މިހާރަށްވުރެ ގިނައިން ފައިސާ ޗާޕުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައުލަތުން ދަރަންޏަށް ފައިސާ ނެގޭ އަދަދު މިހާރަށްވުރެ އިތުރުކޮށް، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ފަރުމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން, އެމްއެމްއޭއިން ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް އެ އިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ.

އެގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ 3 ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ %1 އަށްވުރެ އިތުރުނުވާ ގޮތުގެ މަތިންނެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅުއްވި ބިލުގައިވަނީ އެގޮތަށް ފައިސާ ނެގޭ އަދަދު އިތުރުކޮށްފައެވެ.

އެ ބިލުގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ.

މި ގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ %2.5 އަށްވުރެ އިތުރުނުވާ ގޮތުގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

އެހެންކަމުން މިއަދު ސަރުކާރުން ހުށަހެޅި ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން މިހާރު ފައިސާ ޗާޕު ކުރެވޭ އަދަދަށް ވުރެ ގިނައިން ފައިސާ ޗާޕު ކުރެވޭނެއެވެ.

މި ބިލުގައި ވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށުމާއެކު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވައިލަން ޖެހެއެވެ.

މި ޗާޓަރު އެކުލަވައިލަން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށާއި މަޖިލީހުން ޗާޓަރު ފާސްކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ބޭނުންވެއްޖެނަމަ ފިސްކަލް ޒިންމާގެ ޗާޓަރު މުރާޖައާ ވެސް ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައިވާ ގޮތުން ފައިސާ ޗާޕުކުރެވޭނީ ރިއަލް ޖީޑީޕީ އިތުރުވާ މިންވަރު ނުވަތަ ފަތުރުވެރިން ހޭދަކުރާ ރޭގެ މުއްދަތު ވިދިވިދިގެން ދެ ކުއާޓަރގައި، ފާއިތުވި އަހަރުގެ އެ ކުއާޓަރ އާ އަޅައިބަލާއިރު %0 އަށްވުރެ ދަށްވާ ހާލަތުގައާއި, ވިދިވިދިގެން ދެ ކުއާޓަރގައި ދައުލަތުގެ އާމްދަނީ ފާއިތުވި އަހަރުގެ އެ ކުއާޓަރ އާ އަޅައިބަލާއިރު %25 އަށްވުރެ ދަށްވާ ހާލަތުގައާއި, މަހުންމަހަށް ބަލާއިރު އިންފްލޭޝަން ވިދިވިދިގެން ތިން މަހުގައި %15 އަށް ވުރެ މަތިވާ ހާލަތުގައާއި, ފައިނޭންޝަލް ނުވަތަ ސިސްޓަމެޓިކް ބޭންކިން ކާރިސާއެއް ކުރިމަތިވާ ހާލަތުގައި އަދި ބެލެންސް އޮފް ޕޭމަންޓްސްގެ ކާރިސާއެއް ކުރިމަތިވާ ހާލަތުގައެވެ.

ހަމައެހެންމެ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކަށް އަމަލުކުރުން އިސްތިސްނާވާނީ ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހުކުރުމަށްފަހު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ވެސް ފާސްކުރެއްވުމަށފަހު، މަޖިލީހުން ކަނޑައަޅާ ވަކި މުއްދަތަކަށް ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މިފަދަ ބިލެއް ސަރުކާރުން ހުށަހަޅުއްވައިފައިވާއިރު ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރިކަން ފާހަގަކުރައްވައި އެކަމަށް ފާޑުވިދާޅުވެ, މި ސަރުކާރުން އައިފަހުން ފައިސާ ޗާޕުކުރުން ހުއްޓާލައްވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މީގެ ދެ ރޭ ކުރިން ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމް ވަނީ މި ސަރުކާރުން ވެސް އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގި ކަމަށް ތުހުމަތުކުރައްވައި އެ ފައިސާއަކީ ހަމަ ޗާޕުކުރި ފައިސާކަމަށް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް