މިދިޔަ ހުކުރު ދުވަހު ރޮސްކޮސްމޯސް ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ސަރްމަތު އިންޓަރކޮންޓިނެންޓަލް ބެލިސަޓިކް މިސައިލް މަގާމުތަކަށް ގެނައުމަށްފަހު ބުނެފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުރިން ދުނިޔެއިން ދެފަހަރަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.
ސަރްމަތު ސްޓްރާޓީޖިކް ކޮމްޕްލެކްސް މިހާރު ހަނގުރާމައިގެ މައިދާނަށް ނެރެވިއްޖެކަމަށް ރޮސްކޮސްމޯސްގެ ޑިރެކްޓަރ ޖެނެރަލް ޔޫރީ ބޮރިސޯވް ބުނެފައިވާކަމަށް މޮސްކޯ ޓައިމްސް އާ ޙަވާލާދީ ރަޝިޔާގެ އާރް އައި އޭ ނޮވޯސްޓީ ނިއުސް އޭޖެންސީން ޚަބަރުދީފައިވެއެވެ.
ސަރްމަތު ނުވަތަ ސެޓާން 2 އެންމެފުރަތަމަ ތަޢާރުފް ކޮށްދީފައިވަނީ 2018 ވަނަ އަހަރުގައެވެ. މި ވައްތަރުގެ ބެލިސްޓިކް މިސައިލްގައި މަދުވެގެން 10 ނިއުކްލިއަރ ވޯރހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވެއެވެ.
ކުރީގެ ދިފާޢީ ކޮންސަލްޓެންޓް އަދި މިހާރު ޑޮކްޓްރިން އެންޑް ސްޓްރާޓިޖީގެ ރައީސް ރިބެކާ ކޮފްލަރ ފޮކްސް ނިއުސް ޑިޖިޓަލް އަށް ކިޔާދީފައިވާ ގޮތުގައި ޔޫކްރެއިން ހަނގުރާމާގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން އެޖެންޑަ ކުރެވިފައި އެބައޮތްކަމުގައި އެމެރިކާއަށާއި ނޭޓޯއަށް ރައީސް ޕޫޓިން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމަނާ ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިން ހަނގުރާމަ ފެށުމާއިއެކު އެމެރިކާއާއި ނޭޓޯ އިން ރަޝިޔާއާ ދެކޮޅަށް ނިކުންނާނެކަން ރައީސް ޕޫޓިންއަށް ވިސްނިވަޑައިގަންނަވާތީ ނިއުކްލިއަރ ހަތިޔާރު ޚާއްސަ ލަޝްކަރެއްގެ ބެލުމުގެ ދަށަށް ވަނީ ގެންނަވާފައެވެ.
އެމެރިކާއާއި ނޭޓޯގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލެއްގެ މައްޗަށް ބިނާކޮށް އެ ޙާލަތާ ގުޅޭ މިންވަރަކަށް ހަނގުރާމައިގެ މައިދާނަށް ނިއުކްލިއަރ ހަތިޔާރު ގެނައުމަކީ އެ ލަޝްކަރުގެ ބާރުގެ ދަށަށް މިހާރު ދެވިފާ ބާރެކެވެ. ރަޝިޔާއާއެކު ކުރަންޖެހިދާނެ ނިއުކްލިއަރ ހަނގުރާމައެއްގެ ނުރައްކާ ހުޅަނގުގެ ގައުމުތަކަށް އަންދާޒާ އެމީހުނަށް އަދިވެސް ކުރެވޭހެން ހިއެއް ނުވެއެވެ.
ކޮފްލަރ ގެ ވާހަކައިގާ އިތުރަށް ބުނެފައިވަނީ ސަރްމަތަކީ ކަނޑައެޅޭ ވަކި އަމާޒަކަށް ފޮނުވާލެވޭ ހަތިޔާރެކެވެ. މިސާލަކަށް އެމެރިކާ ކަމުގައި ބަލަމާހިނގާށެވެ. އެކަމަކު އެނގި ކަށަވަރުވާ ކަމަކީ އެމެރިކާއިން ރަޝިޔާއަށް ކުރިން ޙަމަލާދީފަނެކަމުގެ ބިރުނެތް ޙާލަތެއްގައި ރަޝިޔާއިން އިސްވެ ޙަމަލާ ނުދޭނެކަމެވެ.
އަދި ރަޝިޔާއަށް ޙަމަލާދީފިނަމަ ހަމައެކަނި 6 މިނިޓްގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ޗާޓުން ލަންޑަން ފޮހެލެވިގެން ދާނެއެވެ. މިސަބަބު ތަކަށްޓަކައި އަދި އިނގިރޭސި ވިލާތުން ޔޫކްރެއިނަށް މެދުކެނޑުމެއްނެތި ރަޝިޔާއާއި ދެކޮޅަށް އެހީތެރިވަމުން ގެންދާތީ މިފަހަރު ސަރްމަތުގެ އަމާޒަކީ އިނގިރޭސި ވިލާތުގެ ލަންޑަންކަމުގައި ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންނަމަވެސް ރަޝިޔާއިން ސަރްމަތު ބޭނުންކުރާނީ އެގައުމަށް ނުރައްކާ ބޮޑުވެއްޖެކަން ޖަސޫސީ މަޢުލޫމާތުން ވިޔަސް ކަށަވަރު ވުމުންނެވެ.
އެހެންވީމާ ޖާސޫސީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އޮޅިގެން ދެވި ދާނެ ނިއުކްލިއަރ ޙަމަލާއެއްގެ ނުރައްކަލުން ދުނިޔެއޮތީ ރައްކާތެރި ޙާލަތެއްގައޭ ނުބުނެވޭނެއެވެ. ގައުމުތަކުގެ ވެރިންގެ ނިދިގެއްލިފައިވަނީ މިސަބަބާހުރެ ކަމަށް ބެލެވިދާނެއެވެ.
2022 ވަނައަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއިއެކު ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ހަނގުރާމައިގެ މިސްރާބު ކޮންމެ ދިމާލަކަށް ބަދަލު ވެގެން ދިޔަނަމަވެސް ސަރްމަތަކީ އަހަރެމެންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ހަތިޔާރު ކަމަށެވެ.
ވީމާ ދުނިޔޭގެ ކޮންމެ ގައުމަކުން ވިޔަސް ރަޝިޔާއަށް ޙަމަލާ ދިނުމުގެ ކުރިން ދެފަރަށް ވިސްނަން ޖެހޭނެކަމަށެވެ. މުޅި ނޭޓޯގެ ލަޝްކަރާއި ދިމާކުރުމުގެ ގާބިލުކަން ރަޝިޔާއަށްވެސް ލިބިގެންނުވާނެ ކަމަށް ގަބޫލުކުރަން ޖެހޭނެއެވެ. ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ފެށިގެން އަންނަނީވެސް މިސަބަބާ ހުރެއެވެ.
ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވައްދަން އެމެރިކާ ގެންގުޅޭ ސިޔާސަތަކީ އެމެރިކާގެ ހަތިޔާރުތައް ވިއްކުމުގެ ބޮޑު ވިޔަފާރިއަކަށް ވެފައިއޮތްއިރު އެ ސިޔާސަތާ ވިސްނުން ބަދަލެއްވެސް ނުކުރެވޭނެއެވެ.
އެކަމަކުވެސް ރަޝިޔާއާއި ދެކޮޅަށް ސީދާ ހަނގުރާމައެއްގެ މައިދާނަށް ނިކުންނަން އެމެރިކާއާއި ނޭޓޯވެސް ބޭނުމެއް ނުވާނެއެވެ. ނަތީޖާއަކީ ދެކޮޅަށްވެސް ނާކާމިޔާބުވުމާއި މުޅިދުނިޔެ ބޮޑުވެގެންވާ މުސީބާތެއްގެ ތެރެއަށް ވެއްޓިގެން ދިއުމެވެ.