އެމެރިކާގެ ރިޔާސީ ބަހުސްގައި ދެ މުސްކުޅިންގެ ޒުވާބު

Loading

Facebook
Twitter
WhatsApp

ކިއުންތެރިންނަށް މި ގެނެސްދެނީ ސީ އެން އެން އިން އިންތިޒާމްކޮށްގެން ރޭގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބީ ބަހުސް ބައެއް ތަންތަންކޮޅެވެ. މި ލިއުން ބިނާކޮށްފައިވާނީ ސީ އެން އެން ގެ އަންދާޒާގެ މައްޗަށެވެ.

2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ މިހާރުގެ ރައީސް ޖޯ ބައިޑްން އާއި ކުރީގެ ރައީސް ޓްރަމްޕް އާއި ދެބޭފުޅުންކުރެން ރިޔާސީ ތަޚްތު މިފަހަރު ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްތޯ އަހައިފިނަމަ އެއްވެސް ފިކުރެއް ނެތި ބުނެވޭނީ ކުރީގެ ރައީސް ޓްރަމްޕް ކަމަށެވެ. މިއީ ސީ އެން އެން އިން އިންތިޒާމް ކޮށްގެން ރާވައި ބޭއްވި ރިޔާސީ ބަހުސްގެ ނަތީޖާ ބެލުންތެރިން ދެކޭގޮތެވެ.

އަދިވެސް ވަގުތު އޮއްވާ ޑިމޮކްރެޓުން އެހެން ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރެން އެބަޖެހެއެވެ. ޖޯ ބައިޑްން އަކީ އިޚްތިޔާރެއް ނޫންކަން ރޭގައި އެމެރިކާއަށް ފަޅާއަރައިފިއެވެ. ގިނަ ބެލުންތެރިން ތިބީ ކުރިއަށް އޮތް އަތަރު އަހަރު ދުވަސް ކީއްކުރަން ރިޔާސީ ބަހުސް ދެމިގެން ދިޔަ 90 މިނިޓަށްވެސް ބައިޑްން ދިރިދުނިޔޭގައި ހުރެދާނެކަމާއި މެދު ޝައްކެއްގެ ތެރޭގައެވެ.

ސީ އެން އެން ގެ ރިޕޯރޓަރ ފާހަގަކޮށްފައިވާ ފަދައިން ބަހުސް ހިނގަމުންދިޔަ ވަގުތު ރައީސް ބައިޑްން ވިދާޅުވާ އެއްޗެއްގެ އަޑުވެސް ރަނގަޅަށް ނީވެއެވެ. އަޑުފުޅުގައި އެއްވެސް ހަކަތައެއް ނެތެވެ. ރައީސް ބައިޑްން އެންމެ ރަނގަޅަށް ސިފަކުރެވުން ދިޔައީ ކައްވަޅުން ނަގައިގެން ގެނެސް ބަހައްޓާފައިހުރި ގަބުރެއްގެ ގޮތުގައެވެ.

އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ވާހަކަތައް ސިފަކުރެވިގެން ދިޔައީ ކުރީ ޒަމާނުގެ ޒިޔާރަތެއް ކައިރީގައި ހެދިފައިވާ ގަސްތަކުގެ ފަތްތައް ޖެހެމުންދިޔަ މަޑު ވައިރޯޅިއާއެކު ޒިޔާރަތުގެ ފާރުގައި ކޭއްތެމުން ދިއުމާއެވެ.

ކުރީގެ ރައީސް ޓްރަމްޕުގެ ނުރަނގަޅު އެތައް ސިފަތަކަކާއި ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާއި އެކުގައިވެސް ރައީސް ބައިޑްން އަކީ އިޚްތިޔާރެއް ނޫންކަން ރައްޔިތުންނަށް ހާމަވެގެންދިޔައެވެ. ޑިމޮކްރެޓުން ރިޔާސީ ރޭހަށް ރައީސް ބައިޑް ނެރުމުން އެމެރިކާގެ ފެންވަރު ދުނިޔެއަށް ހާމަ ވެއްޖެއެވެ.

ތިންވަނަ ދުނިޔޭގައިވެސް މައްޔިތަކު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަކަށް ނުބަލާނެއެވެ. އެމެރިކާ ބަދަލުވެގެން މިދަނީ ސުޕަރޕަވަރުގެ މަގާމުން މީދާ ހިފާ ދައްޗެއްގެ މަގާމަށްތޯވެސް ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔައެވެ.

ރައީސް ބައިޑްންއަށް ވަކި ހިސާބަކުން ދެއްކޭ ނުދެއްކޭ ވާހަކަ ހަނދާން ނެތިގެން އިތުރުފުޅުވެސް ހެއްދެވުނެވެ. ކުރީގެ ރައީސް ޓްރަމްޕަށް ދިމާކުރުމުގެ ގޮތުން ޕޯރން ސްޓާރގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ޙުކުމްވެސް އުވާލަންވީހޭ މިކަހަލަ ވާހަކަތަކެއްވެސް ވިދާޅުވިއެވެ.  ޕޯރން ސްޓާރ އޭ ވިދާޅުވުންވެސް ގިނަބަޔަކަށް ހީކުރެވުނީ ޕޯރކް ސްޓާރޭ ވިދާޅުވިކަމަށެވެ. އަޑުގައި ހަކަތަ ނެތީއެވެ.

