އެމެރިކާ ދާޚިލީ ދެކޮޅުވެރިކަމަކަށް ދިއުމުގެ ކޮޅުމަތި ފެނޭ

Loading

Facebook
Twitter
WhatsApp

މިލިއުމަކީ ދަ ޓެލިގްރާޕްގެ ލިއުންތެރިޔާ ޓިމް ސްޓޭންލީ ފާޅުކުރި ޢޭނާގެ އަމިއްލަ ވިސްނުމެއްގެ މައްޗަށް އެސޯޝިއޭޓްޑް ޕްރެސްގެ މާރކް ޕީޓަރސަންތައްޔާރުކޮށްފައިވާ ރިޕޯރޓެކެވެ.  ކިއުންތެރިން މިކަމަށް ސަމާލުކަން ދިނުން އެދެމެވެ.             

ކުރީގެ ރައީސް ޓްރަމްޕަށް ޝަރުޢީ ކޯޓުން އިއްވި ނިޔާގެ ޚަބަރު އަހަރެން ދުއްވަމުން ގެންދިޔަ ކާރުގެ ރޭޑިއޯއިން އިވުމާއެކު ބޭއިޚްތިޔާރުގައި މަގުގެ އެއްފަރާތަށް ކާރު ހުއްޓާ ލެވުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. 

އަނެއްފަހަރު ފޯރޓް ސުމްޓަރ ފެށުނީ ހެއްޔެވެ ؟ އެމެރިކާ ދާޚިލީ ދެކޮޅުވެރިކަމަކަށް ކުރިމަތި ވަނީ ހެއްޔެވެ ؟ ފޯރޓް ސުމްޓަރޭ ބުނެވެނީ 1861 އޭޕްރިލް 12 ން 1865 މޭ 26 ށް އެމެރިކާގައި ހިނގާދިޔަ ދާޚިލީ ދެކޮޅުވެރިކަމަށް ނުވަތަ ދާޚިލީ ހަނގުރާމައަށެވެ. 

ފޯރޓް ސުމްޓަރ އަކީ އިނގިރޭސީން ޥޯޝިންގްޓަން ސަރަހައްދު ހިފުމުން އިނގިރޭސީންގެ ވަކިތަކުން ދެކުނު ކެރޮލީނާ ސަރަހައްދު ރައްކާތެރިކުރުމުގެ ބޭނުމުގައި އެ ސަރަހައްދުން ބިން ހިއްކައިގެން އުފެއްދި ރަށެއްގައި ބިނާކުރި ވަރުގަދަ ކިއްލާއަށް ދެވުނު ނަމެވެ. އެ ހަނގުރާމައިގާ 620000 މީހުންވަނީ މަރާލާފައެވެ.   

މާރކް ޕީޓަރސަން ދެކޭގޮތުގައި އެމެރިކާއަށް މެދުވެރިވާ މިއުޅޭ ހާލަތުގައި އޮތީ ހަމައެކަނި ދެ ރާސްތާއެކެވެ.

ފުރަތަމަ ރާސްތާއަކީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޖަލަށް ލުމެވެ.

ދެވަނަ ރާސްތާއަކީ އެމެރިކާގެ ރައްޔިތުން ރުހުނަސް ނުރުހުނަސް އޭނާއަށް ރައީސްކަން ދިނުމެވެ.

އަހަރެންނަށް މިވަރުގެ ކުއްލި ހައިރާން ކަމެއް މި ލިބުނީ ކީއްވެގެން ހެއްޔެވެ؟ ހިތާހިތުން ސުވާލު ކޮށްލެވުނެވެ. މިއީ ކުއްލިއަކަށް ފެށިގެން އުޅޭ މައްސަލައެއް ނޫނެވެ. ޑޮނާލްޑް ޓްރަމްޕް ވަނީ ގާތްގަނޑަކަށް ރިޔާސީ އިންތިޚާބު ހުއްޓުވާފައެވެ. އެކަމަކު އެމެރިކާގެ ރައްޔިތުން ދެކޭގޮތުގައި އިންސާފުވެރި އިންތިޚާބަކަށްޓަކައި ޑޮނާލްޑް ޓްރަމްޕް ކުރިކަންތަކަށް އަދަބު ލިބެން ޖެހޭނެއެވެ.           

އެހެންހުރިހާ ކަމެއް އެއްފަރާތް ކޮށްފައިވެސް ދެ ކަމަކަށް އޭނާ މަސްއޫލު ކުރުވަން ޖެހޭނެއެވެ.

ޓްރަމްޕް ވެރިކަންކުރީ ދަހިވެތިކަމާއި އެކުގައެވެ. 2020 ގައި އިންތިޚާބު ނާކާމިޔާބު ވުމުން ގޮތް ދޫނުކޮށް 2021 ވަނަ އަހަރު ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ދެކޮޅުވެރި ޙަރަކާތްތަކަށް އޭނާ ފުރިހަމައަށް މަސްއޫލު ކުރެވެން ޖެހޭނެއެވެ.

ހަމައެއާއެކު 2024 ވަނައަހަރުގެ އިންތިޚާބުގައި އޭނާއަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް ބުނެވިދާނެއެވެ. ޖޯ ބައިޑްން ކަހަލަ ޒޮމްބީ އަކު ރިޔާސީއިންތިޚާބަށް ނުގެނައުމުގެ ހުރިހާ ފުރުސަތެއްވެސް ޑިމޮކްރެޓުންނަށް އޮތީ ހުޅުވިފައެވެ. ( ކުރީ ޒަނާނުގައި އެފްރިކާއާއި ކެރީބިއަންގެ ބައެއް ގައުމުތަކުގައި ސިހުރުވެރިންގެ ބާރުގައި ދުނިޔެއަށް އަނބުރާ ގެންނަ ކަމަށް ބުނާ މައްޔިތުންނަށް އެމީހުން ކިޔާ އުޅުނީ ޒޮމްބީންނެވެ.) އެކަހަލަ މީހަކު ރައީސްކަމަށް ގެނައުމުން އެމެރިކާގެ ނަން ޚަރާބުވުން ނޫންކަމެއް ނުވާނެކަން ޑިމޮކްރެޓުންނަށްވެސް އެނގޭނެއެވެ.

ޑޮނާލްޑް ޓްރަމްޕްގެ ސަޕޯރޓަރުން މައިތިރި ކުރުމުކީވެސް ފަސޭކަމަކަށް ނުވާނެއެވެ. މިހާރު ޑިމޮކްރެޓުން ކަންތައް މިކުރި ގޮތަކީ ވޯޓުފޮށިން ޓްރަމްޕް ބަލި ނުކުރެވޭނެކަން އެނގުނީމާ މައްސަލަތަކެއް ކޯޓަށް ވެއްދީއެވެ. 

ބޭނުންހާ ގޮތަކަށް ދައުވާތައް ބައްޓަން ކުރީއެވެ. ކަސްބީ އަންހެނުންގެ މައްސަލަތަކާއި ސަރުކާރު ހިންގަން ނޭންގުމާއި ސަރުކާރުގެ ރަސްމީ ލިއެކިއުންތައް ގޭގައި ފޮރުވުމާއި ދަހިވެތިކަމާއި ސަރުކާރުގެ އިދާރާ ތަކާއި ދެކޮޅަށް ސަޕޯރޓަރުން ނެރުންފަދަ އެތައް ކަމެކެވެ. ޚުލާސާ ގޮތަކަށް ބުނާނަމަ ރައީސް ޓްރަމްޕް އަކީ އަލް ކަޕޯން ކަހަލަ ގޭންގްސްޓަރެއް ކަމަށް ސިފަ ކުރުވީއެވެ.                           

އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ރައީސް ޓްރަމްޕްގެ ވިޔަފާރީގެ ލިއެކިއުންތަކާއި ޒާތީ ދިރިއުޅުމުގެ މައްސަލަތައް ކޮނެގެން ނަގައި ޝަރީއަތުގެ މަޖިލީހަށް ގެނައުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުކުރުން ވަރަށް އުދަނގުލެވެ. އަދި އެއީ ވަރަށް ހެއްވާކަމެކެވެ.

ގާނޫނީ ތަޖްރިބާކާރުން ދެކޭގޮތުގައި ޖުލައި 11 އަށް ތާވަލު ކުރެވިފައިވާ ނިޔާކަނޑަ އެޅުމުގައި ކުރީގެ ރައީސް ޓްރަމްޕް އަށް ޖަލު ޙުކުމެއް އައުން ވަރަށް ދުރެވެ. ރައީސް ޓްރަމްޕް އަށް ޖަލު ޙުކުމެއް އަތުވެއްޖެނަމަ އޭގެ މަގްސަދަކީ އެއްވެސް މީހަކަށް ގާނޫނަށްވުރެން މަތީގައި ނުހުރެވޭނެއެކޭ ނޫނެވެ. ހާމަކޮށްދޭން ބޭނުންވަނީ ރައީސް ޓްރަމްޕް އަށް ރިޔާސަތުގެ ދެވަނަ ދައުރެއް ފުރިހަމަ ކުރާނެ ފުރުސަތު ނުދޭނެކަމެވެ.         

ހަމަގައިމުވެސް ޓްރަމްޕްގެ ކެމްޕޭންކުރުން ނުހުއްޓާނެއެވެ. ފަހަރެއްގައި ރައީސްކަމަށް ނާދެވިދާނެއެވެ. ރައީސް ކަމަށް އާދެވުނަސް އެހިސާބުން އަދި ނުނިމޭނެއެވެ. 

ކުށްވެރިވާ ކަމަށް ޙުކުމް ކޮށްފިނަމަ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނަކަށް އަމިއްލައަށް މަޢާފެއް ނުދެވޭނެއެވެ. ސަބަބަކީ މައްސަލައަކީ ފެޑެރަލް މައްސަލައަކަށް ނުވެފާ ނިއު ޔޯރކް ސްޓޭޓަށް ނިސްބަތް ކުރެވޭ މައްސަލައަކަށް ވުމެވެ. އަދި އެ ނޫނަސް އިތުރު 3 ޖިނާއީ ދައުވާއެއް އޮތީ ފެށިފައެވެ. 

ޓްރަމްޕްގެ އުންމީދަކީ އެތަނުން އެއްމައްސަލަ ފަނޑިޔާރުން ބަލަން ބޭނުން ނުވާނެ ކަމަށެވެ. އަނެއް ދެ މައްސަލައަކީ ފެޑެރަލް މައްސަލަތަކެއް ވީމާ ކޯޓުން ޙުކުމް ކުރުމަށްފަހު ރައީސްގެ ހައިސިއްޔަތުން އަމިއްލައަށް މަޢާފް ދެވިދާނެއެވެ. އެހިސާބުން ޕޯރން ސްޓާރ ސްޓޯރމީ ޑެނިއަލްގެ މައްސަލަ ހައްލުކުރުމަކީ އުދަނގުލަކަށް ނުވާނެއެވެ.

ކޮންމެ ގޮތަކަށް ބެލިނަމަވެސް ނިއުޔޯރކް ސިޓީގެ “ މާބޮޑު ކަމަކަށް ނުވާ “ މައްސަލާގައި ޓްރަމްޕް އެހުރީ ތާށިކޮށްފައެވެ. އެހެންވީމާ އޭނާއާ ދިމާލަށް އަންނަ ވަރުގަދަ ސިޔާސީ ކޮޅިގަނޑުގައި ނުޖެހި އޭނާއަކަށް ސަލާމަތެއް ނުވެވޭނެއެވެ.                                          

1960 ގައި ހިނގާދިޔަ ދެކޮޅުވެރި ހަމަނުޖެހުން ރައްޔިތުންގެ ހިތްތަކުން އަދި ފިލައިގެނެއް ނުދެއެވެ. އޭގެކުރިން 1919 ގައި ނަސްލީ ތަފާތުކުރުމުގެ ދެކޮޅުވެރިކަމާއި ހަތަރު ރައީސުން މަރާލުން ތާރީޚުގައި އޮތީ ބިންވަޅުނަގާ ލިޔެފައެވެ. ދޮންމީހުންނަކީ މާ މަތީބައެއް ކަމަށް ބުނެ ހިންގި ދެކޮޅުވެރި ކަމުގައި ޢިމާރާތްތައް ގޮއްވާލައި މަދަރްސާއަށްދާ ކުދިން ގަޔަށް ބަޑިޖާހާ މަރާލުން އާންމު ރައްޔިތުން ހަނދާނެއް ނުނެތެއެވެ.

2024 ގައި ހިނގާފާނެ ދާޚިލީ ދެކޮޅުވެރިކަމެއް 1861 ން 1865 ށް އަޅާ ކިޔާލައިފިނަމަ ހިތަށް ވަންނާނީ މުޅިން އާ ވައްތަރެއްގެ އަނިޔާވެރި ދެކޮޅުވެރިކަމެކެވެ. އެ ޒަމާނުގައި މައިގަނޑު މައްސަލައަކަށް ވެފައިއޮތީ އަޅުންގެ ކަންތަކެވެ. އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުމެވެ. 

މިހާރު ޙައްލުކުރަންޖެހޭ މައްސަލަތަކުގެ ލިސްޓު ވަރަށް ދިގެވެ. އެކުގައި ކުރިއަށް ދިއުމާއި އެއްބައިވަންތަ ކަން އޮޅުންފިލުވާދިނުމެވެ. ރަށްފުށުގެ ގޮތްތަކާއި ޝަހަރުގެ ރަށްބޭރުގެ ތަފާތު ކަނޑައެޅުމެވެ. 

ލޭބަރުންނާއި ތައުލީމީ ވަޒީފާތައް އެކަށައެޅުމެވެ. ނަސާރާ ދީނުގެ އަހުލު ވެރިންނާއި އެއްވެސް ދީނެއް ގަބޫލު ނުކުރާމީހުންގެ ހައްގުތައް ކަނޑައެޅުމެވެ. ދަރިވައްޓާލުމާ ދޭތެރޭ ގޮތެއް ނިންމުމާއި ގަވައިދާ ޚިލާފަށް އެމެރިކާއަށް ވަންނަ މީހުންގެ މައްސަލައެވެ. އިންސާނީ ހަމަހަމަކަން ދެނެގަތުމުގައި އެނޫން އެހެންގޮތެއް ނެތްކަން ކަށަވަރުކުރުމެވެ.

މިއީ ދާޚިލީ ދެކޮޅުވެރިކަމުގައި ހައްލުކުރަން ޖެހޭނެ ކަންތައް ތަކުގެ މަދު މިންވަރެކެވެ.

މިޙާލަތު އުފެއްދުމުގައި ޓްރަމްޕްގެ ދައުރެއް ނެތްކަމަކަށްވެސް ނުބުނެވޭނެއެވެ. ހަމައެފަދައިން ޑިމޮކްރެޓުންވެސް އޭނާއަކީ ގޮށްމުށުގެ ބާރުން ކަންތައް ކުރަން ބޭނުންވާ ކްރިމިނަލެއްކަން ކަނޑައަޅަން މަސައްކަތް ކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. 

އެމެރިކާގެ ރައްޔިތުންގެ ކުރިމަތީގައި ގައުމުގެ ރައީސަށް ކުރެވޭނެ އެންމެ ނުބައި ކަމަކީ ހަނގުރާމައަށް ދިއުމެވެ. ޓްރަމްޕްގެ ރިޔާސަތުގައި އެއްވެސް ހަނގުރާމައެއްގައި އެމެރިކާއިން ސީދާ ބައިވެރިވެފައެއް ނެތެވެ. 

އެކަމަކު ރައީސް ޖޯރޖް ޑަބްލިޔޫ ބުޝްގެ ރިޔާސަތުގައި ދެ ފަހަރު ހަނގުރާމަކޮށް އެތައް މިލިއަން އިންސާނުން މަރާލިއެވެ. ރިޕަބްލިކަނުން ނަށް އެއީ މައްސަލައަކަށް ނުވިއެވެ.

ރައީސް ބައިޑްން ގެންދަނީ އިގްތިސާދީގޮތުން ރައީސް ޓްރަމްޕްގެ ފިޔަވަޅުމަތިން ހިނގަމުންނެވެ. ރައީސް ބައިޑްން އަމިއްލައަށް އިގްތިސާދު ރާވައި ހިންގަން ނޭންގޭ ކަމަށްބުނެ ޓްރަމްޕްގެ ސަޕޯރޓަރުން ގެންދަނީ މަލާމާތް ކުރަމުންނެވެ.     

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެމެރިކާގެ ރައްޔިތުންވެސް އެ ގައުމުގެ ވެރިން ނުބައިކުރުމަކީ އާދައިގެ ކަމެކެވެ. އެމެރިކާގެ ގިނަބައެއްގެ ލޯބި ހޯއްދަވާފައިވާ ރައީސް އަބްރަހަމް ލިންކަންއަށް ނުބައިބަސް ރައްދުކޮށް އެމަނިކުފާނަކީ ގައުމަށް ހުރި ބިރެއް ކަމުގައި ސިފަކުރި މީހުންވެސް މަދެއް ނޫނެވެ.          

މިޚަބަރުތައް ކިޔަމުންދާއިރު ކުއްލިއަކަށް އެމް އެސް އެން ބީ ސީގެ ހޯސްޓް މަހްދީ ހަސަން ދީފައިވާ އިންޒާރެއް އާންމު ވެއްޖެއެވެ. މަހްދީ ހަސަންގެ އިންޒާރުގައި ބުނެފައިވަނީ ކުރީގެ ރައީސް ޓްރަމްޕް މިފަހަރުގެ ރިޔާސަތު އެއްވެސް ގޮތަކުން ކާމިޔާބު ކުރައްވައިފިނަމަ 2028 ގައި އޮންނަ އިންތިޚާބު ނިމުމުން ވައިޓް ހައުސް އިން ނިކުމެ ވަޑައިގަންނަވާކަށް ގަސްދެއް ނުކުރައްވައެވެ.                             

މަހްދީ ހަސަން ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް އެންމެ އަޑުއަހާ ހިތް ނުވާ ބަހަކީ “ ލޫޒަރ “ އެވެ. އޭނާއަކީ ނާކާމިޔާބު މީހަކަށްވުން އޭނާގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. ކަންތައްތައް ހިނގަންޖެހޭނީ އޭނާ ބޭނުންވާ ގޮތަކަށެވެ. އޭނާ ބޭނުން ނުވާގޮތަކަށް ހިގާ ކޮންމެ ކަމަކީ އޭނާގެ ނަޒަރުގައި އެގޮތަށް ބަޔަކު ރާވައިގެން އޭނާއާ ދެކޮޅަށް ހިންގި ކަމެކެވެ. އޭނާގެ ނާކާމިޔާބީއެއް ނޫނެވެ.                      

އެކަމަކު ބަޔަކު ރާވައިގެން އޭނާއާއި ދެކޮޅަށް ހިންގި ކަމެކޭ ބުނާ ކޮންމެ ފަހަރަކު އެނގި ހާމަވެގެންދަނީ އޭނާއަކީ ލޫޒަރެއް ކަމެވެ. 2016 ގައި އައޯވާ ކައުކަސްގައި ޓެޑް ކުރޫޒުއަތުން ބަލިވުމުން ޓްރަމްޕް ބުނީ އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ކަމެކެވެ. 2016 ގައި ހިލަރީ ކްލިންޓަން އަތުން ބަލިވުމުން ޓްރަމްޕް ބުނީ އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ކަމެކެވެ.

2020 ގައި އިލެކްޓޮރަލް ކޮލެޖް ވޯޓުގައި ބައިޑްން އަތުން ބަލިވުމުން ޓްރަމްޕް ބުނީ އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ކަމެކެވެ. ނިއު ޔޯރކުގައި ޓްރަމްޕް އާއި ދެކޮޅަށް ކުރެވިގެންދިޔަ 34 ދައުވާ ސާބިތުވެ ޙުކުމް ކުރުމުން އޭނާ ބުނެފައިވަނީ އެއީ އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ކަމެކެވެ.                    

އެމް އެސް އެން ބީ ސީ ގެ އައިމަން މުހުޔިއްދީން ބުނެފައިވާ ގޮތުގައި ޓްރަމްޕް ގެ މިޒާޖުގައި ނާކާމިޔާބީ ގަބޫލު ކުރެއްވުމަކީ ނެތް ސިފައެކެވެ. އެކަމަކު ޙަގީގަތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު ލޫޒަރަކީ ކުރީގެ ރައީސް ޓްރަމްޕް އެވެ. މަހްދީ ހަސަން ނިންމާލަމުން ބުނެފައި ވެއެވެ.                             

Loading

One Response

  1. ޑޮނާލްޑް ޓްރަމްޕް އަކީ ވަރަށް ތަފާތު ބޭފުޅެއް ކަމުގައި މީޑިޢާތަކުން އެ ސިފަކުރަނީ. އަހަރެމެންގެ ތެރޭގައި ގޮތް ދޫނުކުރަަން ބުނެ އުޅެނީ “ ދެން ޖަހާބަލަ “ މިކަހަލަ ބަހެއް.
    ވެރިކަން ލިބުނީމާ ސިކުނޑިއަށް މިއަންނަ ބަދަލެއް ދޯ…!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް