އެމެރިކާއަށް ކުރިމަތި ވަމުންދާ ގަދަ ހޫނުގައި އެ ގައުމުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 340 މިލިއަން މީހުންގެ ތެރެއިން 75 މިލިއަނަށް ވުރެން ގިނަމީހުން އަމިއްލައަށް ގޭބަންދުވެ ތިބުމަށް މަޖުބޫރު ވެއްޖެއެވެ.
ފީނިކްސް އިން އެސޯޝިއޭޓެޑް ޕްރެސް ރިޕޯރޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން އެމެރިކާއަށް މެދުވެރިވެފައިވާ ގަދަ ހޫނު އިރުމައްޗަށް ދަތުރު ކުރަމުން ދާއިރު މިހާރުވެސް 75 މިލިއަނަށްވުރެން ގިނަ މީހުންވަނީ އެ ހޫނަށް ކެތް ނުކުރެވިގެން ގޭތެރޭގައި ބަންދުވެގެން ތިބުމަށް މަޖުބޫރުވެފައި ވެއެވެ.
ހަމައެއާއި އެކު ހަށިގަނޑަށް ބޭނުންވާ ފެން މަދުވުމުގެ ބިރުވެސް ވަނީ ކުރިމަތި ވެފައެވެ. މި ގަދަ ހޫނުގެ ރާޅުބާނި އިރުމައްޗަށް ދަތުރު ކުރަމުންދާއިރު މިޑް-އެޓްލާންޓިކް އާއި ނިއު އިންގްލޭންޑް ފަދަ ޝަހަރު ތަކުގެ ހޫނުމިން 90 ދަރަޖަ ފެރެންހައިޓަށް ވުރެން މައްޗަށް އަރައިގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ޖައްވުގައި އެކުލެވިފައިވާ ތެތް ފިނިކަން އާދަޔާޚިލާފަށް ހިކިފައިވުމުގެ ސަބަބުން ހޫނު އިޙްސާސް ކުރަން ޖެހިފައިވާލެއް މާބޮޑެވެ.
މިދިޔަ އަހަރު އެމެރިކާއަށް މެދުވެރިވި ގަދަހޫނުގެ ރާޅުބާނި ދެމިގެން ގޮސްފައިވަނީ ހަމައެކަނި 2 ދުވަހުގެ މުއްދަތަކަށެވެ. 1936 ގެ ފަހުން އެމެރިކާއަށް ހޫނު އެންމެގަދަވީ މިދިޔަ އަހަރުގެ އެ 2 ދުވަހުގައެވެ.
ފަހަކަށް އައިސް ޕީނިކްސްއަށް ހޫނު ގަދަވުން މެދުވެރިވުން ވަނީ އިތުރު ވެފައެވެ. މިދިޔަ އަހަރު މެދުވެރިވި ހޫނުގައި 645 މީހުން މަރުވިއެވެ. އެފަހަރު ފިނިހޫނުމިން 112 ދަރަޖަ ފެރެންހައިޓަށް އަރައިގެން ދިޔައެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ގޮތުގައި މި ހިނގާ ޖޫންމަހުގެ ފުރަތަމަ 2 ހަފުތާގައި ފީނިކްސްގެ ހޫނުމިން އުޅެނީ އާދަޔާ ޚިލާފަށް މަތީގައެވެ.
މޫސުމާބެހޭ އިދާރާއިން ނަސޭހަތްތެރިވަމުން ގެންދަނީ ހެނދުނު 10 ން ރޭގަނޑު 6 ށް ބޭރަށްނިކުމެ އުޅުން ވީހާވެސް މަދު ކުރުމަށެވެ. އަދި ގޭތެރޭގައިވެސް ގަޔަށް ދޫ ތުނި ހެދުން ލައިގެން ތިބުމަށެވެ.
އަވަށްޓެރި މެކްސިކޯގައި ހޫނުމިން އުޅެނީ 107 ދަރަޖަ ފެރެންހައިޓްގައެވެ. ދެކުނު ކޮލެރާޑޯގައި އެވްރެޖް ގޮތެއްގައި 100 ދަރަޖަ ފެރެންހައިޓް އެވެ.
ކެލިފޯރނިއާ ސަރަޙައްދުގައި ހޫނު ގަދަވުމުގެ ސަބަބުން ގޮތްނޭންގޭ އަލިފާން ރޯވުން ފަދަ ބިރުވެރި ހާދިސާތަކާ ކުރިމަތިލާން ޖެހުމަކީ އަދި ވަކިން ބޮޑު މައްސަލައެކެވެ. އެ ސަރަޙައްދުގެ ބައިލޮޖިކަލް ޑައިވަރސިޓީއިން އިން ފެޑެރަލް އިމަރޖެންސީ މެނޭޖްމެންޓަށް މިދިޔަ ހޯމަދުވަހު މިކަމުގެ އިންޒާރު ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް މިއަދާހަމަޔަށް އިމަރޖެންސީ މެނޭޖްމެންޓުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ފެޑެރަލް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީގެ ތަރުޖަމާނު ބުނެފައިވަނީ އެ އޭޖެންސީން ޙަރަކާތްތެރިވާނީ އިންސާނުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކާތެރިވުމުން ކަމަށެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައިގެން ކުރިން އިމަރޖެންސީ ފިޔަވަޅުތައް އެޅުން އިންތިޒާމް ކުރެވިފައެއް ނުވާކަމަށެވެ.
އެމެރިކާގެ ބައެއް ހިސާބުތަކުގައި މީސްތަކުން ގަދަހޫނަށް ކެތް ނުކުރެވިގެން އުޅޭއިރު ގަލްފު ކޯސްޓުގައި ވިއްސާރައާއި ބޯކޮށް ވާރޭވެހުމުގެ ނުރައްކަލާއޮތީ ކުރިމަތިލާން ޖެހިފައެވެ. އަދި މިއަހަރުގެ ތޫފާނީ މޫސުމަކީ މީގެ ކުރީގެ ތާރީޚެއްގައި ތަޖްރިބާ ކޮށްފައި ނުވާވަރުގެ ނުރައްކާތެރި މޫސުމަކަށް ވަނީ ވެފައެވެ.
https://www.13newsnow.com/video/weather/the-latest-on-the-us-heat-wave/291-2da327a3-dab3-46e4-bab5-c7bc38ec8499
One Response
ވަޅަށްވެއްޓުނު ގެރީގެ ވާހަކަ ހަނދާނަށް އަންނަނީ. އެހީވާން އަންނަނީ މީހުންގެ ފުރާނަ ސަލާމަތް ނުވާ ހިސާބަށް ދިޔައިމާ. އޭގެ ކުރިން ރޭވުންތެރިލަމެއްވެސް ނެތީ. އަހަރެމެންގެ ރާއްޖޭގައި އެކަމަށް އޮފީހެއްވާ އެބަހުރި