ނިއުމޯނިއާ އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިއާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.
ނިއުމޯނިއާ ޖެހޭ ސަބަބު:
ނިއުމޯނިއާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާތަކުގެ ތެރޭގައި ”ސްޓްރެޕްޓަކޮކަސް ނިއުމޯނިއާ“، ”މައިކަޕްލާޒްމާ ނިއުމޯނިއާ“ ފަދަ ޖަރާސީމުތައް ހިމެނެއެވެ.
ނިއުމޯނިއާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި ”އިންފުލުއެންޒާ އޭ ވައިރަސް“ އަދި ”ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސް“ ފަދަ ޖަރާސީމުތައް ހިމެނެއެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށް ބައެއް ފަހަރު ”ނިއުމޯސިސްޓިސް ކެރީނީ“ ކިޔާ ފަންގަސްގެ ވައްތަރަކުން ވެސް ނިއުމޯނިއާ ޖައްސައެވެ. މަދުފަހަރަކު ޕެރަސައިޓެއްގެ ސަބަބުން ނިއުމޯނިއާ ޖެހިދާނެ އެވެ.
އާންމުކޮށް ނިއުމޯނިއާ ޖެހޭނީ ނިއުމޯނިއާ ޖައްސާ ޖަރާސީމެއް ފުއްޕާމެޔަށް ދިއުމުންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނިއުމޯނިއާ ޖެހޭގޮތް ވެއެވެ. ދާއިމީކޮށް ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތައް ކަމުގައިވާ ހަކުރު ބަލި، ހިތުގެ ބަލި، ނޭވާހިއްލުން، ކެންސަރު، ފަދަ ބަލިތައް ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިވާ ކަންކަމެވެ.
ނިއުމޯނިއާ ޖެހޭ ގޮތް:
ޖަރާސީމު ހުރި ހިރަފުހާ ކުނިބުނި ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށް ދިއުން
ނޭފަތާ، ކަރުގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ނޭވާލުމުގެ ތެރޭގައި ފުއްޕާމަޔަށް ދިއުން
އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން ނިއުމޯނިއާ ޖެހުން
ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތައް ޖެހި ދިގުލައި ދިއުމުން ނިއުމޯނިއާ ޖެހުން
ފުއްޕާމެޔަށް ފެނާ ކާތަކެތި ދިއުން
މަގުފަހިކުރާ ކަންތައްތައް:
ދުންފަތުގެ އިސްތިއުމާލުކުރުން
ފުއްމާޕޭގެ ދާއިމީ ބައްޔެއް (ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް) ހުރުން
އުމުރުން 1 އަހަރަށްވުރެ ހަނގުވުން 65 އަހަރަށްވުރެ ދޮށިވުން
ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވުން
ބަނޑުގައި ގޭސް މަދުކޮށްލާ ބާވަތުގެ ބޭސް (އޮމެޕްރަޒޯލް، ޕެންޓަޕްރަޒޯލް) ބޭނުންކުރުން
އާދަޔާ ޚިލާފަށް ގިނައިން ބަނގުރާ ބުއިން
ވަރަށް ފަހުން އަރިދަފުސް ރޯގާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ ފަދަ ބައްޔެއް ޖެހިފައިވުން