ޕީއެންއެފްއިން މިރޭ ބާއްވާ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވާނެ

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މިރޭ 20:30 ގައި ބާއްވާ އެ ޕާޓީގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މި ޖަލްސާ އޮންނާނީ އެ ޕާޓީގެ އާ އޮފީހުގައެވެ. ޕީއެންއެފްގެ އޮފީސް މިހާރު ހުންނަނީ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހި, ފުރަތަމަ ފަންގިފިލާގައެވެ.

“ޕީއެންއެފްގެ ޖަލްސާ ކުރިއަށްދާނީ ޓައުންހޯލް ސްޓައިލަށް. ސުވާލުކުރެވޭނެ.“ މަލީހު ވިދާޅުވިއެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު އެ ޕާޓީއިން ބާއްވާ ފުރަތަމަ ޖަލްސާއެވެ. މަޖިލިސް އިންތިޚާބުގައި ޔާމީންގެ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އެއްވެސް ގޮނޑިއެއް ނުލިބެއެވެ.

ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވެސް ވަނީ ޔާމީނަށް ފާޑުވިދާޅުވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ޔާމީނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ޢަބްދުއްރަޙީމް ވަނީ ޔާމީންގެ ވެރިކަމުގައި ކަން ހިނގައި ދިޔަ ގޮތާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީން އަމަލުކުރެއްވި ގޮތްތަކާއި މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީން އަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް ވާހަކަފުޅުދައްކަވައި ފާޑުވިދާޅުވެފައެވެ.

މި ފާޑުކިޔުންތަކަށް މިރޭގެ ޖަލްސާގައި ޔާމީން ވަރުގަދަ ރައްދުތަކެއް ދެއްވާނެ ކަމަށް ބެލެވެއެވެ.

ފޮޓޯ: ޕީއެންއެފް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް