އިސްރާއީލުން އީރާނުގެ ކިތަންމެ ކުޑަތަންކޮޅަކަށް އަރައިގެންފިނަމަވެސް އޭގެ ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލު އެއްކޮށް ނެތިދިއުން ކަމުގައި އީރާނުގެ ރައީސް ވަޢުދުވެ ވަޑައިގެންފިއެވެ.
އީރާނުގެ ސިފައިންގެ އަހަރީ ޕެރޭޑެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރައީސީ ވިދާޅުވީ އިރާނުން މިދިޔަ ހަފުތާ ނިމުނު ހިސާބުގައި އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެން އިސްރާއީލުން ރައްދުގައި ޙަމަލާދޭނެކަމަށް ބެލެވޭ ކަމަށާއި އިސްރާއީލުން ދީފާނެ ކޮންމެ ޙަމަލާއެއްގެ ބަދަލު ދިނުމުގައި އީރާނުން ހުރަސް ނުކުރާނެ އެއްވެސް އިމެއް ނޯންނާނެ ކަމަށް އިންޒާރު ދެއްވިކަމަށް އިރްނާ އޭޖެންސީނަ ވަނީ ޚަބަރުދީފައެވެ.
އިސްރާއީލުންވެސް ވަނީ ރައްދު ޙަމަލާ އީރާނަށް ދޭނެ ކަން މީޑިއާތަކަށްވެސް ކަށަވަރު ކޮށްދީފައެވެ. އީރާނަށް ޙަމަލާ ނުދިނުމަށް އިސްރާއީލުގެ ވާގިވެރިން އެމެރިކާ އާއި އިނގިރޭސިވިލާތުން ބާރުއަޅައި ނަސޭޙަތްތެރި ވަމުން ގެންދަނިކޮށް އީރާނަށް ޙަމަލާ ދިނުމަށް އިސްރާއީލުންނިންމުމާއި ގުޅިގެން އެގައުމުގެ މިލިޓްރީ ކައުންސިލްގެ ބައްދަލުވުމެއް އަންގާރަދުވަހު ވަނީ ބާއްވާފައެވެ.
އީރާނުގެ ރައީސީ ބައިވެރިވެ ވަޑައިގެންނެވި ސިފައިންގެ ޕެރޭޑް އިންތިޒާމް ކުރައްވާފައިވަނީ އާންމުކޮށް އެފަދަ ޕެރޭޑްތައް ބާއްވަމުން ގެންދާ ތެހެރާނުގެ ދެކުނު ރަށްބޭރު ހައިވޭގެ ބަދަލުގައި ތެހެރާންގެ އުތުރު ފަރާތުގައި އޮންނަ މިލިޓްރީ ސަރަހައްދެއްގައެވެ. އެބަދަލު ގެނައި ސަބަބު ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
ފޮކްސް ނިއުސް އިން ބުނެފައިވަނީ ކުރީ އަހަރުތެކެކޭ އެއްފަދައިން މިފަހަރުގެ ޕެރޭޑް ވަގުތުން ދައްކާފައިވެސް ނުވާކަމަށެވެ.
ރައީސީ ވިދާޅުވީ މިދިޔަ ހޮނިހިރުދުވަހު އީރާނުން އިސްރާއީލަށް ދިނީ ސީރިޔާގައި ހުރި އީރާނުގެ ސަފީރު އޮފީހަށް އިސްރާއީލުން ދިން ޙަމަލާގައި އީރާނުގެ 2 ޖެނެރަލުންވެސް ހިމެނޭގޮތުގައި އީރާނުގެ 12 މީހަކު މަރުވެފައިވާތީ ވަކި މިނަކަށް ފައްތާފައި ދިން ޙަމަލާއެއް ކަމަށެވެ.
އީރާނާއި އިސްރާއީލުން ސީދާ ކުރިމަތި ލުމަކަށް މިހާތަނަށް ގޮސްފައި ނުވި ކަމުގައިވިޔަސް ނުސީދާގޮތެއް ގައި ދެ ގައުމުން ހަނގުރާމަ ކުރަމުން ގެންދާތާ ގިނަ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖއެވެ.
ސީ އެން އެން އިން ޚަބަރުދީފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ އެތެރެއަށް ޙަމަލާ ދީފިއެވެ. ނަމަވެސް އީރާނުން އެކަން ދޮގުކޮށްފާވެއެވެ. އެމެރިކާގެ އޮފިޝަލުން ސީ އެން އެން އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް އީރާނުން މާބޮޑަށް ހަނގުރާމައިގެތެރެއަށް ސީދާގޮތުން ބައިވެރި ނުވާކަމަށް ބުނަމުން ގެންދިޔަ ނަމަވެސް އެ ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެއެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިސްރާއީލުން އީރާނަށް ޙަމަލާދޭނެކަން ރަސްމީގޮތުން އެމެރިކާއަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އެމެރިކާއިން އެޙަމަލާދިނުމަށް ރުހުންދީފައި ނުވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ސީ އެން އެން އަށް ކިޔާދީފައި ވެއެވެ.
އީރާނުގެ ރަސްމީ މީޑިއާއިން ޚަބަރު ދީފައިވާގޮތުގައި އިސްފަހާން ސަހަރަހައްދުގެ މިލިޓްރީ ބޭސް އެއްގެ ކައިރިން ބާރުގަދަގޮވުމެއްގެ އަޑު ތިންފަހަރު އިވުމާގުޅިގެން އިސްފަހާނާއި ތަބްރޭޒްގެ އެއާރޑިފެންސް ސިސްޓމް ވަނީ ޙަރަކާތަށް ގެނެސް ފައެވެ.
އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް އަބްދުލް ރަޙީމް މައުސަވީ ވިދާޅުވެފައިވަނީ އިސްފަހާނުގެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑަކީ އެ ސަރަހައްދުގައި ހިނގައިދިޔަ ޝައްކުކުރެވޭފަދަ ޙަރަކާތަކަށް އެންޓި އެއާރކްރާފްޓް ސިސްޓަމުން ޝޫޓްކުރުމުން އުފެދުނު އަޑުފައްގަނޑެއް ކަމަށެވެ.
ޝައްކުކުރެވުނު އެ ޙަރަކާތުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އީރާނުގެ ނިއުސް އޭޖެންސީ އިރްނާއިން ރިޕޯރޓް ކޮށްފައި ވެއެވެ. އީރާނުގެ އެހެން އޮފިޝަލަކު މަޢުލޫމާތު ދީފައިވަނީ އެއާރޑިފެންސް ސިސްޓަމަށް 3 ޑްރޯނެއް ފެނިފައިވާ ކަމަށާއި އެއްވެސް މިސައިލް ޙަމަލާއެއް އެ ސަރަހައްދަށް އަމާޒުވެފައި ނެތް ކަމަށެވެ.
އީރާނުން އެ ޙަމަލާގެ އަސްލު މިހާތަނަށް ދެނެގަނެވިފައިވާ ކަން ހާމަކޮށްފައެއް ނުވެއެވެ. ގިނަ މީޑިއާތަކަކުން ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތައް ހުރީ ވަރަށް ބޮޑަށް ރައްކާތެރި ކުރެވިފާކަމަށެވެ.
އީރާނުގެ މީޑިއާތަކުން ދައްކާ މަންޒަރުތަކަށް ބަލާއިރު އިސްފަހާނުގެ އާންމު ދިރިއުޅުމާއި ދަތުރުފަތުރާއި ޕާރކްތަކާއި ޒިޔާރަތްކުރާ މީހުންގެ ޙަރަކާތްތަކަށް ބަލާއިރު އާންމު ޙާލަތާ އެއްވެސް ތަފާތެއް ހުރި ކަމަކަށް ނުފެނެއެވެ. ކުޑައިރުކޮޅަކަށް އެއަރޕޯރޓުގެ ޙަރަކާތްތައް މެދު ކަނޑާލާފައި އޮތުމަށްފަހު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.
ސުވާލު އުފެދިފައިވާ އެބުނާ ޙަމަލާ އައިސްފައިވަނީ އިސްރާއީލުން އީރާނަށް ޙަމަލާއެއް ދީފިނަމަ ރައްދު ދިނުން ލަސް ނުވާނެކަމަށް އީރާނުގެ ޚާރޖީ ވަޒީރު ސީ އެން އެން ގައި ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އަދި އެ ރައްދު ޙަމަލާއަކީ ކުޑަކުޑަ ޙަމަލާއަކަށްވެސް ނުވާނެކަމަށާއިއިސްރާއީލުން މިފަހަރު ގޯހެއް ހަދައިފިނަމަ އުމުރަށް ގިސްލާ ރޯން ޖެހޭނެކަމަށެވެ. މިކަން އޮންނާނީ ވައިޓް ހައުސްއާއި ޒައަނިސްޓުންގެ ބައިވެރީނަށް މިހާރު އަންގާފައެވެ.
މެދުއިރުމަތީގެ ޙާލަތު މިހާރު އޮތީ ދަމާލި ކަނޑީގެ މިޔަ ދަށުގައެވެ.
ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ކަމަށްބެލެވޭ ޙަމަލާގައި އީރާނުގެ އާންމުންނަށާއި ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒު ނުކުރާނެކަމަށް އެމެރިކާއިން އުންމީދުކުރާކަމަށް ބުނެފައި ވެއެވެ.
އިސްރާއީލުން އީރާނަށް ދޭ ރައްދު ޙަމަލާއަކީވެސް ވަކި ހުދޫދެއްގެ ތެރޭގައި ދެވޭނެ ޙަމަލާއެއް ކަން އިސްރާއީލުންއެމެރިކާއަށް އަންގާފައިވާކަން ސީ އެން އެން މީގެ ކުރިން ވަނީ ރިޕޯރޓް ކޮށްފައެވެ.
އިސްރާއީލުގެ މަދަދުގާރު ހުޅަނގުގެ ގައުމުތަކުން އިސްރާއީލުގެ ދިފާޢު ކަށަވަރުކޮށް ދެމުން ގެންދިއުމާއި އެކުގައިވެސް ރައްދު ޙަމަލާ ނުދިނުމަށް ގެންދަނީ އިސްރާއީލަށް ބާރު އަޅަމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ވަރަށް ސާފު ބަހުން އީރާނަށް އެއްވެސް ޙަމަލާއެއް ދިނުމުގައި އެމެރިކާގެ ބައިވެރިވުން ނުލިބޭނެކަން ނަތަންޔާހޫއަށް އަންގާފައިކަމަށް އެމެރިކާގެ އިސް އޮފިޝަލަކު މަޢުލޫމާތު ދީފައި ވެއެވެ.
އިސްރާއީލުގެ ހަނގުރާމައާއިބެހޭ ކެބިނެޓްގެ ވަޒީރަކު ކަމުގައި ހިމެނޭ ބެނީ ގާންޒް ބޭނުންވަނީ ވީހާވެސް އަވަހަށް އީރާނަށް ޙަމަލާދިނުމަށެވެ. އަދި ލަސްކުރި ވަރަކަށް ބައިނަލް އަގްވާމީ ތާއީދު ދެމިއޮތުންވެސް ކުޑަވެގެން ހިނގައިދާނެ ކަމަށް އޭނާ ބުނެއެވެ.
އިސްރާއީލު ސަރުކާރުގައި ހިމެނޭ ގައުމީ ސަލާމަތާއިބެހޭ ވަޒީރު އިތާމަރ ބެން ގްވިރް ފަދަ ބައެއް ހައްދުފަހަނަޅާފައިވާ ވަޒީރުން ބުނަމުން ގެންދަނީ އީރާނަށް ޙަމަލާދިނުމުގައި އިސްރާއީލުން މޮޔައަކު ތެޅިފޮޅޭހެން އަވަސް އަރުވާލަން ޖެހޭނެއެވެ. އެކްސް ގައި އޭނާކޮށްފައިވާ މެސެޖެއްގައި ޙަމަލާ ލަސްކުރުމަކީ ބަލިކަށިކަން ގަބޫލު ކުރުން ކަން ދޭހަވާ ގޮތަކަށްވެސް ވާހަކަދައްކިއެވެ.
އިދިކޮޅު ލީޑަރ ޔައިރް ލެޕިޑް ބުނެފައިވަނީ އިތާމަރ ބެން ގްވިރް ބުނެފައިވާ ޙާލަތަކީ މައާފް ނުކުރެވޭނެ ޙާލަތެކެވެ.
އިސްރާއީލާއި ގުޅުންހުރި އަރަބި ގައުމުތަކުން ބުނަމުން ގެންދަނީ އީރާނުގެ ޙަމަލާގެ ސަބަބުން މުޅި މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބޮއްސުންލައިގެނަ ހިނގައްޖެ ކަމަށެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާއެއް ދީފިނަމަ ރައްދުގައި އެންމެ ބޮޑަށް ތަރައްގީ ކުރެވިފައިވާ މިސައިލް ބޭނުން ކޮށްގެން އިސްރާއީލުގެ ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާދޭނެކަމަށް އީރާނުގެ ނިއުކްލިއަރ ސެކިއުރިޓިއާ ބެހޭ ކޮމާންޑަރ އިން ޗާރޖް އަޙްމަދު ޙަގްތަލަބް ވިދާޅުވިކަމަށް އީރާނުގެ ސެމީ އޮފިޝަލް ނިއުސް އޭޖެންސީ ތަސްނީމް އިން ބުނެފައިވެއެވެ.
އަދި އެހާ ހިސާބުން މިހާރު ސިވިލް ބޭނުންތަކަށް ތަރައްގީ ކުރަމުންގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކުރެވިގެން ދާނޭކަމަށެވެ.
2 Responses
އިޒްރޭލުތިއީ އެމެރިކާގެ ނުހަލާލު ދަރި. ވީމާ އެމެރިކާ މޮޔަ ބޮލަށް އަރާނެނޫންތޯއެވެ!
Dhuaakee Israel adhi e terrorist state ah vaagiverivaa faraaithah balive nethigen dhiun