ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް“ އިފުތިތާޙް ކޮށްދެއްވައިފިއެވެ.

މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވާފައި ވަނީ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް“ އިފުތިތާޙް ކޮށްދެއްވުމުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޚިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި ”ސަރވިސް އެވޯޑް“ ވެސް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޤައުމެއްގެ ކުރިއެރުމާ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ވަރަށް މުހިންމު ކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު، މަޤާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަޤްރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރުމަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެ މަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަޙްޤީޤްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާ އަދި ޚާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް ވެސް އެ ކޮމިޝަނުގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް