ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ގެންނަނީ

Loading

Facebook
Twitter
WhatsApp

ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބު ޓިމް ކަރޓިސް މިހެން ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ ޓިމް ކަރޓިސްވަނީ އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ޓިމް ކަރޓިސް ވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ޔުނެސްކޯއިން 2003 ވަނަ އަހަރު އެކުލަވައިލި މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުންނާއި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް