އިސްރާއީލް- ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރަށް އެއްބަސްވުމުގައި ޙަމާސް އިން ބޭނުންވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާނެކަމުގެ ގެރެންޓީ އެމެރިކާއިން ދިނުންކަމަށެވެ.
އަދި އިސްރާއިލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބާނެކަން އެމެރިކާއިން ލިއުމަކުން ހަމާސްއަށް އަޙްދު ކަށަވަރުކޮށް ދިނުން ކަމަށް މިސްރުގެ ސަލާމަތާއި ބެހޭ އިސް 2 ބޭފުޅަކުގެ ފަރާތުން އެނގިފައިވާކަމަށް ރޮއިޓާރސް އިން ޚަބަރު ދީފިއެވެ. މީގެ ކުރިން ޔޫ.އެން އިން އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމަށް ފާސްކުރި ކޮންމެ ގަރާރަކާއި އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ.
މިފަހަރު ރައީސް ބައިޑްންގެ ސަރުކާރުން އިސްނަގައިގެން ޔޫ. އެން. އަށް ހުށައެޅި ގަރާރުގައި ބުނެފައިވަނީ ފިޔަވަޅުތަކަކަށް ބަހާލައިގެން ރަހީނުންނާއި އިސްރާއީލުގެ ޖަލުތަކުގެ ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމާއި ހަނގުރާމަ ހުއްޓުވުމާއި އިސްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމަށެވެ. އަދި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގައްޒާ އަލުން ބިނާކޮށް އަލުން އާރާސްތު ކުރުމެވެ.
އެމެރިކާއިން ބުނަނީ އިސްރާއީލުން އެ އެއްބަސްވުން ގަބޫލުކޮށްފިކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން އެކަމާއި ބެހޭގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
މަޢުލޫމާތު އެނގޭ މިސްރުގެ އެހެން އޮފިޝަލަކު ވިދާޅުވެފައިވަނީ ހަމާސްއިން ބޭނުންވަނީ އެމެރިކާގެ ގަރާރުގައި ފުރަމަތަ މަރުހަލާއިން ދެވަނަ މަރުހަލާގައި ބުނެފައިވާ ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި އަދި އިސްރާއީލުގެ ސިފައިން ފައިބާނެގޮތް އޮޅުންފިލަންނެތުމުން އެކަމުގެ ތަފުސީލާއި އަދި އެމެރިކާއިން އެ މަރުހަލާ ހިނގަނެގޮތް ކަށަވަރު ކޮށްދިނުމެވެ.
ހަމައެފަދައިން ދެވަނަ މަރުޙަލާއިން ތިންވަނަ މަރުހަލާއަށް ދާނެގޮތްވެސް ތަފުސީލުކޮށްދިނުމާއެކު އެކަން ކަށަވަރު ކޮށްދިނުމެވެ.
ރޮއިޓާރސްއިން ޙަމާސް އަދި މިސްރު ސަރުކާރަށް ހުށައެޅި ސުވާލަށް މިހާތަނަށް ޖަވާބު ލިބިފައެއް ނުވެއެވެ.
ރައީސް ބައިޑްން ވިދާޅުވެފައިވަނީ ފުރަތަމަ މަރުޙަލާ ފެށުމަށްފަހު ދެވަނަ މަރުޙަލާއަށް ދިއުމާބެހޭ މަޝްވަރާތައް 6 ހަފުތާއަށް ވުރެން ދިގުލައި ދާނަމަ އެ މުއްދަތުގައި އޮންނަންޖެހޭނީ ހަނގުރާމަ ހުއްޓާލާފައެވެ.
އިސްރާއީލުގެ އޮފިޝަލަކު ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ބުނެފައިވަނީ ޙަމާސްގެ ބޭނުމަކީ ރައީސް ބައިޑްންގެ ގަރާރުގައި ބުނެފައިވާ ގޮތަށް ރަހީނުން މިނިވަންކުރަން ހުރަސް އެޅުމަށެވެ.
އިސްރާއީލުގެ އެހެން އޮފިޝަލަކުވެސް ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ރޮއިޓާރސްއަށް ބުނެފައިވަނީ ޙަމާސްގެ ބޭނުމަކީ ގަރާރުގައި ހަނގުރާމަ ހުއްޓާލައި އިސްރާއީލުގެ ސިފައިން އެއްކޮށް ފައިބަން ކަނޑައަޅާފައިވާ މުއްދަތު އެ ޖަމާޢަތުން ބޭނުންވާގޮތަށް އިސްލާޙްކުރަން ކަމަށެވެ.
ޙަމާސްގެ އިސް ބޭފުޅަކުކަމުގައިވާ އުސާމާ ހަމްދާނު އެވާހަކަތައް ދޮގުކުރެއެވެ. އަދި އޭނާ ވިދާޅުވަނީ އެމެރިކާއިންވެސް މަސައްކަތް ކުރާތަން ފެންނަނީ އިސްރާއީލާ އެކުވެގެން ގަރާރުގެ އެއްމަރުޙަލާއިން އަނެއް މަރުޙަލާއަށް ބަދަލުވެގެންދާނެ ގޮތުގެ ތަފުސީލު ނުދީ ބަހަނާ ދައްކައިގެން ހަމަޖައްސާލާން ކަމަށެވެ. އަދި ޙަމާސްއިން މިހާރުވެސް އޮންނާނީވެސް ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.
މިއަދު މުސްލިމުންގެ އަޟްހާ ޢީދު ދުވަހު ޓެލިވިޒަން މެދުވެރިކޮށް ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވިދާޅުވެފައިވަނީ ޙަމާސް އިން ރައީސް ބައިޑްންގެ ގަރާރަށް އާދަޔާ ޚިލާފް އަދި ބަލާނުގަނެވޭފަދަ އެއްވެސް ހުށައެޅުމެއް ޝަރުތުކޮށްފައި ނުވާނެކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން މިހާތަނަށްވެސް ބުނަމުން އަންނަނީ ޙަމާސްއިން އެ ގަރާރަށް ގަބޫލު ނުކުރެވޭފަދަ ބައެއް ބަދަލުގެންނަން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބަދަލެއްކަން ހާމައެއް ނުކުރެއެވެ.
ސުވިޒަރލޭންޑުގެ ބޫރުގެންސްޓޮކުން ރޮއިޓާރސް އެންމެފަހުން ދީފައިވާ ޚަބަރުތަކަށް ބަލާއިރު ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ބުނެފައިވަނީ ރައީސް ބައިޑްންގެ ގަރާރަށް ޙަމާސްގެ ރުހުންލިބޭތޯ މިސްރާއި ގަތަރް މެދުވެރިކޮށްގެން އެމެރިކާއިން އިތުރަށް މަސައްކަތްކުރަން ގަސްދުކުރާ ކަމަށެވެ.
ސުލިވާން ރިޕޯރޓަރުންނަށް މިކަން ހާމަކޮށްފައި ވަނީ ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާ ބައްދަލުވުން ތަކުގެ ހަވާސާގައެވެ. ސުލިވާން ބުނެފައިވަނީ އެ މަޝްވަރާ ބައްދަލުވުން ތަކުގެ ތެރެއިން ގަތަރުގެ އަމީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ސާނީ އާއި ބައްދަލު ކުރައްވައި ޙަމާސްގެ މައްސަލާގައި ވާނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ޔޫ. އެން. ގެ ގަރާރު ޙަމާސްއިން ގަބޫލު ކުރެއެވެ. ޙަމާސްއިން ބޭނުންވަނީ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީން ކަންދޭ އެމެރިކާގެ ލިއުމެކެވެ. އެހެނީ އިސްރާއީލުން ފަލަސްތީނުގައި އަދި އެސަރަޙައްދުގައި ހިންގާ އެންމެހާ ޖަރީމާއެއް ހިންގެނީ އެމެރިކާއިން ފޯރުކޮށްދޭ ބަރު ހަތިޔާރާއި، ބޮމާއި، ފައިސާ އާއި އެމެރިކާގެ ސިފައިންގެވެސް ބައިވެރިވުމާއި އެކުގައި ކަމަށްވާތިއެވެ.
އަސްލު، ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަހެއް ނުވެއެވެ. މިސަބަބަށްޓަކައި ޙަމާސްގެ ކަންބޮޑުވުން ޙައްލުކުރުމާއި ދޭތެރޭ އެމެރިކާއިން ވަރަށް ފުންކޮށް ވިސްނަމުން ގެންދާ ކަމަށް ސުލިވާން ބުނެއެވެ. އަދި ޙަމާސްގެ ބައެއް ކަންބޮޑުވުން ތަކަކީ ޙައްލު ހޯދިދާނެ ކަންތައްތަކެއް ކަމަށްވެސް ގަބޫލުކުރެވޭ ކަމަށެވެ.
One Response
މި ބައިޑަންބެގެ ޙާލާއިމެދު އެމެރިކާވެސް ކަންބޮޑުވޭ. އެމެރިކާގެ ވެރިކަމަށްވެސް ބުދެއްވެސް އޯކޭ ޒައަނިސްޓް ލޮބީގުރޫޕް ރުހުން ލިބުނީމާ. ދެންވާނެ ހައެތި މިވަނީއެވެ.