ސަފީރު ގީލާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

Loading

Facebook
Twitter
WhatsApp

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލިޕްއަށް އަރުވައިފިއެވެ.

ސަފީރު ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ
ބްރަސެލްސްގެ ޗެޓޫ ޑި ލެކެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރަސްގެފާނު ފިލިޕް ވަނީ ސަފީރު ގީލާއަށް މަރުހަބާ ދަންނަވައި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދަންނަވައިފައެވެ.

ސަފީރު ގީލާ ވަނީ އެކަމަނާއަށް ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ބެލްޖިއަމްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒާއި، ދިވެހި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވައިފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނަށް އަރުވައިފައެވެ.

ސަފީރު ގީލާ އަކީ ރާއްޖޭގެ ސިއްހަތާއި ޚާރިޖީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މިނިސްޓަރުކަމާއި، ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ ކަމާއި ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ސަރވިސަސް ޑިޕާޓްމަންޓްގެ ސެކްރެޓަރީ އަދި ހެޑްގެ މަގާމު ފުރުއްވައިފައެވެ.

Loading

One Response

  1. ރަސްގެ އާއެކު ނަގާފައިވާ ފޮޓޯގައި ދިވެހިދައުލަތުގެ ނިޝާނެއްވެސް ނެތެއް ނޫންން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް