ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މިނިވަންކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށާއި ރައީސް ޑރ.މުޢިއްޒު ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުންދާަކަމަށް ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ތުހުމަތުކުރައްވައިފިއެވެ.
ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ލަސްވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރޭ ވަނީ ވިދާޅުވެފައެވެ.
އަސްލަމްގެ ވާހަކަފުޅަށް އިޝާރަތްކުރައްވަމުން ޖަމީލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “މަޖިލިސް ރައީސް ވިދާޅުވާހެން ރ.މުޢިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރ.ޔާމީނު މިނިވަން ކުރަން ހުރަސް އަޅުއްވާ“ ކަމަށެވެ.
ޖަމީލު ވިދާޅުވީ ވަކި ފަނޑިޔާރަކަށް ނުފޫޒު އެބައޮތް ކަަމަށާއި ރައީސް ޑރ.މުޢިއްޒު އެ ފަނޑިޔާރުގެ އާއިލާއަށް ސިޔާސީ ހަދިޔާ ދެއްވަމުން ގެންދަވާ ކަމަށެވެ.
“މަޖިލިސް ރައީސަށް ޝުކުރު އަދާކުރަން. ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވީ ސީދާ ރ.މުޢިއްޒު. ފުލުހުންނާމެދު ފިޔަވަޅެއް ވެސް ނާޅާ. ގާނޫނުގައި އޮތް ގޮތް ހަމައެކަނި ހާމަކުރީ. ފިޔަވަޅަކަށް ވާނީ އިހްސާން [ހޯމް މިނިސްޓަރު] ވަކިކުރުން.“ ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާގެ ސަބަބުން ހާމަ ވެގެން ދިޔައީ ޔާމީނާމެދު މުޢިއްޒުގެ އަދާވާތްތެރިކަމާއި ހަސަދަ ވެރިކަން އޮތް މިންވަރު ކަމަށާއި މިހާރު މިއީ “ޔޯލަ ވާހަކައެއް“ ނޫން ކަމަށެވެ.
![]()

One Response
ހާދަ ދެރައެވެ. މުއިއްޒުގެ ވެރިކަންވެސް ހަލަބޮލިވާތަން ފެންނަންފެށީއެވެ. ވާނީވެސް އެހެންތާއެވެ. ރައީސް ޔާމީނު އެންޑޯސް ކުރެއްވި ކެންޑިޑޭޓޭ މާގިނައިން ކިޔުނީއެވެ. ދެން ވެރިކަން ލިބުމުން ޔާމީނު އެންޑޯޒް ނުކުރައްވާކަމަށް ހައްދަވަން އުޅުއްވީމާ ދިމާނުވަނީއެވެ. ޔާމީނު މާރަނގަޅޭ ބުނީއަކީ ނޫނެވެ. އެހެނަސް ދޮގުހެދުމުގައި އެންމެންވެސް ހައްދެއް ގެންގުޅެންވާނެއެވެ.