ރައީސް ބައިޑްންގެ ރިޔާސީ ބަހުސްގެ ފެންނަ ފަރާތާއި ނުފެންނަ ފަރާތް

Loading

Facebook
Twitter
WhatsApp

ދަ ޓެލިގްރާފުގެ ރޭގެ ފަލަ ސުރުޚީތަކުގައި އެންމެ ފާހަގަ ކުރެވެނީ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ގަދަކަމުން ބޭރުކުރަން ޑިމޮކްރެޓުންގެ އިސް ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނު ޝަރަފް ވެރިކަމާއެކު އަމިއްލައަށް ނިކުމެ ވަޑައިގަތުމަށް އެ ބޭފުޅުން އެދިވަޑައިގެން ތިއްބެވި ޚަބަރެވެ.

އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސްގައި ރައީސް ބައިޑްން މަގާމަށް މުސްކުޅިފުޅު ވެއްޖެކަން ހާމަވެގެން ހިނގައްޖެއެވެ.                                       

ރައީސް ބައިޑްންއަށް ފާޑުކިޔާ ބައެއް ބޭފުޅުން“ދެން މިހާރު އަނެއްކާ ތިޔަ ވަޑައިގެންނެވުނީ ތަންމައްޗަށް ލެވޭ އުމުރަށޭ“ ބުނެ މަލާމާތްކުރަމުން ގެންދާކަމަށްވެސް މީޑިއާ ތަކުން ބުނެފައިވެއެވެ.ޑިމޮކްރެޓުންގެ ބައެއް އިސްބޭފުޅުންގެ ވިސްނުން މިގޮތަށް ހުރިނަމަވެސް މިހާރު ކޭމްޕް ޑޭވިޑްގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ރައީސް ބައިޑްންގެ އާއިލާއިން ދެކިވަޑައިގަންނަވަނީ އެ މުޅި ބަހުސް ނާކާމިޔާބު ވުމަކީ އެމަނިކުފާނުގެ ޕްރެޒިޑެންޝަލް އެއިޑުންގެ ނާގާބިލު ކަމުން މެދުވެރިވި ހާދިސާއެއް ކަމަށެވެ. އަދި ރިޔާސީ ރޭހުން ނިކުމެ ވަޑައި ނުގަތުމަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.

 ނިއު ޔޯރކް ޓައިމްސް އިން ބުނެފައިވަނީ ރައީސް ބައިޑްން ރިޔާސީ ރޭހުގައި ހުންނަވައިގެން ދޫ ނުދެއްވައި ރިޔާސަތު ކާމިޔާބު ކުރެއްވުމަށް ދަރިކަލުން ހަންޓަރ ބައިޑްން އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބައިޑްން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ކޮންމެ ނިންމެވުމެއް ބިނާކުރައްވާނީ ޢާއިލާގެ ނިންމެވުމުގެ މައްޗަށް ކަމަށެވެ. މި ސަބަބަށްޓަކައި ރައީސް ބައިޑްން އަމިއްލަފުޅަށް ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައި ގަންނަވާފާނެ ކަމަކަށް ނުބެލެވެއެވެ.                  

ހުކުރު ވިލޭރޭގެ ބަހުސް ގައި 50 މިލިއަން މީހުންގެ ކުރިމަތީގައި ހެއްދެވުނު ގިނަ ގޯސްތަކުން އަރާ ނުގަނެވި އުޅެނިކޮށް އަނެއްކާ ރިޔާސީ ކެމްޕޭނަށް ޚަރަދުކުރަމުން ގެންދާ ފަރާތްތަކުގެ ނާރުތަކާވެސް ނުބައިގޮތަކަށް ކުޅެލައިފިއެވެ. މިފަހަރު އެމީހުންގެ ކުރިމަތީގައި ޑޮނާލްޑް ޓްރަމްޕްގެ އަގު ވައްޓާލުމުގެ ގޮތުން 2018 ވަނަ އަހަރު އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހަނގުރާމާގައި މަރުވެފައިވާ އެމެރިކާ ސިފައިންގެ މަގްބަރާއަށް ޒިޔާރަތް ކުރަން އުޒުރުވެރިވުން ފާހަގަކޮށް ރައީސް ބައިޑްން ވާހަކަފުޅު ދެއްކެވިއެވެ.

އެ ވާހަކަ ފުޅުގައި ވިދާޅުވެވުނީ އިޓަލީގައި ހުންނަ އައިސްނޭ-މަރނޭ ގެ ނަން ދެވިފައިވާ އެމެރިކާ ސިފައިންގެ ގަބުރުސްތާނަށް ޑޮނާލްޑް ޓްރަމްޕް ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަތް ކަމަށެވެ. އެކަމަކު އެ ގަބުރުސްތާނު ހުންނަނީ ފަރަންސޭސި ވިލާތުގެ  ޕެރިސް އާއި 90 ވަރަކަށް ކިލޯމީޓަރ ދުރުގައި އޮންނަ ބެލޯ ގައެވެ.

 ވައިޓް ހައުސް އިން ޖެހުނީ ފަހުން އެވާހަފުޅުވެސް ރަނގަޅު ކުރާށެވެ. ރައީސް ބައިޑްންއަށް ހެއްދެވޭ މިކަހަލަ ގޯސްތައްވެސް ގިނަކަމުން ބައެއް ގާތް ރަޙުމަތްތެރިންވެސް މަޝްވަރާ ދެމުން ގެންދަނީ އަމިއްލަ ފުޅަށް ރިޔާސީ ރޭހުން ދުރުވެ ވަޑައިގަތުމަށެވެ. ޑިމޮކްރެޓިކް ކެމްޕޭނަށް ޚަރަދު ކުރާ މީހުންނާއި ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ރިއާސީ ރޭހުން ނިކުމެ ވައިގަތުމަށް ރައީސް ބައިޑްންއަށް މަޝްވަރާ ދަންނަވަމުންނެވެ. ޒުވާން ބޭފުޅަކަށް ފުރސަތު ދެއްވައިފިނަމަ  ޓްރަމްޕް ސައިޒަށް ކަނޑާލުމަކީ އުދަނގޫ ކަމަކަށް ނުވާނެތީއެވެ.                   

ރައީސް ބައިޑްން އަކީ ބޭރުން ލަވާހާ ހަޅޭއްކަކަށް ނައްޓަވާނެ ބޭފުޅެއް ނޫން ކަމަށާއި ރިޔާސީ ރޭހުން ދަމާފާ ނެރެވޭ ވަރަށްވުރެން މާ ހަރުދަނާ ޝަޚްސިއްޔަތެއްކަން ބައިޑްންގެ ކެމްޕޭނު ޓީމުން އެގްޒިއޯސްއަށް ކިޔާދީފައި ވެއެވެ. ފަސްޓްލޭޑީގެ ކުރީގެ ޕްރެސް ސެކްރެޓަރީ ބުނެފައިވަނީ މިހާރު ދައްކަމުން ގެންދާ ވާހަކަތައް ރައީސް ބައިޑްންގެ ޓީމުން ފަނިކޮށްލާނެ ކަމަށާއި ރައީސް ބައިޑްން ރިޔާސަތު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޑިމޮކްރެޓުންގެ ބިޔަ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ނަންސީ ޕެލޯސީ މިހާރުވެސް ގެންދަވަނީ ރައީސް ބައިޑްން އަށް ތާއީދު ކުރައްވަމުންނެވެ. ސީ އެން އެން ގެ އޮޕީނިއަންގައި ބުނެފައިވާގޮތުން ހުކުރުވިލޭރޭގެ ރިޔާސީ ބަހުސްގައި ރައީސް ބައިޑްންގެ އުމުރުފުޅުގެ ސަބަބުން ގިނަ ކަންތައްތަކެއް މަގުން ކައްސާލައިގެން ގޮސްފައިވެއެވެ. އަދި އެކަންތައްތައް މީޑިއާއިން ހާމަކުރުމަކީ ނުރަނގަޅު ކަމެކޭވެސް ނުބުނެވޭނެއެވެ.

އެކަމަކު މީޑިއާއިން އެވާހަކަތައް އެކަނި ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރައީސް ބައިޑްން ދެއްކެވި ވާހަކަފުޅުގައި ފުރިހަމަ ނޫން އެތައްކަމެއް ހުރި ނަމަވެސް އެއީ ރައީސް ކަމުގެ މަގާމަށް އެ މަނިކުފާނު ކުފޫ ހަމަ ނުވާކަމަށް ނުބެލޭނެ ކަމަށްވެސް ޒުވާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އެ ބަހުސްގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކުރަމުން ގެންދިޔަ އޭނާގެ ސިޔާސަތުގައި އެކުލެވިފައިވާ ބައެއް ނުރައްކާތެރިކަން މީޑިއާތަކުގެ ސަމާލުކަމަށް ނައުމަކީ މާ ބޮޑު މައްސަލައެއް ކަމުގައި ބައިޑަންގެ ސަޕޯޓަރުން ބުނެއެވެ.

އެންމެ ފުރަތަމަކަމަކަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމަށް ހިތްވަރު ދެއްވައި “ ލެޓް ނަތަންޔާހޫ ފިނިޝް ދަ ޖޮބް “ އޭ ތަކުރާރުކޮށް ވިދާޅުވުމުންވެސް މީޑިއާއިން ކަންބޮޑު ވާ ކަމަކަށް ނުވިއެވެ.އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތުންނަށް ނުރުހުން ފާޅުކުރަމުން ރައީސް ބައިޑްންއަކީ މިހާރު ކަޅު ނަސްލުގެ ބޭފުޅެކޭ ވިދާޅުވެ ދެއްކެވި ވާހަކަތައް މީޑިއާއަކަށް އަޑެއް ނީވުނެވެ. ކަޅު ނަސްލުގެ މީހުންނަށް ލިބެންޖެހޭނީ ހަމައެކަނި ”މަގު ކުނިކަހާ މީހުންގެ“ ވަޒީފާ ކަމަށް ވިދާޅުވި ވާހަކަތައް ބަންޑުންވީ މޭޒުމަތީގައި ހުރި ކޮފީ ތަށިތަކުގެމައްޗަށެވެ.                                                        

ރައީސް ބައިޑްންގެ ރިޔާސީ ދައުރު ވެގެން މިދިޔައީ މިހާތަނަށް ކަޅު ނަސްލުގެ މީހުންގެ ތަރައްގީއަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރި ރިޔާސަތު ކަމުގައެވެ. ކަޅު ނަސްލުގެ މީހުންނަށް ވަޒީފާ ނުލިބުން %4 އަށް ދަށް ކުރެވިގެން ދިޔައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ކަޅު ނަސްލުގެ މީހުންނަށް ލިބިފައި ނުވާ ކުރިއެރުމެކެވެ.       

މި ސިޔާސަތުގެ ދަށުން ކުރީގެ ރައީސް އޮބާމާއާއި ނަންސީ ޕެލޯސްކީ ފަދަ ބޭފުޅުން ރައީސް ބައިޑްންއަށް ތާއީދު ކުރެއްވުމުގައި ރަނގަޅު ސަބަބެއް އޮތްކަމަށް ބެލެވެއެވެ. މީގެ ކުރިންވެސް ޑޮނާލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސްކަން ކުރެއްވި އެހެން ހުރިހާ ބޭފުޅުންނަށްވުރެން ބޮޑަށް މުސްލިމުންނާއި ކަޅު ނަސްލުގެ މީހުންނަށް ނަފްރަތު ކުރި މީހެއްކަން އޮތީ ދުނިޔެއަށް ހާމަކޮށްދީފައެވެ.                                 

   

Loading

2 Responses

  1. މިދެމީހުން ނޫނީ އެމެރިކާގެ ވެރިކަން ކޮށްލެވޭ ވަރުގެ މީހެއް ނެތީބާއެވެ. ދެ މުސްކުޅިންގެ ކޯޅުން ދޯ ؟ ދެފަރާތުގެ ސަޕޯޓަރުންވެސް ހަމަ ސޭމް!

  2. އެމެރިކާގައި ބޯ ހަމަނުޖެހޭ މީހުން ވެރިކަމަށް ގެންނަނީ އެމީހުންކުރާކަންތަކުން ރައްޔިތުން ރެކެންވެގެން. އެމެރިކާގެ ރިޔާސީ އިންތިޚާބު ހިނގާގޮތް ބަލާލީމާ ވަރަށް ރަނގަޅަށް އެނގޭނެ. ރައްޔިތުންގެ އަޣުލަބިއްޔަތު ލިބުނަސް އަދި ވެރިކަމެއް ނުލިބޭނެ. އަދި މާ ވަރުގަދަ ބަޔަކު ތިބޭނެ ގޮތް ނިންމަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް