ތައިލެންޑުގައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ޢާންމުން ކުރާ މުޒާހަރާ ވަރުގަދަ ކޮށް، އެޤައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޮން އާއި ދެކޮޅަށް އަޑުއުފުލައި އޭނާގެ މޮޓޯކޭޑަށް ހުރަސްއެޅުމުން ތައިލެންޑް ސަރުކާރުން އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނުކޮށްފިއެވެ.
ރިޕޯޓްތަށް ބުނާ ގޮތުން ތައިލެންޑް ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނު ކުރީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުން މަނާވާގޮތަށެވެ. މީގެ އިތުރުން ޤައުމި ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ވާހަކަތައް ފެތުރުމާއި ސޯޝަލް މީޑީއާ މެދުވެރިކޮށް އެބާވަތުގެ މެސެޖްތަށް ފޮނުވުމާއި މެސެޖްތަށްވެސް ކުރުން ވަނީ މަނާކޮށްފައެވެ. ތައިލެންޑްގެ ޤާނޫނުގައި ވާގޮތުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރާ މީހުން ކޯޓު ވަކި އަމުރަކާއިނުލައި 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.
ތައިލެންޑުގެ މިހާރުގެ ރަސްގެފާނަކީ އެޤައުމުގެ ޢާންމުން ތާއިދުކުރާ ބޭފުޅެއްނޫނެވެ. އެކަން އެހެން ވެފައި އޮތީ މަހާ ވަޖިރަލޮންކޮން ވަލީ އަހުދު ކަމުގައި ހުންނެވިއްސުރެވެސް ޢާންމު ފަރުދުންނާއި ގުޅުން ކުޑަވުމާއި، ސުލޫކާއި އުޅުން ގޯސް ކަމަށް ޢާންމުނަށް ފާހަގަ ވެފައިވުމެވެ. ރަސްކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހުވެސް ރައްޔިތުންނާއި އަޅައިލެއްވުން ކުޑަވުމާއި ކުޅިވަރާއި މަޖަލާއި އަންހެނުން ގޮވައިގެން އުފާކުރުން ފާޅުކަން ބޮޑުގޮތެއްގައި ކުރާތީ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.
ތައިލެންޑުގެ ރަސްކަމުގެ ނިޒާމު އިސްލާހް ކުރއުމަށާއި ޝާހީ އާއިލާގެ ތާއީދު ލިބިފައިވާ އެޤައުމުގެ އަސްކަރީ ބޮޑުވަޒީރު މޭޖާ ޖެނެރަލް ބްރަޔުތު ޗާންއޮޗާ މަޤާމުން އިސްތިޢުފާ ދިނުމަށް ގޮވާލާ ތައިލެންޑު ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާތާ މަސްތަކެއް ވެއްޖެއެވެ. ރަސްގެފާނު މަހާ ވަޖިރަލޮންކޮން އެނބުރި ޤައުމަށް ވަޑައިގަތުމާއި އެކު ތައިލެންޑު ރައްޔިތުން ސަރުކާރާއި ދެކޮޅަށްކުރާ މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
މިއާއިއެކު ތައިލެންޑުގެ ސަލާމަތީ ބާރުތަކުން މުޒާހަރާތަކާއި ދެކޮޅަށް ބާރުގެ ބޭނުންކުރާ މިންވަރު ވެސް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އިއްޔެވެސް ބެންކޮކްގައި އާންމުން ވަރުގަދަ މުޒާހަރާއެއް ކޮށްފައިވާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. މުޒާހަރާކުރާ ޒުވާނުން ވަނީ ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހު ކުރުމަށްވެސް ގޮވާލާފައެވެ. މިއީ ކުރިން ތައިލެންޑު ރައްޔިތުން ގޮވާލި ކަމެއްނޫނެވެ. ނަމަވެސް ތައިލެންޑުގެ ތަރައްޤީ އަށް އެޅިފައިވާ ހުރަހަކީ އެޤައުމުގައި ހިންގަމުންދާ ކުރީގެ ބޯދާ ރަސްކަމުގެ ނިޒާމު ކަމަށް އެޤައުމުގެ ޒުވާނުން މިހާރު ދެކޭކަމަށް ރިޕޯޓުތަށް ބުނެއެވެ.
One Response
ވެރިކަން ބީވިޔަނުދެއްވާނެ އެއްވެސް ރަސްކަލަކު. ދެން ބޭނުންކުރާނީ ފާދިރީން ދިނަށްޓަކައި ރަސްގެފާނު ހުރުމަށް ގޮވާލީމާ ދެން ދެކޮޅުހަދާ ކޮންމެމީހެއް ބާޣީއަކަށްވެނިމޭނީ