ބައިނަލް އަގްވާމީ ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އީރާނުން އިސްރާއީލަށް ދިންކަމަށްބުނާ ހަމަލާގެ ނަތީޖާއަކީ އީރާނަށް ބޮޑު ނަސްރެއް ލިބުމެވެ. އޭގެ ފަހުން މިހާރު ރައްދު ޙަމަލާއެއް ދިނުން ނުވަތަ ބަދަލު ހިފަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
އިސްރާއީލުން އިސްފަހާނަށް ޙަމަލާދިނީ މި ބޭނުމުގައި ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އިސްރާއީލުން ދެނެއް އެހެން ޙަމަލާއެއް ދީފާނެކަމަކަށް ނުބެލެވެއެވެ. އިސްރާއީލުން އީރާނަށް ދިން ޙަމަލާގެ އެއްވެސް މަގްސަދެއް އޮތްނަމަ އެއީ އެމެރިކާއާއި އިސްރާއީލާއި އަދި އިނގިރޭސި ވިލާތުންވެސް ބުނަމުންގެންދާ “ އިސްރާއީލުން ރައްދުގައި އީރާނަށް ޙަމަލާއެއް ދޭނީ ހަމައެކަނި ބޭނުންވާ މިންވަރަށެވެ. އިން ފަހަނަޅާ ނުދާނެއެވެ ”.
އިސްރާއީލުން އެނބުރި ވަޑައިގެންނެވި އެ ތިން ގައުމުގެ ސިޔާސީ ބޭފުޅުންވެސް ބައިނަލް އަގްވާމީ ފޯރަމްގައި އިސްރާއީލުގެ އަގު ހިފެހެއްޓުމަށްޓަކައި ބުނަމުން ގެންދަނީ ހަމަ އެ ޖުމުލައެވެ. އެކަމަކު އިސްރާއީލުން އިރާނަށް ދިންއަބުނާ ޙަމަލާގައި އީރާނުގެ ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ ބިރުވެރިކަމެއް އިޙްސާސްކުރަން ޖެހުނު ކަމުގެ ނިޝާނެއްވެސް ނުފެނެއެވެ.
ޙަގީގަތުގައި ހުކުރު ދުވަހު އިސްފަހާނުގެ ސަރަޙައްދުން ގޮވި ބާރުގަދަ ގޮވުމަކީ ކިހިނަކުން ހިނގާދިޔަ ކަމެއް ހެއްޔެވެ؟ އިސްފަހާނަކީ އީރާނުގެ ވަރަށް ގިނަ މިލިޓްރީ ޙަރަކާތްތައް ހިންގަމުން ގެންދާ ސަރަޙައްދެކެވެ.
ސަބްޓެރޭނިއަން ނަތަންޒް ނިއުކްލިއަރ ސައިޓްވެސް ހުންނަނީ އެތަނުގައެވެ. އަދި ހަމަ އެތަނުގައި އެއަރބޭސްއެއްވެސް ހުރެއެވެ. އިސްރާއީލުގެ މޮސްއަދުން މީގެ ކުރިންވެސް އެތައްފަހަރަކު އެތަނަށް ޙަމަލާދިނުމަށް މަސައްކަތް ކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އިސްރާއީލުގެ ޙަމަލާގައި ބޭނުން ކޮށްފައިވަނީ މިސައިލްގެ ބަދަލުގައި ޑްރޯން ނުވަތަ މަތިންދާބޯޓެވެ.
މިހާތަނަށް އެ ޙަމަލާއާއި ގުޅިގެން އިސްރާއީލުން ބުނަމުން ގެންދަނީ ޙާލަތު ގޯސްވެދާނެތީ އާންމުކޮށް ބޭނުން ކުރަމުން ގެންދާ ޖުމުލައެވެ، “ ތިޔައީ އަހަރެމެންނަށް އެނގޭ ކަމެއްވެސް ނޫނޭ “ މި އިބާރާތެވެ.
މިހާތަނަށް އެ ޙަމަލާގެ ޙަގީގަތް އެނގިފައެއް ނެތެވެ. އީރާނުގެ އެތައް ސަތޭކް ޑްރޯނަކާއި މިސައިލް ޙަމަލާއަކުން ދިފާއު ވެގަތުމަށް 1 ބިލިއަން އެމެރިކާ ޑޮލަރ ހޭދަކުރަންޖެހި އަދި އީރާނާ މެދު ބައިނަލް އަގްވާމީފައިސަލާއަކަށް ގޮވަމުންދާއިރު ބަދަލުގައި ދިން ރައްދު ޙަމަލާވެސް ވެގެން މިދިޔައީ އީރާނަށް ފައިދާވާ ގޮތަށް ހެއްޔެވެ؟
އެތައް އަހަރެއްވާންދެން އެމެރިކާއިން އީރާނަށް ކުރަމުންދިޔަ ފިއްތުންތަކާއި އިގްތިސާދީ ދަތިކުރުންތައްފެނިގެން މިދަނީ އޭލިއަނުންފަދަ ގޮތް ނޭންގޭ އޮޅުންބޮޅުންތަކެއްގެ ގޮތުގައެވެ.
އެމެރިކާއިން އެކިފަހަރުމަތިން ހިފާއްޓާފައިހުރި އީރާނުގެ ފައިސާވެސް ދޫކުރެވިދާނެ ކަހަލަ މާޙައުލެއް އުފައްދައި ގާނޫނުތައް ގެނެސްގަނެ އެކަމަށްވެސް މަގު ފަހިކުރަމުންދާތަން މިހާރުދަނީ ފެންނަމުންނެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތައް ދިގުދެމިގެންވާ ގޮތަކަށް ކުރިއަށް ގެން ދިއުމާއިއެކު އެގައުމުން ނިއުކްލިއަރ ބޮން އުފެއްދުން ނުހުއްޓުވުނިއްޔޭ ބުނުންވެސް އެއީ އެމެރިކާއަށް މާބޮޑުކަމަކަށް ވާނެހެން މިހާރަކު ހިއެއް ނުވެއެވެ. އަދި އިސްރާއީލުގެ ދިފާއަށް ކުޅުމަކީވެސް މިހާރު މައްސަލައަކަށް ނުވެއެވެ. ސަބަބަކީ ޙަމަލާއެއް ދޭން ޖެހިއްޖެއްޔާ ދެން މިފެންނަނީ “ ބޮލާ ފޮށާ އެޅޭތަނެވެ ”.
މިކަންތައްތައް މިގޮތަށް ދަނީ އިސްރާއީލުން އެގޮތް ބޭނުންވާތީއެއް ނޫނެވެ. ޙަގީގަތްކީ އެމެރިކާއާއި ބައިވެރިންގެ ދެފުށްދެގޮތް ފިއްތުންތަކާއިހުރެ އިސްރާއީލަށްވެސް ހިންދަމާލާނެ ފުރުސަތު ނުލިބެނީއެވެ. އީރާނުން ދިން ޙަމަލާއާއި ގުޅިގެން މިދިޔަ ހަފުތާގައި އިސްރާއީލާ އެއްކޮޅަށް އެމެރިކާއާއި ހުޅަނގުން ހާމަކޮށްދިން އެއްބައިވަންތަކަން ފެނުމުން އެ ގައުމުތަކުގެ ބަސް ގަބޫލުނުކޮށް އިސްރާއީލަށް ފަރުޖެއްސޭކަށްވެސް ނޯންނާނެއެވެ.
އެކަމަކު ފުންކޮށް ވިސްނާލީމާ ބުނެވެންއޮތީ އެމެރިކާއާއި އިނގިރޭސި ވިލާތާއި ބައިވެރިންގެ ސިޔާސަތު އޮތީ ކިތަންމެ ރަނގަޅަކަށްވެސް އީރާނަށް މޮޅުވާގޮތަށްކަން ހާމަކޮށްދީފައެވެ.
އިސްރާއީލުން އީރާނަށް ޚާއްސަކޮށް އީރާނުގެ މިސައިލް ޕްރޮގްރާމަށް އަދި ވަކިން ޚާއްސަކޮށް އީރާނުން ނިއުކްލިއަރ ފައްކާކުރަމުން ގެންދާ މައި ސަރަޙައްދު އިސްފަހާނަށް ޙަމަލާދިނުމަށް ރާވައި މީހުންތަމްރީނު ކުރަމުން ގެންދާތާ 10 އަހަރަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ.
އެކަމަކު މިދިޔަ ހުކުރު ދުވަހު ފަތިސްނަމާދު ވަގުތުގައި އިސްރާއީލުން އީރާނަށް ދިންކަމަށްބުނާ ޙަމަލާގައި އެ ތަމްރީނުތަކުގެ ފެންވަރު ހާމަކޮށްދީފިއެވެ. އީރާނުގެ ހަނަފަސް ބިމަކަށް މަޑިއަށް ޖެހުނީ ކަމަށް ސިފަކޮށްފާވެއެވެ.
ނިއު ޔޯރކް ޓައިމްސް އިން ބުނެފައިވަނީ އިސްރާއީލުން ދިން ޙަމަލާ ދިޔައީ ދިވެހިން ބުނެ އުޅޭ ފަދައިން ފަނުފުލުންކަމަށެވެ. އެކަމަކު އެމެރިކާއިން ތެދުވެ ބަނޑުން ވެލި ފޮޅާލުމަށްފަހު ބުނެފައިވަނީ އިސްރާއީލުގެ ރައްދު ޙަމަލާއާއި ގުޅިގެން އީރާނުން އަޅާނުލާތިބުން އިޚްތިޔާރު ކޮށްފައިވަނީ އެއީ އިސްރާއީލުން ދިން ޙަމަލާއެއްކަންވެސް ކަށަވަރު ނުކުރެވޭތީ އާއި އަދި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ހިނގަން ބޭނުން އީރާނުން ނުވާތީކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލުން ޕެންޓަގަން އަށާއި ޚާރިޖީ ވުޒާރާ އަދި ޖާސޫސީ އިދާރާތަކަށް އަންގާފައިވަނީ އީރާނުން ރުޅިއަރާފާނެ ގޮތަކަށް ދެން ކަންތައް ނުކުރުމަށެވެ. ވައިޓް ހައުސްގެ އެންގުމުގެ ސީދާ ތަރުޖަމާއަކަށްދާނަމަ ބުނެވޭނީ “ ސަރަޙައްދުގެ އަމާން ކަމަށްޓަކައި އީރާނުން މައިތިރިވެ ތިބުން ބޭނުންވާތީ އިސްރާއީލުން ހިންގި އޮޕަރޭޝަނުގެ ވާހަކަ ނުދައްކާ މަޑުން ތިބޭށެވެ ”.
އެމެރިކާގެ އޮފިޝަލުންގެ އިންޓަރވިއު ތަކުން ފާހަގަ ކުރެވޭކަމަށް ނިއުޔޯރކް ޓައިމްސްއިން ބުނެފައިވަނީ މިހާރުގެ ޙާލަތުގައި އީރާނާއި އިސްރާއީލުންވެސް ދެ ގައުމުގެ ނިއުކްލިއަރ ޙަކަތައާއި ބެހޭ ސަރަޙައްދުތަކަށް ޙަމަލާ ދީފާނެ ކަމުގެ ބިރުވެރިކަން ބޮޑުވެއްޖެ ކަމަށެވެ.
ރައީސް ބައިޑްން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫއަށް ގައުމުގެ އެތެރޭން ކުރިމަތިލާން ޖެހިފައިވާ ހުރަސްތަކާއި އަދި ގޮންޖެހުންތަކާއި ހުރެ އީރާނާއި އިސްރާއީލާ ދެމެދު ހިނގާދިޔަ ކަންތައްތައް ހަނދާން ނައްތާލަން ނަސޭޙަތް ދެވިދާނެ ފުރުސަތުވެސް މިހާރަކު ނެތެވެ.
އީރާނުގެ ޚާރިޖީ ސިޔާސަތު އެންމެ ކުރީ ޒަމާނުއްސުރެން ބިނާ ކޮށްފައި އޮންނާނީ އެމީހުންގެ ފަލްސަފާގައި “ މާމަގެ ފިޔަވަޅުމަތީ “ ގައެވެ. އީރާނީންގެ އާދަކާދައިގާ އާއިލާގެ އެންމެ ބާރުގަދަ މީހަކީ މާމައެވެ. މާމަ ރުޅިއައިސްގެން އެއްޗެކޭ ބުނުމުން ހުރިހާ ދަރިން ދުވެ ފިލާފާނެއެވެ.
މާމަގެ ސިޔާސަތުގައި މަންޒިލަށް ވާސިލު ވުމަށްޓަކައި ކުރިއަށް އަޅަންޖެހޭނީ މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. މަގު އަމާންވެފައި ނެތްކަމަށް ޝައްކު އުފެދިއްޖެނަމަ ދެންޖެހޭނީ ހުއްޓޭށެވެ. އަވަސް އަރުވާލައިގެން ކުރިއަކަށް ނުދެވޭނެއެވެ. މަގު އަމާންވީމާ އަލުން ކުރިއަށް ހިނގައި ގަންނާށެވެ.
ހުޅަނގުގެ ގައުމުތަކުން އީރާނުގެ މި ފަލްސަފާ ހަނދާން ނެތިއްޖެކަހަލައެވެ.
2 Responses
ތިއީ އެމެރިކާ އިޒްރޭލު ލައްވާ ހިންގާ ބޮޑުވެގެންވާ ޖަރީމާއެކެވެ. ކަލްޕްޓަކީ އެމެރިކާއެވެ.
އެމެރިކާގެ އިގްތިސާދު އިނދަ ޖެހެމުންދާތީއާއި ބްރިކްސް އިން ކުރަމުންގެންދާ މަސައްކަތުން ޑޮލަރުގެ އަގުވެސް ވެއްޓުމުގެ ބިރު އޮތީމާ މިހާރުއްސުރެން ޚަރަދު ކުޑަކުރެވިދާނެ ގޮތްތައް ހޯދަން އޮތީ ޖެހިފައެވެ.
އަޅުގަނޑުމެން މެދު ރާއްޖެތެރޭގައި ބުނެ އުޅޭފަދައިން ފައިސާނެތް ސޭޓް ހުދުމަރު…