ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފައި ވަނީ 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭންއެވެ. މިއީ 61.7 މިލިއަން ރުފިޔާގެ އުޅަނދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްގެން ކަމަށާއި ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ މިއާއެކު ރައްކާތެރިކަމާއި ހަމަޖެހުން ގާއިމު ކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ، މީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއް ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެ ކަމަށެވެ. އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.