ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޕީޖީ

Loading

Facebook
Twitter
WhatsApp

ކުށްކުރާ ކުޑަކުދިންގެ މައްސަލައިގައި ހައްލަކީ އުމުރު ދަށްކުރުމެއް ނޫން ކަމަށާއި މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށާއި ގާނޫނު އޮތް ނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށް ވެސް އަދި ނުދެވޭ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުން ފުލުހުންގެ ތަހުގީގީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގު ކުރުމެވެ. އަދި އެއަށްފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާކުރެވޭ ގޮތް ހެދުމެވެ.

ނަމަވެސް ޖިނާއީ ތަހުގީގުކުރުމާއި، ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖުތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

“ޖަލުގެ އާބާދީގެ %70 އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ.“

މީގެއިތުރުން އޭނާ ވިދާޅުވީ މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ޚިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވޭ ކަމަށެވެ. އަދި އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް ނުފެންނަ ކަމަށާއި މިއީ ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް (އެއީ އެކުދިންގެ އުމުރުން އަދި 15 އަހަރު ނުވިޔަސް) ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ގާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

“ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނެތީއެއް ނޫނެވެ. ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި، އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުވާނޭ ގޮތެއް އޮތުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެންޖެހޭކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ކަންކަންކުރާނެ، ކުރެވޭނެ ގޮތް ހޯދޭނެއެވެ.“

ޕީޖީ ވިދާޅުވީ ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށާއި ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވާ ކަމަށެވެ. ވީމާ ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހއުލު ބަދަލުކުރެވޭތޯ ބެލުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޙުސައިން ޝަމީމް. ފޮޓޯ: ޕީއެސްއެމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް