އިސްރާއިލް އަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިޔާގެ 2 ބޯޓު ސްޕެއިންގެ ސަރަހައްދަށް ވަންނަން އެގައުމުން މަނާކޮށްފިއެވެ.
މިހާރު ކުރިޔަށްދާ އިސްރާއިލް ފަލަސްތީން ހަނގުރާމަޔަށް ހިއްވަރުދޭކަހަލަ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާނެކަމަށް ސްޕެއިނުން ކުރިންވަނީ ބުނެފައެވެ.އެގައުމުގެ ފޮރިންމިނިސްޓަރ ވިދާޅުވީ އިންޑިޔާގެ ދެބޯޓު ސްޕެއިންގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދިނީ މި އުސޫލުގެ ދަށުން ކަމުގައެވެ.
އިންޑިޔާގެ ދެބޯޓުގައި ގިނަ އަދަދެއްގެ މިލިޓަރީ ހަތިޔާރުގެ އިތުރުން 27 ޓަނުގެ އެކްސްޕްލޯސިވްސް ހުރި ކަމަށް ވެއެވެ.
ބްރަސްލްސްގައި ވާހަކަ ދައްކަވަމުން ސްޕެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިއީ އިސްރާއިލް އަށް ހަތިޔާރު ހިފައިގެން ދިޔަ ބޯޓެއް ސްޕެއިންގެ ބަނދަރެއްގައި އަޅަން އުޅެ އެކަމުގެ ހުއްދަ ނުދިން ފުރަތަމަ ފަހަރު ކަމުގައެވެ. އަދި މިގޮތަށް އިސްރާއިލް އަށް ހަތިޔާރު ހިފައިގެން އަންނަ ކޮންމެ ގައުމެއްގެ ބޯޓެއް ނަމަވެސް ސްޕެއިންގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެންވެސް ނުދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވީ މެދުއިރުމައްޗަށް މިވަގުތު ބޭނުންވަނީ އިތުރު ހަތިޔާރު ނޫން ކަމަށާ، ބޭނުންވަނީ ސުލްހަ ގާއިމް ކުރެވޭނެ ގޮތްތައް ކަމަށެވެ.
އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި އިންޑިޔާއިން އިސްރާއިލް އަށް ހަތިޔާރު ފޯރުކޮށްދެމުން ދާނަމަ މެދުއިރުމަތީގަ ހުންނަ އިންޑިޔާ އެމްބަސީ ތަކަށް ހަމަލާދޭނެ ކަމަށް ހިޒްބުﷲ އިން ބުނި ކަމަށް ބުނާ ޚަބަރު ތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިޚަބަރުގެ ތެދު ދޮގު ޔަގީން ނުވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓް ތައް ބުނެފައި ވެއެވެ.