އެމެރިކާގެ ރިޔާސަތަށް ޓްރަމްޕަކީވެސް މިފަހަރު އިޚްތިޔާރެއް ކަމަށް ގިނަ މީހުން ނުދެކެއެވެ. ރިޔާސީ ބަހުސް ހިނގަމުންދިޔައީ ދެބޭފުޅުންވެސް މުސްކުޅި ކުރައްވާފައި ގެއަށް ފޮނުވަން ވިއްޔޭ ބުނަމުން ގެންދިޔަ ވެއްޓެއްގައެވެ.

ރިޔާސީ ބަހުސްގެ މައިކްރޯފޯން ސީ އެން އެން އިން ކޮންޓްރޯލް ކުރަމުން ގެންދިޔައީ އެއްވެސް ތަފާތުކުރުމެއް ނެތި އެވެ. ކުރިމަތި ކުރަމުންގެންދިޔަ ވަރުގަދަ ސުވާލުތަކަށް ޓްރަމްޕް ދެއްވި ޖަވާބުތައް ކުޑަތަންކޮޅެއް އަޑުއަހަން ފަސޭހަކަމަށް ބުނެވިދާނެއެވެ. ކިތަންމެ ފަހަރަކު މައިކް ކޮންޓްރޯލަރ ރައީސް ބައިޑްންގެ ޖަވާބު އަޑުނީވިގެން ހަޅޭއްލަވާގެންފާނެއޭ ހިތަށް އެރިއެވެ. އެކަމަކު އެއީ ހަމަ ލާމަސީލު ކޮންޓްރޯލް ކުރުމެކެވެ.

ކުރީގެ ރައީސް ޓްރަމްޕް ވެސް މިވަރުގެ މުހިންމު ބަހުސަކަށް ވަޑައިގެންނެވި އިރު ހުންނެވީ ރަނގަޅަށް ފެންވެސް ނުވަރާ ކަހަލަ ގޮތަކަށެވެ.

ރައީސް ޖޯ ބައިޑްން އަށް ނޯޓުތައް ލިޔެދީފައިވަނީ ބޮޑު އަކުރުން ކަމަށް ވިޔަސް ލޯބޯ ކޮށިވީމާ ކިޔަން އެނގުނު ކަމަކަށް ނުވިއެވެ. ގިނަ ޖުމުލަތައް ނިންމާލަންވެސް އެނގިވަޑައި ނުގެން އުޅުއްވި ކަހަލައެވެ. ރައީސް ބައިޑްންގެ ޙާލަތާދެތެރޭ މީހަކު ސުވާލުވެސް ކުރިއެވެ. “ ރައީސް އެވެ! މަނިކުފާނު ތިޔަ ހުންނެވީ ކޮން ތަނެއްގައިކަން އެނގިވަޑައި ގަންނަވާ ހެއްޔެވެ ؟ ގެއަށް ވަޑައިގަންނަވަން ޑްރައިވަރ ގެންނެވިން ތޯއެވެ“؟          

ރައީސް ބައިޑްންގެ ބަހުސް ގަޑީގެ ތެރެއިން ސާޅީހަކަށް މިނިޓް ހޭދަކުރެއްވީ ކުރީގެ ރައީސް ޓްރަމްޕަށް ދިމާކުރާށެވެ. ކަލެއަކީ ކަސްބީންނާއި އެކު ގުޅުން ހިންގާމީހެކެވެ. ކިތައް އަންހެނުންގެ ޢިއްފަތާ ކުޅެފީމު ހެއްޔެވެ. ކަލޭގެ ޝަޚްސިއްޔަތު އެންމެ ވައްތަރު ވާނީ ވަލު ބުޅަލަކާއެވެ. މިބާވަތުގެ ބަސްތަކުން މަލާމާތް ކުރަމުން ގެންދިޔައެވެ.

ކުރީގެ ރައީސް ޓްރަމްޕް ވެސް ބައިޑްންއަށް މަލާމާތްކުރަން ފުރުސަތުގެ ބޭނުން ކުރަމުން ގެންދިޔަތަން ފެނުނެވެ. އެންމެ ފުރަތަމަ ކަލޭ ތިޔަ ދައްކާވާހަކަ މީހުންނަށް އަޑުއިވޭ ވަރަށް ދައްކާ ބަލާށެވެ. ޓްރަމްޕް މަލާމާތްކުރަމުން ދިޔައިރު ބައިޑްން ހުންނެވީ ތަންމިނަށް އަނގަ ހުޅުވި ދެލޯ ބޮޑުވެފައެވެ.

ކޮންމެ ގޮތެއްގައިވެސް މިހާރު ރިޔާސަތަށް ކުރިމަތިލާފައި ތިއްބެވި ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެކަކު ކާމިޔާބު ކުރާނެއެވެ. ޓްރަމްޕުގެ ފަރާތަށް ރޭގެ ބަހުސްގައި ތިލަފަތް އޮތީ މާބޮޑަށްވެސް ބުރަކޮށެވެ.

Loading

2 Responses

  1. އިބްރާހިމް ރަޝީދު ވިދާޅުވި ފަދައިން ސީ އެން އެން އަކީ ބައިޑަންގެ ސަޕޯރޓަރަކަށް ވެދާނެ. މި ލިއުން ފަށަމުންވެސް ބުނެފާ އެބައޮތްދޯ މިއީ ސީ އެން އެން އިން އިންތިޒާމް ކުރި ރިޔާސީ ބަހުސެއްގައި ދެއްކި ވާހަކަތައް ސީ އެން އެން އިން ކުރި އަންދާޒާއެއްގެ މައްޗަށް ލިއެފައިވާ ލިއުމެކޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް