރިވަރަކު ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކައި ބަހުސްކޮށް ހަދައިގެން ނުވާނެ ކަމަށާއި އަދި ފަލަސްތީނުގެ ދިދަ އެއްވެސް ތަނެއްގައި ބޭނުންކޮށްގެން ނުވާނެކަން އަންގާފައިވާ ކަމަށެވެ.
ދަރިވަރުންގެ ފަރާތުން އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްރާއީލް- ހަމާސްގެ ހަނގުރާމައިގެ ވާހަކަދެއްކުމާއި އަދި ފަލަސްތީނު ރައްޔިތުންގެ ސަގާފީ ބޮލުފޮށާ ކާފިޔާ ބޭނުންކުރުން އަބޫދާބީގައި އޮންނަނީ މަނާކޮށްފައެވެ. އަދި އެ ބޮލުފޮށާއާއި އެކު އަބޫދާބީއަށް އެތެރެވުމަކީވެސް މަނާ ކަމެކެވެ.
ޔުނިވަރސިޓީން ބުނެފައިވަނީ އެމިރޭޓްސްގެ ގާނޫނާއި ގަވައިދު ތަންފީޒު ކުރުމަކީ އެ ޔުނިވަރސިޓީން ކުރުން މަޖުބޫރު ކަމެއް ކަމަށާއި އަދި އެކަމުގައި އެއްވެސް އެހެން އިޚްތިޔާރެއް އެ ޔުނިވަރސިޓީއަށް ލިބިފައި ނުވާމަކަށެވެ. ޔުނިވަރސިޓީގެ ޕްރޮފެސަރުން ދެކޭގޮތުގައި އަނެކުންގެ ހައްގުތަކުގެ އިމުން ބޭރުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ޝޫއޫރު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮންނަން ޖެހޭނެއެވެ. މިއީ ޔުނިވަރސިޓީގެ ވިސްނުން ހުރިގޮތް ކަމުގައިވިޔަސް އެމިރޭޓްސްގައި މިނިވަންކަމާއެކު އެމީހެއްގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ލިބިދީފައެއް ނުވެއެވެ.
އެމެރިކަން ޔުނިވަރސީޓީގެ ޕްރޮފެސަރުންނަށް ވިސާ ދިނުމަށް އެމިރޭޓްސް ސަރުކާރުން އިއުތިރާޒުކުރުމާއި އަދި ޔުނިވަރސިޓީގެ ބައެއް ހަރަކާތްތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ޔުނިވަރސިޓީއާއެކު ގުޅުން ކަނޑާލަން ނިންމާފައިވާކަމަށް 2017 ވަނައަހަރު އެ ޔުނިވަރސިޓީގެ ޖާނަލިޒަމް ޑިޕާރޓްމެންޓުން ވަނީ ހާމަކޮށްފައެވެ.
ހަތް އަތޮޅެއްގެ މައްޗަށް އެކުލެވިފައިވާ ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން އިސްރާއީލައެކު ޑިޕްލޯމެޓިކް ގުޅުންވަނީ ގާއިމުކޮށްފައެވެ. އަބޫދާބީގައި އިސްރާއީލުގެ އެމްބަސީއަކާއި އަދި ދުބައިގާ އެގައުމުގެ ކޮންސިއުލޭޓެއްވެސް ވަނީ ގާއިމް ކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ކޮންމެ ދުވަހަކު ކުރެވެމުންދެއެވެ.
ޔުނިވަރސިޓީ އޮފް އެމެރިކާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން މިހާތަނަށްވެސް އަބޫދާބީގެ ބަހެއް ލިބިފައެއް ނުވެއެވެ.