އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރާވަން ނިންމައިފިއެވެ.

އެގޮތުން އާރްޑީސީގެ މުވައްޒަފުންނަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހް އަފީފް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ހަރަދުތައް ކުޑަކޮށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެ މެމޯގައި ނަބީލް އެދިފައި ވެއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު މަރާމާތު ނުކުރުމަށާއި ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މިފަދަ ދަތުރެއް ކުރަންޖެހިއްޖެނަމަ ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ދަތުރުގެ ކަންކަން ރޭވުމަށް ނިންމާފައިވެއެވެ.

އަދި އޮފީސް ރަސްމީކޮށް ބަންދުކުރުމަށް ކަނޑައެޅިފައިވާ ގަޑި، ރޭގަނޑު 10:00 ގެ ކުރިން މަސައްކަތް ނިންމުމާއި އޭގެ ފަހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ އެ ދުވަހެއްގެ ރަސްމީ ގަޑި، ހަވީރު 4:00 ގެ ކުރިން އެ ޑިޕާޓްމެންޓެއްގެ ސީނިއާ މެނޭޖަރު، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރަށް އީމެއިލްކުރުން އަންގާފައި ވެއެވެ.

ހަމައެހެންމެ ދުރާލާ ހުއްދަ ނުހޯދައި އިތުރު ގަޑީގައި މަސައްކަތްކުރި ނަމަވެސް ދޭންޖެހޭ ފައިސާ އެޕްރޫވް ނުކުރަންވެސް ވަނީ އަންގާފައެވެ.

އަދި ފޯނާއި އިންޓަނެޓާއި ފެނާއި ކަރަންޓް އަދި މިނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ކުޑަކޮށް ހަމަޖެއްސުމާއި އޮފީހުގައި ކަރަންޓު ބޭނުންކުރާ ސާމާނު އެ ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލުމަށާއި ކޮންމެހެން ބާއްވަންޖެހޭ ހަފުލާއެއް ފިޔަވައި އިތުރު ހަފުލާއެއް ނުބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރޭވުމަށްވެސް ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް