އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ދެ މުސްކުޅިންގެ ޒުވާބު

Loading

Facebook
Twitter
WhatsApp

މި އަހަރު އެމެރިކާގެ ރިޔާސީ ތަޚުތުގައި އިށީންދެ ވަޑައިގަންނަވާނީ އެމެރިކާ ތާރީޚުގައި އެ މަގާމު ޙާސިލުކުރައްވާ އެންމެ މުސްކުޅި ބޭފުޅާއެވެ. ވާދަކުރައްވާ ދެބޭފުޅުންގެ ކޯޅުމުގެ ބޮޑުބަޔަކީވެސް އެއީއެވެ.

ރައީސް ޖޯ ބައިޑްން ވިދާޅުވަނީ އެބޭފުޅާއަކީ މުސްކުޅިއެއް ނޫންކަމަށެވެ. އުމުރުން 81 އަހަރުވުމަކީ އެމެރިކާގެ ރައީސްކަން ނުކުރެވޭ ވަރަށް މުސްކުޅިވުން ކަމަށް ބައިޑްން ގަބޫލެއް ނުކުރައްވައެވެ.                                

ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޖޯ ބައިޑްން އަކީ މުސްކުޅިއަކަށް ވުމުގެ އިތުރުން ތަންދޮރުވެސް އޮޅުންނުފިލާ ބޭފުޅެއް ކަމަށެވެ. މި ދެބޭފުޅުންގެ މި ޒުވާބު އެގޮތުގައި ދެމިގެންގޮސް ރައީސް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އުމުރުން 81 އަހަރުގައި ރައީސްކަމުގެ ދެވަނަ ދައުރެއް އިތުރު 4 އަހަރު ދުވަހަށް ދަންމަވާލަން ފުރުސަތު ލިބުނީއެވެ.                                                           

ކުރީގެ ރައީސް ޓްރަމްޕް ކާމިޔާބު ކުރައްވައިފިނަމަ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ރިޔާސަތަށް 78 އަހަރުގެ އުމުރުގައި އިންތިޚާބު ކުރެވޭނެ އެންމެ މުސްކުޅި ރައީސް ކަމަށެވެ.                               

ކޮންމެ ބޭފުޅަކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމުގައިވިޔަސް އަޅާގަނެގެން މިއުޅޭ މުސްކުޅި އުމުރުގެ ޒުވާބުން ރެކިގަނެވޭނެ ގޮތެއް ނެތެވެ. އޮތީ ހަމަ ގުދޯ ގުދޯ ގޮވުމެވެ.                             

ޓްރަމްޕް އަށް ތާއީދުކުރާ ރައިޓް-ވިންގް މީޑިއާތަކުން އެބޭފުޅާ ސިފަކޮށް ދެމުން ގެންދަނީ އަދިވެސް ނޫކަށި ޒުވާން ފިލްމްސްޓާރެއްގެ ގޮތުގައެވެ. ތެދުތެދަށް ވާހަކަ ދައްކާނަމަ ޖޯބައިޑްން އާއި އަޅާ ކިޔާއިރު މިހާރުވެސް ޓްރަމްޕް ފެންނަނީ މާރޝަލް އާރޓް ގެ ހުނަރުވެރި ފިލްމްސްޓާރެއްގެ ގޮތުގައެވެ.

މޭކަޕް ކޮށްގެން ފާޑުފާޑުގެ ހެއާރ ސްޕްރޭ ބޭނުންކޮށްގެންވެސް ޓްރަމްޕް އަށް ތާއީދު ކުރާމީހުން އެބޭފުޅާގެ ހަށިގަނޑުގެ ބައްޓަން ފެންނަފެނުމަށް އެގޮތުގައި އެބަ ހިފާއްޓައެވެ. ހަމަ އެއާއިއެކު ޖޯ ބައިޑްން ފެންނަނީ އަމިއްލަ ޙާލަށް ތެދުވެ ނޫޅެވޭ މުސްކުޅި ބޭފުޅެއްގެ ގޮތުގައެވެ.                                                                

ޓްރަމްޕްގެ ސަޕޯރޓަރުންގެ ތެރޭގައި ހިމެނޭ ކްލަބް 47 އިން އެބޭފުޅާގެ ގޯލްފް ރިސޯރޓުގައި ހުންނަ މާރ-އަ-ލާގޯ ރެޒިޑެންސްގައި ބޭއްވި  އެބޭފުޅާގެ 78 ވަނަ އުފަންދުވަހުގެ ޕާރޓީއަކީވެސް ވަރަށް ފާހަގކުރެވޭ ޙަފުލާއަކަށް ވެގެންދިޔައެވެ. އެއްވެފައި އޮތް ގިނަ މީހުންތަކުގެ ސަބަބުން ޓްރަމްޕް ހުންނެވީ ހެވިފައެވެ.

އަމިއްލައަށް އެމެރިކާގެ ދިދައެއްގައި އޮޅުލައި ގަތުމާއިއެކު “ އަހަރެންނަކީ އެމެރިކާގެ ބެސްޓް ޕްރެޒިޑެންޓް އޭ “ އެއްވެފާއޮތް މީސްތަކުންނަށް ގޮވާލިއެވެ. ރިޕަބްލިކަން ޕާރޓީއަށް ނިސްބަތްކުރެވޭ ގިނަ މެމްބަރުންތަކެއްވެސް އެ ޙަފްލާގައި ބައިވެރިވިއެވެ.  

ކުރީގެ ރައީސް ޓްރަމްޕް އަކީ އޭނާ އަމިއްލައަށް ހުޝާމަދު ކުރައްވަން ލޯބިކުރައްވާ ބޭފުޅެކެވެ.                

ރައީސް ބައިޑްންގެ ކެމްޕެއިން ތަރުޖަމާނު ޖޭމްސް ސިންގަރ ދީފައިވާ ބަހުގެ ޙަަމަލާއެއްގައި ޓްރަމްޕާ ދިމާލަށް ބުނެފައިވެއެވެ. “ މީގެ ކުރިން އަހަރެމެން ކަލެއަށް ރައީސް ކަމުގެ ހަދިޔާއެއް ދިނީމެވެ. އެކަމަކު ދެން 79 އަހަރުގައި ރައީސްކަމުގެ ހުވަފެނެއްވެސް ކަލެއަކަށް ނުފެންނާނެއެވެ“.                           

ޖޭމްސް ސިންގަރ އަށް ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނު ރައްދު ދީފައި ވެއެވެ. “ ޖީ-7 ގެ ވެރިންގެ ބައްދަލުވުމުގައިވެސް ދުނިޔޭގެ ސުޕަރޕަވަރ އެމެރިކާ ރަމްޒުކޮށްދޭން ގޮސް އެހުރީ ތަންދޮރު ނުދަންނަ ބަލިކަށި އަދި ސިކުނޑި މަރުވެފާހުރި ޒޮމްބީއެކެވެ“.                                            

އެމެރިކާގެ ގިނަ ރައްޔިތުން ދެކޭގޮތުގައިވެސް މިހާރުގެ ރައީސް ޖޯ ބައިޑްން އަލުން ރައީސްކަމަށް އައުމަށް މާބޮޑަށްވެސް މުސްކުޅި ވެއްޖެއެވެ. އަދި އެކަން އެބޭފުޅާގެ ހަށިގަނޑުންނާއި ހެލިފެލިވެ އުޅުއްވުމުންވެސް ފާހަގަ ކުރެވެއެވެ.                                                                

ޓްރަމްޕްގެ ބަސްމަގު ވަރަށް ތަފާތެވެ. އުމުރަކީ ވަރަށް ތަފާތު ބަހުރުވައަކުން ތަރުޖަމާ ކުރެވިދާނެ އެއްޗެކެވެ. އެއީ ހަމަ އެކަނި އަދަދެކޭ ބުނެވިދާނެއެވެ. ބައެއް މީހުން އުމުރުން ދުވަސްވުމުގެ ކުރިން ލޯބޯ ކޮށިވެދެއެވެ.

ބައެއްމީހުން އުމުރުން ދުވަސްވުމާއި އެކުވެސް ހަށިގަނޑުގެ ބައްޓަމާއި ވިސްނުމަށް ފާހަގަކުރެވޭ ވަރުގެ ބަދަލެއް ނާދެއެވެ. ޓްރަމްޕް ދެކޭގޮތުގައި އެ ބޭފުޅާއަކީ މިހާރުވެސް ހަށިގަނޑުގެ ބުރުސޫރައާއި ބައްޓަން ރަނގަޅު އަދި ވިސްނުންތޫނު ބޭފުޅެކެވެ.                                                                

އެމެރިކާގެ ރައްޔިތުންނަށް އޮތީ ދެ އިޚްތިޔާރެކެވެ. އެ ދެ މުސްކުޅިންގެ ތެރެއިން އިޚްތިޔާރުކުރާނީ ކާކުތޯ ކަނޑައެޅުމެވެ.                                                             

Loading

One Response

  1. ވަރަށް ސަޅި ފޮޓޯއެއް. ފޮޓޯއިންވެސް ޒުވާބުގެ ކުރި ހޯދާނީ ކާކުކަން އެނގޭ. އެކަމަކު ރިޔާސީ އިންތިޚާބު ނަތީޖާ އެގޮތަށް ނެވެދާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް