ޔަމަނުގެ ހޫތީ މުޖާހިދުން މަތަކުރަން ސަޢޫދީ ދިފާއީ ވަޒީރު ޗައިނާއަށް

Loading

Facebook
Twitter
WhatsApp

މިއަހަރު ކުރީކޮޅު ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ދުނިޔޭގެ ދިފާއީ ޝޯ ގައި ޗައިނާއިން ވަރަށް ބޮޑު ޙިއްސާއެއް އަދާކުރިއެވެ. ސަޢޫދީ އެރޭބިޔާއިން މިހާރުވަނީ ޗައިނާގެ ހަތިޔާރު ގަތުމަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ޗައިނާއެކު ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އާރމްޑް ޑްރޯނާއި ބެލިސްޓިކް މިސައިލް އަދި އެންޓި-ޑްރޯންސް ލޭޒަރ ބޭސްޑް ސިސްޓަމް ޗައިނާއިން ސަޢޫދީއަށް ފޯރުކޮށްދޭނެއެވެ. މިހާރުވެސް ސަޢޫދީ އެރޭބިޔާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމަކީ އެމެރިކާއެވެ. އަދި އެމެރިކާއަކީ ސަޢޫދީގެ އެންމެ ގާތް ސެކިއުރިޓީ އެކުވެރިޔާވެސް މެއެވެ.

ޗައިނާއިން ބަލަމުން ގެންދަނީ މުޅި ދުނިޔޭގެ ބާޒާރަށް ޗައިނާގެ ހަތިޔާރު ފޯރުކޮށް ދެވިދާނެ ގޮތްތަކަށް ފުރުސަތު ހޯދަމުންނެވެ. ސަޢޫދީ އެރޭބިޔާއަކީ ޗައިނާއިން ވަރަށް ޚާއްސަގޮތެއްގައި ބަލަމުން ގެންދާ މާކެޓެކެވެ.

އަލް މޮނީޓަރުން މި މަހު 25 ވަނަ ދުވަހު ޚަބަރު ދީފައިވަނީ ސަޢޫދީ އެރޭބިޔާ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ދަތުރުފުޅެއްގައި މިދިޔަ އަންގާރަ ދުވަހު ސަޢޫދީ އެރޭބިޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން ބެއިޖިންގަށް ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރުފުޅުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ޗައިނާއިން ސަޢޫދީއަށް އިތުރު ހަތިޔާރު ހޯދުން ހިމެނެއެވެ. ސަޢޫދީގެ ދިފާޢީ ވަޒީރު ޗައިނާގެ ދިފާޢި ވަޒީރު އެޑްމިރަލް ޑޯންގ ޖުން އާއި ބައްދަލު ކުރެއްވުމުގައި ސަޢޫދީގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ފައްޔާދު ބިން ޙަމިދު އަލް ރުވައިދީ އާއި ކޮމާންޑަރ އޮފް ދަ ސްޓްރާޓީޖިކް މިސައިލް ފޯސް ލެފްޓިނެންޓް ޖެނެރަލް ޖަރައްލާ ބިން މުޙައްމަދު އަލް އަލްވީތު ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ޗައިނާގެ ދިފާއީ ވަޒީރުގެ އަރިހުގައި އެ ގައުމުގެ މިލިޓްރީ އިސް ބޭފުޅުން ތަކެއް ބައިވެރިވެ ވަޑައިގަތެވެ. އެ ބައްދަލު ކުރެއްވުމުގެ ކުރިން ސަޢޫދީ ދިފާއީ ވަޒީރު ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޝަންގެ ނައިބު ރައީސް ޒަންގް ޔޯކްޒިއާ އާއި ބައްދަލު ކުރެއްވިއެވެ. ވޯޝިންގްޓަން އިންސްޓިޓިއުޓް ފޯރ ނިއަރ އީސްޓް ޕޮލިސީގެ ސީނިއަރ ފެލޯ ގްރާންޓް ރަމްލީ ބުނެފައިވާ ގޮތުގައި ސަޢޫދީ ދިފާއީ ވަޒީރު ޗައިނާއަށް މި ކުރައްވާ ދަތުރުފުޅަކީ ރެޑް ސީގައި އިސްރާޢީލަށް ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށްޓަކައި ޗައިނާގެ އެހީ ހޯއްދަވަން ކުރައްވާ ދަތުރުފުޅެކެވެ.

އެ ޙަމަލާތަކުގެ ސަބަބުން ސަޢޫދީގެ އިގްތިސާދަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދާތީ އާއި ހޫތީ މުޖާހިދުން އީރާނާއެކު ވަރަށް ރަނގަޅު ގުޅުމެއްވެސް އޮވެފާ އަދި ހަމަ އެފަދަ ގާތް ގުޅުމެއް އީރާނާއި ޗައިނާ އާއި ދެމެދުގައި އޮންނާތީ އެ ވަސީލަތް ބޭނުންކޮށްގެން ހޫތީ ޖަމާޢަތުގެ ޙަމަލާތައް މައިތިރި ކުރުމަށް މަގެއް ހޯދުމެވެ. ގައްޒާގެ ހަނގުރާމަ ފެށުނީއްސުރެން ހޫތީ މުޖާހިދުން ގެންދަނީ އިސްރާޢީލަށް މަދަދުދޭ ފަރާތްތަކުގެ އުޅަނދުފަހަރަށް ރެޑް ސީގެ ތެރެއިން ދަތުރުކުރުން ހުއްޓުވުމަށް ޙަމަލާ ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން ސުއޭސް ކެނެލް ބޭނުން ކުރާ އުޅަނދުފަހަރުގެ އަދަދުވެސް މަދުވެ މިސްރުގެ އިގްތިސާދަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތި ވަމުންނެވެ. ސަޢޫދީ ސަރުކާރުން އަދިވެސް ގަބޫލުކުރަނީ ޔަމަނުގައި އޮންނަ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރާ ރަޝާދް އަލް އާލަމީ އަކީ ރިޕަބްލިކް އޮފް ޔަމަންގެ ސަރުކާރު ކަމުގައެވެ. ޔަމަނުގައި ހޫތީންގެ ބާރު ކަނޑުވާލަން ސައޫދީން ވަނީ އެމެރިކާއާއި އިސްރާޢީލު އަދި އިމިރެޓްސް އިން ވާގިދީގެން ދިހަވަރަކަށް އަހަރުވާންދެން ޔަމަނު ފަނާކޮށްލާ އެތައް ލައްކައެއް މީހުން މަރައި ވިއްސިވިހާލި ކޮށްލައިފައެވެ. އެއަށްފަހު ހަނގުރާމާގައި ނާކާމިޔާބު ވެފައެވެ.މިފެށިގެން އުޅޭ ހަނގުރާމާގައި ޔަގީން ނުކުރެވޭ ބައެއް ރިޕޯރޓުތަކުގައި ހޫތީ މުޖާހިދުންގެ ޙަމަލާތައް ސީދާ އިސްރާއިލުގެ ހައިފާ ބަނދަރަށް އަމާޒުވަމުން ދާކަމަށްވެސް ބުނެފައިވެއެވެ.

ވޯޝިންގްޓަން އިންސްޓިޓިއުޓް ފޯރ ނިއަރ އީސްޓް ޕޮލިސީގެ ސީނިއަރ ފެލޯ ގްރާންޓް ރަމްލީ އަލް މޮނީޓަރަށް ކިޔާދީފައިވާ ގޮތުގައި ޗައިނާއާއި އީރާނާއި ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. އެގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ބޭނުންވާނެއެވެ. ހަމަ އެފަދައިން އީރާނާއި ހޫތީ މުޖާހިދުންގެ ގުޅުމަށް ހުރަސް އެޅޭފަދަ ކަމަކަށް އީރާނުން ފުރުސަތު ހުޅުވާކަށް ބޭނުމެއް ނުވާނެއެވެ. މި ސަބަބަށްޓަކައި ސަޢޫދީގެ މި އެދުމަށް ޗައިނާއިން މާބޮޑު އެހީއެއް ވެދެވިދީފާނެ ކަމަކަށް ނުބެލެވެއެވެ. ހަމަ އެފަދައިން ޗައިނާގެ ސިޔާސަތަކީ އަބަދުވެސް ޗައިނާއަށް ފައިދާ ނުކުރާނެ ކަންކަމުން ދުރުހެލި ވުމެވެ.

ސަޢޫދީ އެރޭބިޔާއަށް ކުރިމަތިވެފައިވާ ހަތިޔާރު ހޯދުމުގެ މައްސަލާގައި މިހާރު ޗައިނާއަށް ބަރޯސާވުމަކީ ސަޢޫދީއަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ބުނެވިދާނެއެވެ. އިންސާނީ ޙައްގުތަކަށް ސަޢޫދީ ސަރުކާރުން ގޮންޖަހަމުން ގެންދާ ކަމަށްބުނެ ހުޅަނގުގެ ގައުމުތަކުން އުޒުރު ދައްކަމުން ސަޢޫދީ އަށް ފިއްތުން ކުރިމަތިކުރަމުން ގެންދެއެވެ.

އެހެންވުމާއި އެކު މި ދަނޑިވަޅުގައި ޗައިނާގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން އަމިއްލައަށް ހަތިޔާރު އުފައްދަން ގަސްދުކުރުމަކީ ބުއްދިވެރި ނިންމުމެކޭ ބުނަން ޖެހެއެވެ. ޗައިނާއިން ވެސް ސަޢޫދީ ބޭނުންވާ ޓެކްނޯލޮޖީ ފޯރުކޮށްދިނުމަށް އޮތީ ތައްޔާރަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް