އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ

Loading

Facebook
Twitter
WhatsApp

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސް މަސްޢޫދު ޕެޒެޝްކިއަން އަށް ސަންދާނުގެ ކިއުންތެރިންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.

މިވަގުތު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ޔަހޫދީންގެ މުސީބާތުން ފަލަސްތީނު ސަލާމަތްކޮށް މިނިވަން ދައުލަތެއް އުފެއްދުމަށް އެންމެ ކުރީ ސަފުގައި ވަކާލާތުކޮށް އަދި އަތްމަތި ބަނދެވިފައިވާ ހާލުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އީރާނުންނެވެ.

 ބައިނަލް އަގްވާމީ މީޑިއާތަކުންވެސް ކެނޑިނޭޅި އެމީހުން ބޭނުންވާގޮތަށް އެކަން ހާމަކުރަމުން ދެއެވެ. ދުޢާއަކީ އީރާނުގެ އާ ރައީސްގެ ޒަޢާމަތުގައިވެސް އީރާނަށާއި ފަލަސްތީނަށް އަދި ޢާންމުކޮށް މުޅި އިސްލާމީ އުންމަތަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ރައްބުލް ޢާލަމީން މިންވަރުކޮށް ދެއްވުމެވެ.                                                        

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު މުހްސިން އިސްލާމީއަށް ޙަވާލާދީ ރިޕޯރޓް ކޮށްފައިވަނީ އިއްޔެގެ ވޯޓުލުމުގައި އެގައުމުގެ އާބާދީގެ %49.8 ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ވޯޓުލީ 30 މިލިއަން މީހުންގެ ތެރެއިން 16 މިލިއަން މީހުން އިސްލާޙީ ފިކުރުގެ މަސްއޫދު ޕެޒެޝްކިއާން އަށް ތާއީދުކޮށްފައިވާ ކަމަށާއި ރަން-އޯފް ގައި ވާދަކުރެއްވި އިސްލާމީ ފިކުރުގެ ސަޢީދު ޖަލީލީއަށް 13 މިލިއަނަށްވުރެން ގިނަ ވޯޓު ލިބި ވަޑައިގެންނެވި ކަމަށް ދާޚިލީ ވުޒާރާއިން ޢިއުލާން ކޮށްފައިވާ ކަމަށެވެ.                                        

އީރާނުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓު ލާން ބައިވެރިވި މީހުންގެ ޢަދަދު މަދުކަން ފާހަގަކުރައްވައި ވިހާވެސް ގިނަ ބަޔަކު އިއްޔެ ބޭއްވުނު ދެވަނަބުރުގެ ވޯޓުލުމުގައި ބައިވެރިވެ ދެއްވުމަށް ސުޕްރީމް ލީޑަރ އާޔަތުއްލާ ޢަލީ ޚާމަނާއި ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.                           

އީރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ޝަހީދު ވުމާއި ގުޅިގެން އީރާނުގެ އާ ރައީސަކު އިންތިޚާބު ކުރުން ކުރިއަށް މި ގެންދެވުނީ އިސްރާއީލުން ގައްޒާ ފަނާކުރަމުން ގެންދިއުމާއި އެކު މެދުއިރުމާތީގެ ޙާލަތު މީގެ ކުރިންދުވަހަކުވެސް ތަޖްރިބާ ނުކުރާ ވަރަށް ނުރައްކާ ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ހުޅަނގުގެ ފިއްތުންތަކާއި ހުރެ އީރާނުގެ އިގްތިސާދު އަޑިއަޅާލާފައި އޮންނަތާވެސް ގިނަ އަހަރުތަކެއް ފަހުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވި އިސްލާޙި ފިކުރުގެ ހަމައެކަނި ކެންޑިޑޭޓަކީ މަސްޢޫދު ޕެޒެޝްކިއާން އެވެ. ޖޫން 28 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އުޅުއްވީ %42 ތާއީދުގައެވެ.

 އެންމެ ގާތުން ވާދަކުރެއްވި ސަޢީދު ޖަލީލީ އުޅުއްވީ ވޯޓުލީ ލީހުންގެ %39 ތާޢިދު ގައެވެ. ސަޢީދު ޖަލީލީއަކީ ވަރުގަދައަށް އިސްލާމީ ފިކުރުގައި ހިފާއްޓަވާ ބޭފުޅެކެވެ. 80 ގެ އަހަރުތަކުގެ ތެރޭގައި ހިނގާދިޔަ އީރާން އިރާގު ހަނގުރާމާގައ ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން އެ މަނިކުފާނުގެ އެއްފައި ވަނީ ބުރިކޮށްލާފައެވެ.                                                           

މަސްޢޫދު ޕެޒެޝްކިއާން އަކީ ފަހަކަށް އައިސް އީރާނުގެ ސިޔާސީ މަސްރަޙުގައި މާގަދަޔަށް އަޑު އިވޭ ނަންފުޅެއްވެސް ނޫނެވެ. މީގެ ވިއްސަކަށް އަހަރުކުރިން ސިއްޙީ ވަޒީރުގެ މަގާމު ވަނީ އަދާ ކުރައްވާފައެވެ.

މަސްޢޫދު ޕެޒެޝްކިއާން ވެގެން މި ދިޔައީ އީރާނުގެ މައިގަނޑު ގޮތެއްގައި އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ދީނީ ފިކުރުގެ ބޭފުޅުންގެ ތެރެއަށް ވެދެ ވަޑައިތުމަށް ކުރީގެ ރައީސުން ކަމުގައިވާ މަޙުމޫދު އަޙްމަދީ ނެޖާދު އާއި މުޙައްމަދު ޚާތަމީއާއި އަދި ޙަސަން ރޫޙާނީއަށް ފަހު ފުރުސަތު ލިބިވަޑައިގެންނެވި މެދުމިނުގެ އިސްލާހީ ފިކުރެއް ގެންގުޅުއްވާ ހަމައެކަނި ރައީސް އަށެވެ.

އުމުރުން 68 އަހަރުފުޅުގެ މަސްޢޫދު ޕެޒެޝްކިއާން އަކީ ހިތުގެ ބަލިތަކާއިބެހޭ ޚާއްސަ ޑޮކްޓަރެކެވެ. އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ނިއުކްލިއަރ މަޝްރޫޢު ކޮންމެވެސް ރަނގަޅު ގޮތަކަށް ބައްޓަންކޮށްގެން ވިޔަސް ދުނިޔޭގެ ޤައުމުތަކުގެ ސަފުން އީރާނު ބާކީވެފައި އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ.                                                          

އުމުރުން 58 އަހަރުފުޅުގެ ސަޢީދު ޖަލީލީއަކީ ނިއުކްލިއަރ މައްސަލަތަކުގައި ސަރުކާރުގެ ފަރާތުން ޔޫ އެން އަދި ހުޅަނގުގެ ގައުމުތަކާއި އެކު ވަކާލާތު ކުރަމުން ގެންދިޔަ ދުވަސްވަރުގައިވެސް އީރާނުގެ ޝަރުތުތަކަށް ދޫދެއްވަން ބޭނުންފުޅުނުވި ހަރުކަށި ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ.

ހުކުރުދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ޓީވީ ގެ ޒަރީޢާއިން ދެބޭފުޅުންގެ ސިޔާސަތު ހާމަކުރެއްވުން އޮތެވެ. މަސްޢޫދު އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވާފައި ވަނީ ގައުމުގެ އިގްތިސާދަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އިންޓަރނެޓްގެ ޚިދުމަތް ހުޅުވާލާފައި އޮންނަން ޖެހޭނެ ކަމަށާއި އަންހެނުން ބުރުގާނޭޅުމަކީ އަދަބު ލިބެންޖެހޭ ކުށަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އިސްލާޙީ ސިޔާސަތު އެކަށައަޅައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.                                                                         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް