އެޕްރިކޮޓް: މީރުކަމާ އެއްވަރަށް ސިއްހަތަށްވެސް ފައިދާހުރި މޭވާއެއް!

Loading

Facebook
Twitter
WhatsApp

އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ އެޕްރިކޮޓް ބޭނުންކުރުމަށްފަހު، ދަތްޕިލަ ރަގަޅަށް ސާފުކުރުމަކީ މުހިއްމު ކަމެކެވެ.

އެޕްރިކޮޓުން ލިބޭ ޞިއްޙީ ފައިދާތައް

ބަނޑުހިކުމަށް ފަރުވާކުރުން:

އެޕްރިކޮޓް ގައި ”ސެލިއުލޯސް“ އަދި ”ޕެކްޓިން“ އެކުލެވޭތީ މިއީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށް ވެއެވެ. ބަނޑުހިކިފައިވާ މީހަކު ދުވާލަކު 8-6 ވަރަކަށް އެޕްރިކޮޓް ބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލަ ހައްލުވެގެންދާގޮތް ވެއެވެ. ސެލިއުލޯސް އަކީ ގޮހޮރުގެ ހަރަކާތް އަވަސް ކުރުމަށް އެހީތެރިވެދޭ މާއްދާ އަކަށްވާއިރު، ޕެކްޓިން އަކީ ގޮޮހޮރުގެ ތެރޭގައި ފެންހަރުލައި ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން އެޕްރިކޮޓްގައި ޑައެޓްރީ ފައިބަރު ހުރުމަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލައެއް ކަމުގައިވާ ”ޑައިވާޓިކިޔުލައިޓިސް“
އަދި މައިދާގެ ކެންސަރުން ރައްކާތެރިވުމަށް ވެސް ފައިބަރަކީ ބޭނުންތެރި މާއްދާ އެކެވެ.

ހަޖަމުކުރުމަށް ފަސޭހަވުން:

އެޕްރިކޮޓް ބޭނުންކުރުމަކީ ހަށިގަނޑުގައި “އަލްކަލައިން ރިއެކްޝަން” އުފައްދާ ކަމެއްކަމަށް ވުމުން ކެއުމުގެ ކުރިން ދެތިން އެޕްރިކޮޓް ބޭނުންކުރުމުން، އޭގެ ފަހުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. މިދެންނެވި އަލްކަލައިން ރިއެކްޝަންގެ ސަބަބުން އެސިޑްތައް ނިއުޓްރަލައިޒް ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. އަދި ކެއުމުގެ ކުރިން މާގިނައިން އެޕްރިކޮޓް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން އަސްލު ކާވަގުތުގައި ކެއުމަށް ތައްޔާރުކުރެވިފައި ހުރިތަކެތި ރަގަޅަށް ނުކެވިދާނެތީ އެވެ.

ލޭމަދުވުން:

ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ. ސަބަބަކީ އެޕްރިކޮޓްގައި ދަގަނޑުގެ ބައި ގިނަ އަދަދަކަށް ހުންނާތީ އެވެ. ޚާއްޞަކޮށް ހިއްކާފައި ހުންނަ އެޕްރިކޮޓް ގައި ދަގަނޑުގެ ބައި އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި އެޕްރިކޮޓްގައި ކޮޕަރ މަދުން ހިމެނިފައި، ހުރުމަކީ ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ ކަމެކެވެ. ދިގުމުއްދަތަކަށް އެކަށޭނަ މިންވަރަކަށް އެޕްރިކޮޓް ބޭނުންކުރުމަކީ، ލޭގައި ހިމޮގްލޯބިން އުފެއްދުން އިތުރުވެގެންދާނެ ކަމެކެވެ. މިސަބަބާހުރެ، މައްސަރު ކަންތައް ޖެހުމުން އާދަޔާ ޚިލާފަށް ގިނައިން ލޭފައިބާ އަންހެނުން، މައްސަރުކަންތަކުގެ ތެރޭގަޔާއި އޭގެ ފަހުން، އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ.

ހުންތިރިކުރުން:

ހުންއައުން ކުރިމަތިވެއްޖެނަމަ، އެޕްރިކޮޓް ފަންޏާއި، ގުލްކޯޒު ނުވަތަ މާމުއި އެއްކޮށްގެން ބޭނުންކުރުމުން، ހަށިގަނޑުގެ ހޫނުމިން ދަށްވެ ތިރިވާގޮތް ވެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ހަށިގަނޑަށް ބޭނުންވެފައި އިތުރުވާ ބައި، ހަށިގަނޑުން ބޭރުކޮށް ދެއެވެ. އަދި މިއީ މިމޭވާގައި ހިމެނޭ ތަފާތު މަޢުދަންތަކާއި، ވިޓަމިންތަކުގެ ސަބަބުން، ހިތާއި، ނާރުތަކާއި، ފުރަމޭގެ މަސައްކަތަށް ދިރުން ގެނެސްދޭ މޭވާ އެކެވެ.

ހަމުގެ ބަލިތައް:

އެޕްރިކޮޓް ގަހުގެ ފަތަކީ ހަމުގެ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވުނު އެއްޗެކެވެ. އެގޮތުން އަވިން ފިހުން، ކަސްއެޅުން، ފިނީގެ ސަބަބުން ގައިކަހައި ހިރުވުން، އަދި އެކްޒީމާ ފަދަ ހަމުގެ ބަލިތަކަށް މިގަހުގެ ފަތުން ފަރުވާ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެޕްރިކޮޓް ގައި މަތީ މިންވަރަކަށް ވިޓަމިން އޭ ހުރުމަކީ ވެސް ހަމުގައި ނަގާބިހިތައް ސާފުކޮށް،އޮށާޅަނެގުން ކުޑަކޮށްދީ، ހަމުގެ މައްސަލަތަކަށް އެޕްރިކޮޓް ބޭނުންކުރުމުން ލުއިކަން ގެނެސްދޭ ސަބަބެކެވެ. މިސަބަބާހުރެ މޫނު ދޮންނަށް ބޭނުންކުރާ ވަރަށް ގިނަ ފޭޝަލް ސްކްރަބް ތަކުގައި އެޕްރިކޮޓް ހިމަނާފައި ހުރެއެވެ.

ލޮލުގެ މައްސަލަތައް:

އެޕްރިކޮޓްގައި ވިޓަމިން އޭ މަތީ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ފްރީ ރެޑިކަލް އިން ހަށިގަނޑަށް ލިބޭ ގެއްލުމުން މިންޖުކޮށްދޭ، ބާރުގަދަ އެންޓި-އޮކްސިޑެންޓެކެވެ. ފްރީ ރެޑިކަލްތަކުގެ ސަބަބުން ލޮލަށް ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި، ”މެކިޔުލަރ ޑިޖެނެރޭޝަން“ ލޯފުސްވުން، އަދި ލޮލުގެ ހިސާބުތަކަށް ލޭފޯރުކޮށްދިނުން ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން ވިޓަމިން އޭ ހިމެނޭ ކާނާ ބޭނުންކުރުމުން ބަޔާންކުރެވުނު ކަންކަމުން ރައްކާތެރިވެ ހުރުމަށް އެހީއަކަށް ވެއެވެ.

ލައިކޯޕީން:

އެޕްރިކޮޓްގައި ލައިކޯޕީން އެކުލެވިގެން ވެއެވެ. މިއީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަށިގަނޑުގައި ސަރުބީ އިތުރުވުން ފަދަ މައްސަލަތަކުން މިންޖުވެ، ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މިއީ ގޮހޮރުގައި ހުންނަ ފަނިތައް މަރާލުމުގެ ބާރު ލިބިފައިވާ މޭވާއެއް ވެސް މެއެވެ. މީގެ އިތުރުން ފިތުގައި އުފެދޭ ހިލަ ވިރުވައި ބޭރުކުރުމުގައި ވެސް އެޕްރިކޮޓް ބޭނުން ހިފިދާނެ ކަމަށް ބުނެވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް