19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ.
ރުހުން ނުދޭން ފާސްކުރީ:
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް.
ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރަށް
ބަންޑާރަނައިބު އަޙްމަދު އުޝާމަށް.
ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފަހުން ވަނީ އަލުން އެބޭފުޅުން ވަޒީރުކަަމަށް އައްޔަންކުރައްވައިފައެވެ.
އެގޮތުން އެ މައްސަލަ މަޖިލީހަށް ފޮނުވުމުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އެ މައްސަލަ ލިބިފައިވާކަން ފާހަގަކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނުކުރައްވައިފައެވެ.