ޔޯގާ ޑޭ: ސިއްރު ސިއްރުން ކުޅިގަނޑު ބާއްވައި ނިންމައި ފޮޓޯތައް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި “އިންޓަރނޭޝަނަލް ޔޯގާ ޑޭ“ ފާހަގަކުރަމުން ދަނިކޮށް އެކަމާ ދެކޮޅަށް ގިނަ ބަޔަކު ނުކުމެ އަޑުއުފުލައި އެތައް ހަމަނުޖެހުމެއް ހިނގައި ދިޔައީ 2022 ގައެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވި ވަގުތު އެތަނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 18 މީހުންނަށް ދައުލަތުން ދައުވާ ވެސް އުފުލިއެވެ. ދައުވާ އުފުލި މީހުންގެ ތެރޭގައި ޝައިޚު ފަޟްލޫން މުޙައްމަދާއި، ޝައިޚް އާދަމް ނިޝާން ވެސް ހިމެނެއެވެ.

އެ ހާދިސާއާ ގުޅުވައި ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމް ގެ ދައުވާ އުފުލީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށްކަމަށް އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއިން ތުހުމަތުކޮށްފައި ވެއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން 21 ގައެވެ.

ނަމަވެސް ކުއްލިއަކަށް މިއަދު އިންޑިއާ އެމްބަސީއާއި ކަލްޗަރަލް ސެންޓަރ އިން، ވަރަށް ސިއްރު ސިއްރުން އެއް ދުވަސް ކުރިން، އިންޑިއާ އެމްބަސީ ތެރޭގައި މި ކުޅިގަނޑު ބާއްވާ ނިންމާލާ، އޭގެ ފޮޓޯތައް އާންމު މިކުރީ ކީއްވެތޯ ޝައިޚު ނިޝާން ވަނީ ސުވާލު ކުރައްވައިފައެވެ.

“މީގެން އެނގިގެން ދަނީ، 2022 ގައި އެމްޑީޕީ ސަރުކާރުން ރަސްމީ އިއްޒަތާއި ޝަރަފުގައި، ރަސްމީ އެންމެ ބޮޑެތި ހަރަކާތްތައް ބާއްވާ ގަލޮޅު ދަނޑުގައި ހިންދީންގެ މި ދީނީ އަޅުކަން ކުރަން އުޅުނު ގޮތަށް އިޝްތިހާރުކޮށް އިއުލާނުކޮށްގެން، އަދި ކިއެއް އާންމު އެއްވެސް ތަނެއްގައި ވެސް ދެން މި ޝިރުކީ އަމަލު ނުބޭއްވޭނެކަމެވެ.“ ޝައިޚު ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

ޝައިޚު ވަނީ މި ސަރުކާރުން އެމީހުނަށް އެފަދަ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްބަސީ ތެރޭގައި އެމީހުން މި ކުޅިގަނޑު ކުޅެނީ އެމީހުނަށް ލިބޭ ޑިޕްލޮމެޓިކް އިމުއިނިޓީގެ ބާރުން ކަމަށާއި އެއްވެސް ހާލެއްގައި އެތަނުގެ އެތެރޭގައި ވެސް އެކަން ކުރުމަކީ ރުހި ގަބޫލުވެވޭނޭ ކަމެއް ނޫން ކަމަށް ވެސް ޝައިޚު ވިދާޅުވިއެވެ.

“މިކަމާ ދެކޮޅަށް މިކަން ހުއްޓުވަން ނުނިކުތީ ކީއްވެހޭ ބުނާ ފަރާތްތަކަށް ބުނަމެވެ. ތިޔަބޭފުޅުންނަށް މިކަން ބާއްވާކަން ކުރިން އެނގި ތިބި ނަމަ، އެވާހަކަ ކުޑަމިނުން އަޅުގަނޑުމެނާއި ހިއްސާ ވެސް ކޮށްނުލައި ތިބެ، އެކަންވެ ނިމުމުން މިހާރު، ކީއްވެހޭ ހުއްޓުވަން ނުނިކުތީ ކިޔުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟“

މާތްރަސްކަލާނގެ ގަންދީ ހުވާކުރައްވަމުން ޝައިޚު އިތުރަށް ވިދާޅުވީ ޝިރުކުގެ އަމަލުތައް ފާޅުގައި ކުރުމަށް އަދިވެސް އެއްވެސް ބަޔަކު ފޫގަޅައިގެން ނިކުމެއްޖެ ނަމަ އެކަމާ ދެކޮޅަށް ހަނު ނުތިބޭނެ ކަމަށާއި އުޙުދު ހަނގުރާމައިގެ ދުވަހު މައްކާގެ މުޝްރިކުންގެ ޝިރުކުގެ ގޮވުންތަކަށް ރައްދު ދިނުމަށް ކީރިތި ނަބިއްޔާ އެންގެވި ގޮތަށް، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް “އަޅުގަނޑުމެން އަދިވެސް ތެދުވާނަން“ ކަމަށެވެ.

ޔޯގާއާމެދު އިލްމުވެރިންގެ ރައުޔު:

2022 ގައި ހިނގި ކަންކަމާ ގުޅިގެން ރާއްޖޭގެ 100 އަށްވުރެ ގިނަ ދީނީ ޢިލްމުވެރިން ސޮއިކުރައްވައި ވަނީ ފަތުވާ ނެރެފައެވެ.

އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ޔޯގާގެ ހުކުމާ ގުޅޭ ގޮތުން ކުރި ދިރާސާއަކަަށްފަހު އޭރު ނެރުނު ފަތުވާގައި ވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީހުންނަށް އޮޅުވާލައިގެން ހިންދޫ ދީނުގެ އަޅުކަންތައް ކުރުން ކަމަށް ބުނެފައެވެ. އަދި ބާތިލު އަގީދާތަކެއްގެ މައްޗަށް ބިނާވެފައިވާ ޔޯގާ، އިސްލާމުންގެ ތެރޭގައި ފެތުރުމަށް އެބައިމީހުން މަސައްކަތް ކުރަނީ އޭގައިވާ އަގީދާއާ ގުޅޭ ބައިތައް ވަންހަނާ ކުރުމަށްފަހު، އެއީ ހަމައެކަނި ޖިސްމާނީ ހަށިގަނޑާއި ނަފުސަށް ހުރި ސިއްހީ ފަރުވާއެއް ކަމަށް ދައްކައިގެން ކަމަށް ވެސް ފަތުވާގައި ބުނެފައިވެއެވެ.

ޔޯގާއަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުވާ ކަމެއް ކަން ކަނޑައެޅިގެން ހާމަވާ އަދި އެކަމަށް އިލްމުވެރިން އެއްބަސްވެލައްވާ ހަތަރު ސަބަބެއް އެ ފަތުވާގައި ހިމަނާފައި ވެއެވެ.

ތައުހީދުގެ އަގީދާއާ ފުށޫއަރާ އިރަށް އަޅުކަން ކުރުމުގެ އަމަލުތައް ޔޯގާގެ އަސްލުގައި ހިމެނުން.

ބުދަށް އަޅުކަން ކުރާ މީހުންގެ އަގީދާއާ ގުޅޭ ކަންކަމާ އެއްގޮތްވުމާ އެގޮތްތައް ޔޯގާގައި ހިމެނުން.

އެއްވެސް އެއްޗެއް ނުލައި، ހުސްގަޔާ ހުރެ ބައެއް އަމަލުތައް ޔޯގާގައި ކުރުން.

ޔޯގާ ކުރާއިރު އެ ކުރެވެނީ ކީއްކަން މުސްލިމުންނަށް ނޭނގޭ ހަގީގަތްތަކެއް ހިމެނިފައިވުން.

މީގެއިތުރުން، ޔޯގާގައި ހިމެނޭ ސިކުނޑި ހުސްކުރުން ނުވަތަ މެޑިކޭޝަން އަކީ ވެސް ޝަރީކު ކުރުން ފަދަ ކަމެއްގެ ގޮތުގައި ފަތުވާގައި ފާހަގަކޮށްފައިވެއެވެ.

އޭރު އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ނެރުނު
ކަރުދާހުގައި ވެސް ބުނެފައިވަނީ ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވާ ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ކަމެއް ފެތުރި އާންމުވެ ދިޔަ ނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށާއި އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ވެސް ގޮވައިލާފައި ވެއެވެ.

Loading

One Response

  1. Seih fatuloon 2022gai dhekkivaahakaa mivaahaka dhimaveytho. Eyrubunanee thimnna hiyvarudhin kamehnoonee dhaduga higi hamanujehumakee. Miadhu mi bunanee ekan huttah nukunnanamey

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް