ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިދިޔަ ބުދަ ދުވަހު ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ މައިނަސް“ އިން “ސީސީސީ ޕްލަސްއަށް ދަށްކޮށްފައެވެ.
މިއީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ބޭރުގެ ދަރަނިތައް ނުދެއްކި, ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ނާޒުކުވަމުން ދާ ދިއުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން 508 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެއެވެ. ހަމައެއާއެކު ޒަރޫރީ ތަކެތި ރާއްޖެއަށް އިމްޕޯޓުކުރުމާއި އާންމު ވިޔަފާރިތަކާއި ބޭރަށްދާ ދިވެހިންގެ ބޭނުންތަކަށް 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ބޭނުންވާނެއެވެ.
ނަމަވެސް މިދިޔަ ޖެނުއަރީއިން މެއިމަހުގެ ނިޔަލަށް ޑޮލަރުން ރާއްޖެއަށް ލިބުނު އާމްދަނީ ހުރީ 483.1 މިލިއަން ޑޮލަރުގައެވެ. އަހަރުގެ ބާކީ އޮތް މަސްތަކުގައި ލިބޭ އަދަދާއެކު ވެސް އާމްދަނީގެ ގޮތުގައި ރާއްޖެއިން ބޭނުންވާ އަދަދަށް ބޭރު ފައިސާއެއް ނުލިބޭނެއެވެ. ނުވިތާކަށް ލިބޭ އާމްދަނީން އެތެރޭގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭއިރު, ލިބުނު އާމްދަނީއަށްވުރެ އިތުރަަށް މިދިޔަ ހައެއްކަ މަސް ދުވަސްތެރޭގައި ދައުލަތުގެ ޚަރަދުތަކަށް ވަނީ 3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ބޭރު ފައިސާގެ އާމްދަނީ ނުލިބޭތީ ފައިސާ ދައްކަން ހޭދަކުރަން މި ޖެހެނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރިޒާވުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މެއިމަހުގައި 492.2 މިިލިއަން ޑޮލަރަށް ވެށްޓިފައެވެ. މިއީ އޭޕްރީލްމަހާ އަޅައިބަލާއިރު, 130 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު, މިހާރު ބޭނުންކުރެވޭނެ ރިޒާވުގައި ހުރީ ގާތްގަނޑަކަށް 64 މިލިއަނެއްހައި ޑޮލަރެވެ. ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ (ތެލާއި ކާޑު ފަދަ ތަކެތި) އިމްޕޯޓްކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށްވުރެ އިތުރަށް ޑޮލަރު ބޭނުންވެއެވެ. އެހެންކަމުން ރިޒާވްގައި މިހާރު ހުރި އަދަދަކީ އެއްމަސްދުވަހުގެ އިމްޕޯޓަށް ނުފުދޭވަރުގެ ވެސް ކުޑަ އަދަދެކެވެ.
ބާރު ސްޕީޑުގައި ރިޒާވް ދަށްވަމުންދާއިރު, ރިޒާވް ދަށްވެ އެެއްކޮށް ހުސްވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ, ދެން ކުރިމަތިވާނީ ސްރީލަންކާއަށް ޖެހުނުފަދަ ހާލަތެކެވެ.
ފިޗުން ލަފާކޮށްފައިވާ ގޮތުގައި 2025 ގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވް އޮންނާނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވީ މި ރާއްޖޭގެ އިގުތިސާދީ، އިޖުތިމާޢީ ހާލަތު މިހައި ދަށަށްދާން މި ޖެހުނީ މިދިޔަ 45 އަހަރު، މި ރާއްޖޭގައި ގާނޫނު ތަންފީޒު ނުކުރެވުމުން ކަމަށާއި އަދި ރައްޔިތުންގެ މަޖިލިސްތަކުން ސަރުކާރުތައް ޖަވާބުދާރީ ނުކުރުވުމުން ކަމަށެވެ. ދެންވެސް ސަލާމަތެއް އޮތީ، ވަކި މީހަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒުކޮށްގެން ކަމަށާއި އިންސާފު ގާއިމުކޮށްގެން ކަމަށެވެ.
“ކުރީ ސަރުކާރު، އޭގެ ކުރީ ސަރުކާރު، އޭގެ ވެސް ކުރީ ސަރުކާރު، މި ސަރުކާރު ކިޔުމުގެ ބޭނުމެއްނެތް. ދައުލަތް ދަރަނިވެރިވެފައި މިއޮތީ ކުރާ މަސައްކަތާ ނުބައްދަލު ޚަރަދުކުރުމަށް ރައްޔިތުންގެ ޑިމާންޑް ބޮޑުވެގެން.“
އިބްރާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފްލެޓެއް ލިބެނިކޮށް އެންމެ ރަނގަޅު ކަމަށާއި އެ ފްލެޓް އަޅަން ދައުލަތުން ދަރަނި ނެގި ވަރެއް، އެ ފައިސާ ޚަރަދުކުރި ގޮތެއް ބަލަން ބޭނުންނުވާތާ އެނގޭން ވެސް ބޭނުމެއް ނޫން ކަމަށެވެ.
“ސިޔާސީ މަގާމާ މުސާރަ ބޮޑުވެ، ގިނަވެގެން ނުރުހިގެން ވާހަކަދައްކާ މީހާވެސް، މާދަމާ ވެސް އޭނާއަށް ވަޒީފާ ދީފިއްޔާ ބޭނުމެއް ނޫނެކޭ ނުބުނާނެ.“
ސަރުކާރާއި މަޖިލީހަށް އެޑްރެސްކުރައްވައި އިބްރާ ވިދާޅުވީ މި ރާއްޖޭގައި މަސައްކަތްކޮށްގެން ކައިގެން ބޮއިގެން އުޅެނީ ހަމައެކަނި ދައުލަތުގެ މުއައްޒަފުންނާ މަސްވެރީންނެއް ނޫން ކަމަށާއި ދައުލަތުން ފައިސާދޭންޖެހެނީ އެމީހުނަށް އެކަންޏެއްނޫން ކަމަށެވެ.
“ޕްރައިވެޓް ކުންފުނިތަކާއި، ފިހާރަތަކާއި، ޚިދުމަތްދޭ އެހެން މީސްމީހުންގެ އަތުން މުދަލާ ޚިދުމަތް ހޯދާފައި، ބިލްތަކަށް ފައިސާ ނުދީ ތިބީމާ، އެ މީސްމީހުނާ، އެތަންތާ މަސައްކަތްކުރާ މުއައްޒަފުންނަށް ލިބެންޖެހޭ މުސާރައާ ފައިސާވެސް ހުންނަނީ ނުލިބި. އެއީވެސް ދިރިއުޅެން ޚަރަދުކުރާންޖެހޭ މީހުން.“
ވީމާ މާ ބޮޑެތި އާ މަޝްރޫއުތައް ފަށާނެ ކަމެއް ނެތް ކަމަށާއި ފުރަތަމަ އެހެން މީހުންގެ ހައްގުތައް އަދާކުރުމަށް އިބްރާ ގޮވައިލެއްވިއެވެ.
“މި ގައުމު މިއޮށް ފަނާވަނީ. ބޭކާރު ހުސް ވާހަކަތަކާ ނުފުއްދޭވަރުގެ ވައުދުތައް ހުއްޓާލާފައި، އިލްތިޒާމްތައް އަދާކުރާން ފަށާ.“
“މަށަކީ ވެސް ދިވެއްސެއް“ ކަމަށާއި އެހެންވީމާ މި ގައުމުގެ މުސްތަގުބަލާމެދު “އަހުރެން އެދޭ ގޮތެއްވެސް އޮންނާނެ“ ކަން ފާހަގަކުރައްވަމުން އިބްރާ ވިދާޅުވީ ކިތަންމެ ދަތި ހާލުގައި އުޅޭން ޖެހުނަސް، ބަނޑަށްހޫނުވެ، ކާން ނުލިބުނަސް، ކަރަންޓު ނެތި ފުޅިބައްތި ދިއްލާން ޖެހުނަސް، ރާއްޖޭން ބޭރުން ފައިސާ ހޯދާން، ނޫނީ ދަރަނި ފިލުވަން، މި ރާއްޖޭގެ އެންމެ ތަންކޮޅެއްވެސް ދިގުމުއްދަތަކަށް ބޭރު ގައުމަކަށް ވެސް، ބޭރު ކުންފުންޏަކަށް ވެސް ދޭކަށް އަދި ވިއްކާކަށް ވެސް އެދިވަޑައިނުގަންނަވާ ކަަމަށެވެ.
“މީގެ ކުރީން ވެސް، ދަތި ހާލުގައި އަހަރެމެން އުޅުނިން. ހިކި މަހާ ކާއްޓާ ކައިގެންވެސް ފުއްދާލިން. އަދިވެސް އުޅެވޭނެ.“
ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާއިރު, ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތަށް ގެނައުމަށް ސަރުކާރުން ވިސްނަމުން އަންނަ އިސްލާހީ ބަދަލުތަކާއެކު ޚަރަދުތައް ހަމަޖައްސަން ބޭރުގެ އެކި ފަރާތްތަކުން ހޯދަންޖެހޭ ފައިސާގެ އަދަދު ދަށްވެ, ދަރަނީގެ ހާލަތު ރަނގަޅުވާނެ ކަމަށް ފިޗުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދަރަނީގެ ހާލަތު ރަނގަޅުކުރަން އަމާޒުކޮށްގެން ޚަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއެކު އަދި އިގުތިސާދު ސިންދަފާތު ކުރުމާއި ބޭރުގެ ލޮޅުންތަކުން އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުން ފިޗުގެ ރޭޓިން ދެން މުރާޖައާކުރާއިރު, ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ސަރުކާރުން ހުރިހާ ފަރާތްތަަކަށް ދައްކަންޖެހޭ ދަރަނިތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ދައްކަމުންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން, ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
“އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ.“
މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
4 Responses
ދޮގު ނުހަދަންވީ ސަބަބެއް ނެތެވެ. ރައްޔަތުންނަށް އޯކޭ ވިއްޔާއެވެ. 4.5 ކިލޯމީޓަރުގައި 4000 މީޓަރ އަޑީގައި ބިއްލޫރި ޓަނަލްއަޅާ ސުވަރުގެ ފަދަ މާޙައުލެއް ލިބޭނޭ ބުނެ ޙަރާމް ދޮގުހެދީމާވެސް ގަބޫލުކުރީ ވިއްޔާއެވެ. ކޮންމެ މީހަކުވެސް ހަމަ ނުކަތާވަރު ބޮޑެތި ދޮގު ހެދީމާ އޯކޭ އެވެ.
މައްސަލަޔަކީ ރައްޔަތުމީހާއެވެ. އެހެނީ ދައުލަތް ހޯދުމަށް މި ފިތުނަ ޖާޑިތަކުން (ޕާޓީ ތަކުން) ޖަހާ ސަކަރާތާއި ފިތުނައިގައި ކުޑަ ފައިސާކޮޅެއް ނުވަތަ ވަޒީފާގަނޑެއް ދީގެން ހެއްލުވޭތީއެވެ. އަދި ރައްޔަތުން އަތުން ވައްކަން ކޮށްގެންތިބޭ ބޮޑެތި ވަަގުން އެމީހުން ކުރި ވައްކަމުން ފައިސާ ފޮއްޗެއް ދިއްކޮށްލީމާ އެ ފަދަ ފިތުނަ ޖާޑިތަކަށް ވޯޓް ވިއްކާލާތީއެވެ.
ވިސްނަވާށެވެ. ދައުލަތް އަތުޖެހޭތޯ ކޮންމެ ބަޔަކުވެސް ބޮޑެތި ދޮގުތަށް ހަދާ އޮޅުވާލާ ރިޝްވަތުދީ އެހަދަނީ ސަރުކާރު ލިބުމުން ދައުލަތް ލޫޓްވޭނޭތީއެވެ. އެއްގޮތަކަށްވެސް ރައްޔަތުންނަށްޓަކާ ދީނަށްޓަކާ ގައުމަށްޓަކައެއް ނޫނެވެ. ސީދާ ޖީބަށްޓަކައެވެ. ދަރަނިބޯ ވަނި ރައްޔަތުމީހާއެވެ. އެ ވަގުންތައް ވަގަަށްނެގި ފައިސާތައް ހިފައިގެން ކަނޑާލާނީ ނޫންހެއްޔެވެ. ސަހަރޯ ހިތައް އަރައެވެ.
ޑިމޮކްރެސީއާއެކު ޚަރަދުތައް އަތްނުފޯރާ ހިސާބަށް މައްޗަށް ދިއުމުގައި އިބްރާގެ ހިއްސާއެއް ނެތްކަމަކަށް ނުވިސްނެއެވެ. ޑިމޮކްރެސީ ގެނައުމާއި ގައުމާ ނުބައްދަލު ގާނޫނު އަސާސީއަކާއި ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމުގައިވެސް އިބްރާގެ ހިއްސާ ނެތެކޭ ނުބުނެވޭނެއެވެ.
ބޯގަންވިލާ އިބުރާގެ ވާހަކަދެކޮޅެއްނުޖެހޭ މަސްވެރިންނަށް ފައިސާ ދީގެން، ރައްޔިތުންނަށް ފުލެޓް ދީގެން މީނާ ކަންބޮޑުވާއިރު، އަންނިގެ ވެރިކަމުގައި 50 މިލިޔަން ރުފިޔާ މީނާއަށް ދިނެވެ. އަދި އިބްރާހީމު މުހައްމަދު ސޯލިހުގެ ވެރިކަމުގައި 50 މިލިޔަން ރުފިޔާ މީނާއަށް ދިނެވެ. އަދި އިތުރު 200 މިލިޔަން ރުފިޔާއަށް ކުރީސަރުކާރުގައި ވަނީ އެދިފައެވެ. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރު އެތައް މިލިޔަން ރުފިޔާއެއް އިބުރާ ދަމައި ގަންނައިރު އެކަމެއް ހަނދާނަކު ނުހުރެއެވެ. ބޮޑެތި ލޯނުނަގައިގެން ފުލެޓު އަޅާއިރު ރައްޔިތުންނަށް އެވަރު ނުވިސްނޭކަމަށް އިބުރާ ބުނާއިރު، އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ހުޅުމާލެއިން އެތައް ގޯތިތަކެއް އެއްވެސް އަގަކާނުލައި ދޫކުރަމުން އެދަނީ ހުޅުމާލެ ހިއްކައިފައި އެވަނީ އެއްވެސް ވަރަކަށް ލޯނު ނުނަގައި ހެއްޔެވެ. ހުޅުމާލެ ހިކައިފައި އެވަނީ ބިންހިއްކުމަށް ނެގި އެންމެ ބޮޑެތި ލޯނުނަގައިގެނެވެ. އެކަމަކު އިބުރާއަށް ކުރިއަސަރެއް ވިސްނުނު ވިސްނުމެއްނެތެވެ. އާނ! ތެދެކެވެ. ތިމާގެ ފޫކުގައި ހޭކިފައި ހުރި ނަޖިހެއް ތިމާއަކަށް ނުފެންނާނެއެވެ.