ހިޖުރީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސް ނަޝީދު އިސްލާމީ އުންމަތަށް ނަޞްރަށް އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ނަޝީދު ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވީ ’އެކްސް‘ ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ހިޖުރީ އައު އަހަރާ މި ބައްދަލުކުރަނީ ސޫދާންއާއި, ބަރުމާއާއި, ފަލަސްޠީނުގެ މުސްލިމުންނަށް ދެރައާއި, ތަކުލީފުތައް ތަހައްމަލު ކުރަންޖެހިފައިވާ ދުވަސްތަކެއްގައިކަން ފާހަގަކުރައްވައިފައެވެ.

“ހިޖުރީ އައު އަހަރާ އަޅުގަނޑުމެން މި ބައްދަލުކުރަނީ ސޫދާންއާއި ބަރުމާއާއި ފަލަސްޠީނުގެ މުސްލިމުންނަށް ދެރައާއި ތަކުލީފު ތަހައްމަލު ކުރަންޖެހިފައިވާ ދުވަސްތަކެއްގައި. އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދޭ ހާލު އެންމެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ.“ ނަޝީދުގެ ޕޯސްޓުގައިވެއެވެ.

ހިޖުރީ އައު އަހަރާ ބައްދަލުކުރާއިރު, މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި, ހަނގުރާމައިގެ ނާމާން ހާލަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ”މިއީ އެއް އުންމަތެއްކަމުގައި“ ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަންޖެހޭ ކަމުގައެވެ.

ހިޖުރީ ގޮތުން އައު އަހަރަކާ ބައްދަލުކުރާއިރު, އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް, ސަޙްޔޫނީން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުން, އެ މުސްލިިމް އަޚުންނާއި އުޚުތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ހިޖުރީ ތާރީޚަކީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ ގުޅުވައި މުސްލިމުން ޖަހަން ފެށި ތާރީޚެކެވެ. މި ތާރީޚު ޖަހަން ފެށީ ހިޖުރައިގެ 17 އަހަރު ފަހުން, މި އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. ހިޖުރީ އަހަރު މުޙައްރަމް މަހުން ފެށުމަށް ވެސް ހުށަހެޅުއްވީ ޢުމަރުގެފާނެވެ. ޢުމަރުގެފާނުގެ މި ހުށަހެޅުއްވުމަށް އެހެން ބޭކަލުންގެ ތާއީދު ލިބި, އެގޮތަށް އެކަން ކަނޑައެޅިގެންދިޔައެވެ.

މާދަމާއަކީ މުޙައްރަމް މަހުގެ އެއްވަނަ ދުވަހެއެވެ. އެއާއެކު ފެށިގެން މި ފެށުނީ ހިޖުރީ ގޮތުން 1446 ވަނަ އަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް